އަމީނީމަގު މާފަންނު ސްޓޭޑިއަމް ސަރަހައްދުގެ ތާރުގަނޑު ހަލާކުވެފައިވާ ހިސާބުގައި ބައިންޑަރ ކޯސް ފަށަލަ އެޅުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށް ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ.

އާރްޑީސީން މިހެން ބުނެފައިވަނީ މިއަދު އެ ކޯޕަރޭޝަނުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.

އާރްޑީސީން ބުނީ ރޭ މެންދަމު ކުރިއަށް ގެންދިޔަ މި މަސައްކަތަކީ އަމީނީމަގުގައި އަޅާފައިވާ ތާރުގަނޑު މާފަންނުގެ ބައެއް ސަަރަހައްދުން ހަލާކުވެފައިވާ ހިސާބު މަރާމާތު ކުރުމުގެ މަސައްކަތްތަކުގެ ތެރެެއިން، ކުރިއަށް ގެންދިޔަ މަސައްކަތެއް ކަމަށެވެ.

ސަރުކާރުން 84.4 މިލިއަން ރުފިޔާ ހަރަދުކުރައްވައިގެން ކުރިއަށްގެންދިޔަ، އަމީނީ މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ޖުމްލަ 1.79 ކިލޯމީޓަރުގެ ސަރަހައްދެއް ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކޮށްފަވެއެވެ. އަމީނީ މަގުގެ މަސައްކަތް މުޅިން ނިންމާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުއެވެ.