ޣައްޒާއިން ފަލަސްތީނުގެ ލޮބުވެތި ރައްޔިތުން ބޭލުމަށް އެއްވެސް ފަރާތަކުން ކުރާ އެއްވެސް މަަސައްކަތަކަށް ރާއްޖެއިން ތާއީދު ނުކުރާނެކަމަށާއި ރާއްޖޭގެ ސްޓޭންޑަކީ އިރުމަތީ ޖެރޫސަލަމަކީ ފަލަސްތީނުގެ ވެރިރަށް ގޮތުގައި ހަމަޖެއްސުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުން މަޖިލިސް މިއަހަރަށް ހުޅުވުމަށް ދެއްވެވި ރިޔާސީ ބަޔާނުގައެވެ.

ފަަލަސްތީނުގެ މައްސަލައަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޤައުމުތަކުގެ ބިންތައް ހިފައިގަތުމާއި، ފުރާނަޔަށް ގެއްލުންދިނުމާއި، އިންސާނީ ކަރާމާތަށް އަރައިގަތުން ފަދަ ޖަރީމާތައް ދިވެހި ރާއްޖެއިން އެއްގޮތަކަށްވެސް ބަލައި ނުގަންނާނެކަމަށެވެ. ރައީސް ވިދާޅުވީ ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި އިސްރާއީލާ ދެކޮޅަށް ދެކުނު އެފްރިކާއިން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ހުށަހަޅާފައިވާ މައްސަލައަށް ރާއްޖެއިން ތަދައްޚުލުވުމަށް ނިންމައި، ރާއްޖޭން ވާނީ މިދިޔަ އަހަރު ޑެކްލަރޭޝަން އޮފް އިންޓަރވެންޝަން ހުށަހަޅާފައި ކަމަށެވެ. މީގެ އިތުރުން ފަލަސްޠީނުގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށްޓަކާ، އ.ދ. އާއި ބައިނަލްއަޤްވާމީ ޖަމިއްޔާތަކާއި ދުނިޔޭގެ އެކި ޤައުމުތަކުން ކުރިއަށްގެންދާ ހަރަކާތްތަކާ ގުޅިގެން އިސްރާއިލުން އުފުލަންޖެހޭ ޒިންމާތަކާ ބެހޭގޮތުން އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސްގެ އިސްތިޝާރީ ލަފައަކަށް އެދި 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 19 ވަނަ ދުވަހު އ.ދ.ގެ އާންމު މަޖިލީހުން ފާސްކުރި ޤަރާރު ދިވެހި ރައްޖެއިން ކޯ ސްޕޮންސަރ ކޮށްފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގެ ސްޓޭންޑަކީ އިރުމަތީ ޖެރޫސަލަމަކީ ފަލަސްޠީނުގެ ވެރިރަށްކަމަށާއި، ފަލަސްޠީނުގެ ވަކި ދައުލަތެއް އުފެއްދުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، ވަކި ދައުލަތެއް ޤާއިމްކުރުމަށް ފަލަސްތީން ރައްޔިތުން ދެކެމުން އަންނަ ހުވަފެން ޙަޤީގަތަކަށް ހެދުމަށްޓަކައި ކުރަމުންދާ މަސައްކަތުގައި ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުމާއި ތާއީދާއި އެހީތެރިކަން ފަލަސްޠީންގެ ރައްޔިތުންނަށް މި ސަރުކާރުން އަބަދުވެސް ދޭނެކަމުގެ ޔަޤީންކަން ރައީސް މިއަދު ދެއްވި ރިޔާސީ ބަޔާނުގައި ވިދާޅުވިއެވެ.

ފަލަސްތީނުގެ ރައްޔިތުން ޣައްޒާއިން ބޭލުމަށް ރާއްޖެއިން ތާއީދު ނުކުރާނެކަން ރައީސް އިއުލާން ކުރެއްވިއިރު، ދުނިޔޭގެ ބޮޑުބާރު އެމެރިކާ ރައީސް ޑޮނަލްޑް ޓްރަންޕް ގެންދަވަނީ ޣައްޒާއިން ފަލަސްތީނުގެ ރައްޔިތުން ބާލައި ހުސްކުރަންޖެހޭ ކަމަށް ފާޅުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އަދި އެތަނާ އެމެިރކާއިން ހަވާލުވެ ރިއަލްސްޓޭޓް ވިޔަރާފި ފަށަން ތައްޔާރަށް އޮތްކަމަށް ޓްރަންޕް ގެންދަނީ އެއްވެސް ޖެހިލުމެއް ނެތި ވާހަކަފުޅު ދައްކަވަމުންނެވެ.