އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕާއި ޒަޔަނިސްޓް އިޒްރޭލުގެ ހައްދުފަހަނައެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ފަލަސްތީނުގެ ޣައްޒާ ރައްޔިތުން އެބިމުން ބާލާނެ ގޮތްތަކާ ގުޅޭ ހިޔަވަޅު ރޭވުންތައް ރޭވުމުގެ ސައްލާތައް ފަށައިފިއެވެ.

މި ރޭވުންތައް ޓްރަންޕާއި ނަތަންޔާހޫ ކުރަމުން ދަނީ އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގައެވެ.

ވެރިކަމާ މީގެ ދުވަސްކޮޅެއް ކުރިން ހަވާލުވުމަށްފަހު ލަދެއްނެތި ޓްރަންޕް ބުނީ ޣައްޒާގެ ރައްޔިތުން އެބިމުން ބާލައި މިސްރާއި އުރުދުންއަށް ގެންދަން ވެއްޖެ ކަމަށެވެ. އެކަމަކު މި ދެގައުމުން ވަނީ މިކަމަށް ނޫނެކޭ ބުނެފައެވެ.

ނަތަންޔާހޫއާއެކު ހިޔަވަޅު ސައްލާތައް ކުރުމަށްފަހު ނޫސްވެރިންނާ 40 މިނެޓް ވަންދެން ޓްރަންޕް ބައްދަލުކުރިއެވެ. މި 40 މިނެޓުގެ ތެރޭގައި 5 ފަހަރުމަތިން ޓްރަންޕު ވަނީ ޣައްޒާއިން ފަލަސްތީނު ރައްޔިތުން ބާލަން ޖެހޭ ކަމަށް ބުނެ ވާހަކަ ދައްކާފައެވެ.

މީގެ އެތައް އަހަރެއް ކުރިންްފެށިގެންވެސް ޔަހޫދީންގެ އަމާޒަކީ އެމެރިކާ ބޮލަށް ސަވާރުވެގެން އިނދެ، ފަލަސްތީނުގެ ބިންތަކުން ފަލަސްތީނު ރައްޔިތުން ނެރެ މުޅި ފަަލަސްތީނަށް ޔަހޫދީ ޒަޔަނިސްޓުން ވެރިވެގަތުމެވެ.