ވޭޕް ބޭނުންކޮށްގެން މިދިޔަ މަހު 12 މީހަކު ޖޫރިމަނާކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިހެން ބުނީ މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައެވެ.
އެ މެސެޖުގައި ފުލުހުން އިތުރަށް ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނާ ހިލާފުވެގެން 14 މައްސަލައެއްގައި 11 މީހަކު މިދިޔަ ޑިސެންބަރު މަހުގެ 15 އިން 31ގެ ނިޔަލަށް ޖޫރިމަނާކޮށްފައިވާކަމަށާއި އަދި އެއީ ޖުމްލަ 60،500 ރުފިޔާ ކަމަށެވެ.
އަދި މިދިޔަ މަހު 14 މައްސަލައެއްގައި 12 މީހަކު 70،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މިދިޔަ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހު، ރައީސް ޑރ. މުއިއްޒު، ވޭޕްގެ އެކި ބާވަތްތައް ރާއްޖެ އެތެރެކުރުމާއި ރާއްޖޭގައި ބޭނުންކުރުމާއި ހިލޭބެހުމާއި ވިއްކުން މަނާކުރުމަށް ނިންމެވިއެވެ.
އަދި މިދިޔަ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެމަނިކުފާނުގެ މި ނިންމެވުން ތަންފީޒްކުރެއްވުމަށް ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނު އިސްލާހުކޮށް، އެ ގާނޫނަށް އަމަލުކުރަން ވަނީ ފަށާފައެވެ.
މީގެއިތުރުން މިދިޔަ ޑިސެންބަރުމަހުގެ 15 ވަނަ ދުވަހުން ފެށިގެން މަނާކޮށްފައިވަނީ އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ބޭނުންކުރުމާއި ހިލޭބެހުމާއި ވިއްކުމެވެ.