މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދެވޭނޭ ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި މިހާރު ވަނީ ގާއިމްކުރެވިފައިކަމަށާއި މަސްވެރިންނަށް ނުދީހުރި ފައިސާއާއެކު، މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ދީ، ހަލާސްކުރެވިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މި ހިނގާ 2025 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
މަސްވެރިކަމުގެ ސިނާޢަތާމެދު އެމަނިކުފާނު ދެކެވަޑައިގަންނަވާ ތަސައްވުރު ހިއްސާކުރައްވަމުން، ރައީސް ވިދާޅުވީ ދިވެހި މަސްވެރިކަމަކީ ދިވެހިންގެ ޝަހުސާއި، ދެމިތިބުމާއި ގުޅިފައިވާ ގުދުރަތީ އެންމެ މުހިންމު އެއް ހަދިޔާކަމަށެވެ. އެހެންކަމުން، އެ ސިނާޢަތުގެ ދެމެހެއްޓިނިވިކަމާއި ނަފާ ދިވެހިންނަށް އޭގެ އެންމެ ފުރިހަމަގޮތުގައި ލިބުމަކީ ދައުލަތަކަށް އެޅިފައިވާ އެންމެ ބޮޑު ޒިންމާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން، ރިޔާސީ ވައުދެއް ކަމަށްވާ 48 ގަޑި އިރު ތެރޭގައި މަސްވެރީންނަށް ފައިސާ ދެވޭނެ ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި މިހާރު ގާއިމުކުރެވިފައިވާ ކަމަށާއި މަސްވެރިންނަށް ނުދެވިވާ ފައިސާއާއެކު، މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ދީ، ހަލާސްކުރެވިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކޯލްޑް ސްޓޯރޭޖް ޤާއިމުކުރުމާއި، މަސް ޕްރޮސެސިންގ ޕްލާންޓް ގާއިމުކުރުމުގެ މަސައްކަތާއި، އައިސް ޕްލާންޓް ގާއިމްކުރުމާއި، 100 ދޯނީގައި އާރް.އެސް.ޑަބްލިއު ސިސްޓަމްތައް ގާއިމްކުރުމުގެ އިތުރުން، ބޮޑު ކަންނެލީގެ މަސްވެރިކަން އިތުރަށް ތަރައްގީކުރުމުގެ ގޮތުން ޕްރޮސެސިންގ ފެކްޓްރީއެއްގެ މަސައްކަތް މިހާރުވެސް ކުރިއަށްގެންދަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މަސްވެރިންގެ މަސައްކަތުގެ ހަރަދު ކުޑަކުރުމަށް، އެސްޓީއޯ މެދުވެރިކޮށް، އެސް.ޓީ.އޯ ރޭޓުގައި ޑީސަލް ވިއްކަން މިއަހަރު ފެށިގެންދާނޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މަސްވެރިންނަށް މާލީ އަދި އިދާރީ ފުރުސަތުތައް ފަސޭހަކޮށްދިނުމުގެ ގޮތުން، މަސްވެރިންގެ ގައުމީ ދަފުތަރެއް އެކުލަވާލާ، އެ ދަފުތަރުގައި މަސްވެރިކަމުގައި ހަރަކާތްތެރިވާ ދޯނިތަކުގެ 95 އިންސައްތަ މިހާތަނަށް ރަޖިސްޓްރީވެފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. މި ދަފްތަރުގައި ރަޖިސްޓަރީވާ މަސްވެރިންނަށް ބޭންކިންގ ނިޒާމުގެ ތެރެއިން ލުއިލޯނު ހޯދުމުގެ ފުރުސަތާއި އެސް.ޓީ.އޯ ކްރެޑިޓް ފެސިލިޓީ ފަދަ ކަންކަމަށް އެޕްލައިކުރުމުގެ ފުރުސަތު މި އަހަރު ނިމުމުގެ ކުރިން ފަހިވެގެންދާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މަސްވެރިންނާއި މަސްވެރި އާއިލާތަކުގެ ގައުމީ ހިދުމަތަކީ ދައުލަތުން ޝަރަފާއެކު ބަލައިގަންނަ ހިދުމަތެއްކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން، އެސިނާއަތުގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމާއި، ސިނާއަތުގެ ތަރައްގީ ސަރުކާރުން ކަށަވަރުކުރާނޭ ކަމުގެ ޔަގީންކަން ރައީސް ވަނީ ރައްޔިތުންނަށް ދެއްވާފައެވެ.