އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި، ގަވާއިދާ ހިލާފަށް ސަފާރީއަކަށް އެރުވި ބަނގުރާ ކޭސްތަކެއް ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފިއެވެ.
ފުލުހުން ބުނީ މި މަހު 2 ވަނަ ދުވަހު، އދ. މަހިބަދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި އެ ތަކެތި އަތުލައިގަނެފައިވަނީ ކަނޑުމަތިން ކަމަށެވެ.
އަދި މި އޮޕަރޭޝަނުގައި، ދިއްގަރުފަޅާއި މަހިބަދުއާ ހިސާބުން ކަނޑުމަތިން ދޯންޏަކާއި ސަފާރީއެއް ބަލައިފާސްކުރި އިރު 1794 ފުޅި ބަނގުރާއާއި 1680 ދަޅު ބަނގުރާ ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މީގެއިތުރުން ފުލުހުން ބުނީ މި ތަކެއްޗަކީ ގަވާއިދާ އެއްގޮތަށް ބޮންޑެޑް ވެއާހައުސްއިން ނެރެގެން ރިސޯޓަކަށް ގެންދަން އުޅުނު ތަކެތި ކަމާއި މި ތަކެތި ސަފާރީއަށް އަރުވާފައިވަނީ ގަވާއިދާ ހިލާފަށްކަން ތަހުގީގުން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. އަދި މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.