ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކައަށާއި ބޮޑުވަޒީރު ޑޮކްޓަރ ހަރީނީ އަމަރަސޫރިޔާއަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު އުއްޒު ތަހުނިޔާ އާއި ހެޔޮ އެދުންތައް ފޮނުއްވައިފިއެވެ.
ސްރީލަންކާގެ ރައީސް ދިސާނަޔަކައަށާއި ބޮޑުވަޒީރު ޑޮކްޓަރ އަމަރަސޫރިޔާއަށް، ރައީސް ވަކިވަކިން ފޮނުއްވި މި ތަހުނިޔާގެ ސިޓީފުޅުތަކުގައި، ސްރީލަންކާއަށް މިނިވަންކަން ހޯދުމުގެ ދަތުރުގައި އެ ޤައުމުގެ ކުރިއެރުމާއި ލާބައަށްޓަކައި ރައްޔިތުން ދެއްކި އަޒުމާއި ސާބިތުކަން ފާހަގަކުރައްވާފައިވެއެވެ.
އެމަނިކުފާނުގެ ސިޓީފުޅުތަކުގައި، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ޒަމާންވީ ގާތް ގުޅުމާއި ދެގައުމުން ހިއްސާކުރާ އެއްގޮތް ސަގާފީ މުއާމަލާތްތައް އިތުރުވެ، ގާތް ސަރަހައްދީ ދެ ގަނެއުމުގެ ހައިސިއްޔަތުން އެއް ގައުމު އަނެއް ގައުމަށް ދިމާވާ ގޮންޖެހުންތަކާއި ދެގައުމަށް ފައިދާހުރި ކަންކަމުގައި ގުޅިގެން މަސައްކަތްކުރާކަން އެ މަނިކުފާނު ފާހަގަކުރައްވާފައިވެއެވެ. ދެ ގައުމުގެ މެދުގައި އޮތް ޒަމާންވީ ގާތް ގުޅުމަކީ، އެކުވެރިކަމުގެ މައްޗަށް ބިނާވެފައި އޮތް، ދެގައުމު ގަބޫލުކުރާ ހަމަތަކެއްގެ މަތިން އެއް ގައުމު އަނެއް ގައުމަށް ކުރާ އިހުތިރާމުގެ މައްޗަށް ބިނާވެފައި އޮތް ގުޅުމެއްކަން ރައީސް ފާހަގަކުރައްވާފައިވެއެވެ.
ރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދު އޮތް ގާތް ގުޅުމުގެ މައްޗަށް ބައްލަވާލައްވަމުން ރައީސް ވަނީ، ދެ ގައުމަށް ކުރިމަތިވާ ގޮންޖެހުންތަކުގައި ގުޅިގެން މަސައްކަތް ކުރުމާއެކު އިޖުތިމާއީ، އަދި އިގްތިސާދީ ކުރިއެރުމަށް ހުރި ފުރުސަތުތައް ހޯދުމަށާއި ސަރަޙައްދީ ހަމަޖެހުމަށާއި ސުލްޙައާއި ލާބައަށް ދެ ގައުމު ގުޅިގެން އެކުގައި މަސައްކަތް ކުރާނެކަމުގެ ޔަގީންކަން އޮތްކަމުގައި ވިދާޅުވެފައެވެ.
ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، ރައީސް ވަނީ އެމަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓުންވެސް މެސެޖެއް ހިއްސާކުރައްވާފައެވެ.