ކިންގްޑަމް އޮފް ބެލްޖިއަމްގެ އައު ބޮޑު ވަޒީރު، ހިޒް އެކްސެލަންސީ ބާރޓް ޑެ ވޭވަރއަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ބޮޑު ވަޒީރު ކަމުގެ މަގާމުގެ ހުވައި ކުރެއްވުމާ ގުޅިގެން، ބެލްޖިއަމްގެ އައު ބޮޑުވަޒީރަށް ރައީސް ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުގައި، ބޮޑުވަޒީރަށް ކާމިޔާބު ދައުރަކަށް އެދިވަޑައިގެން، ބެލްޖިއަމްގެ ރައްޔިތުންގެ އުންމީދުތައް ފުރިހަމަކޮށްދެއްވާނެ ކަމުގެ އިތުބާރާއި ޔަގީންކަން އެބަ އޮތް ކަމުގައި ވިދާޅުވެފައި ވެއެވެ.

ރައީސްގެ ސިޓީފުޅުގައި ރާއްޖެއާއި ބެލްޖިއަމާ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައިވެއެވެ. ދިވެހިރާއްޖެއާއި ބެލްޖިއަމާ ދެމެދުގައި އޮތް، ބައި ގަރުނެއްހާ ދުވަސްވީ އެކުވެރި ގުޅުމަކީ، ދެފަރާތުގެ މެދުގައި އޮތް އިހުތިރާމާއި، ހެޔޮ އެދުމުގެ މައްޗަށް ބިނާވެފައި އޮތް ގުޅުމެއް ކަމުގައި ސިފަ ކުރައްވާފައިވެއެވެ.

އަދި ދެގައުމުގެ މެދުގައި މިހާރު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށާއި، ދޭދޭ މަސްލަޙަތު ހިމެނޭ ބައިނަލްއަގްވާމީ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަންވެސް ބެލްޖިއަމްގެ އައު ބޮޑުވަޒީރަށް ރައީސްްް ދެއްވާފައިވެއެވެ.