ކޮވިޑް-19 ބަލި ފަތުރާ އޮރިޖިނަލް ކޮރޯނާވައިރަސްގެ ކިބައިން ދިފާއުކޮށް ދިނުމުގައި ނޮވާވެކްސްގެ ކޮވިޑް ވެކްސިން %96 އިފެކްޓިވް ކަމަށް، ޔޫކޭގައި ކުރިއަށް ގެންދިޔަ އެންމެފަހު މަރްހަލާގެ ކްލިނިކަލް ޓްރައިލްސްއިން ދައްކާފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
ނޯވާވެކްސްގެ ވެކްސިން ދިން މީހުންގެ ބަލިބޮޑުވުމުގެ މައްސަލައެއް އަދި ބަލީގައި އެ ކުންފުނީގެ ވެކްސިން މީހަކު މިހާތަނަށް މަރުވެފައި ނުވާކަމަށްވެސް ބުނެފައި ވެއެވެ.
ހަމަ އެއާއެކު، ނޯވާވެކްސްގެ ވެކްސިން، ޔޫކޭއިން ފެނިފައިވާ ކޮވިޑް ވައިރަހުގެ ވޭރިއެންޓުން ދިފާއު ކޮށްދިނުމުގައިވެސް %86 އިފެކްޓިވް ކަމަށް ޓެސްޓުތަކުން ދައްކާފައިވާ ކަމަށް ހާމަކޮށްފައި ވެއެވެ.
ކޮރޯނާވައިރަސްއާއި އަދި ޔޫކޭ ވޭރިއެންޓުގެ ޒަރީއާއިން ބަލިޖެހިފައިވާ މީހުންގެ، އެއްކުރެވުނު މައުލޫމާތަށް ބަލާއިރު، ނޯވާވެކްސްގެ ވެކްސިން އޯވަރޯލްކޮށް %90 އިފެކްޓިވް ކަމަށްވެސް ކުންފުނިން ބުނެފައި ވެއެވެ.
ނޯވާވެކްސްއިންވަނީ ސައުތު އެފްރިކާގައިވެސް ކުޑަ ކްލިނިކަލް ޓްރައިލްސްއެއް ކުރިއަށް ގެންގޮސްފައެވެ. ސައުތު އެފްރިކާއަކީ، ކޮރޯނާވައިރަހުގެ އަދި މާ ނުރައްކާތެރި ކަމަށް ބެލެވޭ ސްޓްރެއިންއެއް ފެނި އަދި ފެތުރެމުންދާ ގައުމެކެވެ.
އެގައުމުގައި ކުރެވުނު ނޯވާވެކްސް ވެކްސިންގެ ޓްރައިލްސްއިން ވެކްސިން އިފެކްޓިވް ކަމަށް ދައްކާފައިވަނީ %55 އެވެ.
އެހެން ނަމަވެސް، އެ ވެކްސިންގެ ސަބަބުން، ބަލި ޖެހުނަސް ބަލީގެ ހާލަތު ބޮޑުވެ އަދި މަރުވުމުން ސަލާމަތްކޮށްދޭ ކަމަށް ތަހުލީލުތަކުން ދައްކާފައި ވެއެވެ.
ޔޫކޭގައި ކުރިއަށް ގެންދިޔަ އެންމެފަހު މަރްހަލާގެ ކްލިނިކަލް ޓްރައިލްސްއިން ނުކުމެފައިވާ ނަތީޖާއަކީ، ޖެނުއަރީމަހު އާންމުކުރި ނަތީޖާއާވެސް ހަމަ ދާދި އެއްގޮތް ނަތީޖާތަކެކެވެ.
ނޯވާވެކްސްގެ ވެކްސިނަށް ދުނިޔޭގެ ގައުމުތަކުން އިމަޖެންސީ އެޕްރޫވަލް ހޯދުމުގައި އެ ކުންފުނިން ގައުމުތަކަށް ހުށަހަޅާނީ އެންމެފަހުގެ ޓްރައިލްސްތަކުން ނުކުތް ނަތީޖާއެވެ.
ނޯވާވެކްސްއަކީ އެމެރިކާގެ ކުންފުންޏެވެ. މި ވެކްސިން އިމަޖެންސީ ބޭނުމަށް އެމެރިކާގައި ބޭނުންކުރުމުގެ ހުއްދައަށް އެ ކުންފުނިން ހުށަހަޅާނީ ކޮން އިރަކު ކަމެއް ސާފެއް ނުވެއެވެ.
އެ ކުންފުނިން އެމެރިކާގައި ކުރިއަށް ގެންދާ ކްލިނިކަލް ޓްރައިލްސް އަދި ނިމިފައި ނުވެއެވެ.
ޔޫކޭގައި ކުރިއަށް ގެންދިޔަ ޓްރައިލްސްގައި އުމުރުން 18 އަހަރާއި 84 އަހަރާ ދެމެދުގެ 15،000 މީހުން ބޭނުންކޮށްފައި ވެއެވެ.