އއ. ހިމަންދޫގައި ހުންނަ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ އިންޖީނުގޭގެ މުވައްޒަފުންގެ ފަރާތުން، ފަލަސްތީނުގެ ގާޒާގެ ރައްޔިތުންނަށް 126,560 ރުފިޔާ ހަދިޔާކުރައްވައިިފިއެވެ.

ސްޓެލްކޯއިން ވަނީ މިކަން ހާމަކުރައްވާ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.

އެ ޕޯސްޓްގައި އެކުންފުނިން އިތުރަށް ވިދާޅުވެފައިވަނީ "ހެލްޕް ގާޒާ - ދިވެހިން ހަނދާނެއް ނުނެތޭ" ގެ އެރަށުގައި ކުރިއަށް ގެންދިޔަ ހަރަކާތަކީ ފަލަސްތީނާ އެކު ދިވެހިން ތިބިކަން ހާމަކޮށްދިނުމުގެ ގޮތުން ހިމަންދޫ އިންޖީނުގޭގެ މުވައްޒަފުންގެ އިސްނެގުމާއެކު، ހިމަންދޫ ކައުންސިލް، ސަރުކާރުގެ މުއައްސަސާތައް އަދި ކްލަބް ޖަމްއިއްޔާތަކާ ގުޅިގެން ގެންދިޔަ ހަރަކާތެއް ކަމަށެވެ.

އަދި މި ހަރަކާތުން ހަރަކާތުން ޖުމްލަ 260,800 ރުފިޔާ (ދެލައްކަ ފަސްދޮޅަސްހާސް އަށްސަތޭކަ ރުފިޔާ) އެއްކުރެވިފައިވާ ކަމަށާއި މީގެ ތެރެއިން 126,560 ރުފިޔާ (އެއްލައްކަ ސައްބީސްހާސް ފަސްސަތޭކަ ފަސްދޮޅަސް ރުފިޔާ) އަކީ އެ ކުންފުނީގެ އިންޖީނުގޭގެ މުވައްޒަފުން ހަދިޔާކުރި ފައިސާ ކަމަށްވެސް ވިދާޅުވިއެވެ.

ސްޓެލްކޯއިން ވަނީ މިފަދަ އިޖްތިމާއީ ހިދުމަތުގެ މަސައްކަތްތަކުގައި އެ ކުންފުނީގެ މުވައްޒަފުން އަމަލީގޮތުން ދައްކަމުންދާ ނަމޫނާއަށްޓަކައި ފަހުރުވެރިވާކަން ފާހަގަކުރުމާއެކު، އެ ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ.