އެމްޑީޕީގެ ވިސްނުމުގައި ނޫނީ ދެން ރާއްޖެ ކުރިއަކަށް ނުދާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލޭ ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ރިޒްނާ ޒަރީރުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ މިދިޔަ ހަތް އަހަރު ދިވެހީންނަށް ތަފާތު ތަޖުރިބާތަކެއް ކުރަން ޖެހުނު ކަމަށާއި އެކަމުގެ ސަބަބަކީ އެމްޑީޕީގެ ވެރިކަމެއް އޭރު ނެތުން ކަމަށެވެ.

"މިދިޔަ ހަތް އަހަރު ގޯސްވެގެން ދިޔައީ އެހެން ބޭފުޅަކު ވެރިކަމުގައި ހުންނަވައިގެނެއް ނޫނޭ. އެމްޑީޕީ ވެރިކަމުގައި ނެތިގެން. އަޅުގަނޑުމެން ފިކުރު އަޅުގަނޑުމެންގެ ވިސްނުން އަޅުގަނޑުމެން މިބުނާ ގޮތް މިރާއްޖޭގެ ރައްޔިތުން ބަލައިގެންފި. މިރާއްޖޭގެ ރައްޔިތުންނަށްނަށް އެނގޭ އެމްޑީޕީގެ ވިސްނުމުގައި ނޫނީ ދެން މިރާއްޖެ ކުރިއަކަށް ނުދާނެ. ދެވޭކަށް ނުވެސް ނެތް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މަޖިލިސް އިންތިޚާބުގެ ކެމްޕެއިންގައި އެމަނިކުފާނު ދެއްކެވި ވާހަކަ ހަގީގަތަކަށް ވަމުން އަންނަ ކަމަށެވެ. އެގޮތުން އެޖެންޑާ19 ތަފާތުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި ވިދާޅުވުން އޭރު ބައެއް މީހުން ގަބޫލުނުކުރިޔަސް އެޖެންޑާ19 ތަފާތު މިންވަރު މިއަދު ފެންނަމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ހަމަ އެގޮތަށް ރަށްވެހި ފަތިސްވެސް ބޮޑުތަނުން ތަފާތުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހި ކަމުގެ މައްސަލައާ ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވީ މާލެ ރައްޔިތުންނަށް ދެން ލިބޭނީ މުޅީން އާ މޭޔަރެއް ކަމަށާއި އެއާއެކު މާލޭ ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހަދައިދެއްވާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް މި ލިބެނީ އަނެއްކާވެސް މުޅިން އާ މޭޔަރެއް. މާލެ ބަދަލުކޮށްލަދޭނެ. މާލެ ރައްޔިތުންނަށް އެ މީހުންގެ އުންމީދުތައް ހަގީގަތަކަށް ހަދައިދޭނެ. އަޅުގަނޑުމެން ހުއްޓައެއް ނުލާނެ، ނުލާނޭ. މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަމެއް ނުލިބެނީސް އެމީހުންގެ އުދާސްތަކުން އެމީހުންނަށް އަރައިނުގަނެވެނީސް އަޅުގަނޑުމެން މި މަސައްކަތް ހުއްޓާފައި ދުރަށް ޖެހޭނެ ގޮތެއް ނެތް. ހަމަ އެއް ގޮތެއްވެސް ނެތް. އަޅުގަނޑު އަނަސް ގާތުގައި ހުންނާނަން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިއަދު ވަނީ އިދިކޮޅު ޕީޕީއެމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.