މިމަސް ނިމުމުގެ ކުރިން 4000 ފްލެޓް ލިބޭ ހައްގުރުވެރިންގެ ލިސްޓް ނިންމައި ފްލެޓް ލިސްޓް އިއުލާނުކޮށް، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ފްލެޓްތައް ހަވާލުކޮށް ނިންމާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު މިއަދު ދެއްވި ރިޔާސީ ބަޔާނުގައި ވިދާޅުވެއްޖެވެ.

ރައީސް ވިދާޅުވީ މިދިޔަ ސަރުކާރުން އިމާރާތްކުރަން ފެށި 4،000 ފްލެޓް ނިންމައި އެ ތަންތަން ލިބޭނެ ކަމަށް އިއުލާން ކޮށްފައިވާ 4،000 މީހުންގެ ލިސްޓާ ގުޅިގެން އޭސީސީގެ އެންގުންތަކާއެކު، އެ ލިސްޓުގެ ސައްހަކަން ބެލުމަކީ މި ސަރުކާރުން ހައްލު ކުރަން ޖެހިފައިވާ "ވަރަށް ހައްސާސީ މައްސަލައެއް" ކަމަށެވެ. އަދި އެމަނިކުފާނުގެ އަމާޒަކީ މަސައްކަތް ނިމެމުންދާ ވަރަކުން ފްލެޓް ހަވާލު ކުރަމުން ގޮސް މިއަހަރުގެ ސެޕްޓެމްބަރުގެ މަހުގެ ނިޔަލަށް، ފްލެޓް ހައްގުވާ ހުރިހާ ފަރާތްތަކާ ފްލެޓް ހަވާލުކޮށް ނިންމުން ކަމުގައެވެ.

ރިޔާސީ ބަޔާނުގައި ރައީސް އިތުރަށް ވިދާޅުވީ ބޯހިޔާވަހި ކަމުގެ އިތުރު މަޝްރޫއުތަކެއް މިއަހަރު ހުޅުމާލޭގައި ފައްޓަވާނެކަމަށެވެ.