ގައުމުގެ މުސްތަގުބަލަކީ އަދުގެ ޒުވާނުން ކަމަށާއި، ޒުވާން ޖީލު ހަރުދަނާ ކުރުމަށްޓަކައި ވިޔާނުދާ އަމަލުތަކުން އެފަރާތްތައް ރައްކާތެރިކުރުމަކީ އެ މަނިކުފާނުގެ ކޮނޑުފުޅުގައި އެޅިފައި އޮތް މުހިންމު ޒިންމާއެއް، އަދި ވާޖިބެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މި ހިނގާ 2025 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ކޮންމެ ދާއިރާއެއްގައި ހިދުމަތްކުރިޔަސް ޒުވާނުންނަކީ ގައުމެއްގެ ދިރެމުންދާ އަދި ފޯދެމުންދާ އާބާދީ ކަމަށާއި ގައުމެއްގެ އެންމެ އަގުހުރި އެއް ރައުސްމާލަކީ އެ ގައުމެއްގެ ޒުވާނުން ކަމުގައި ސިފަކުރައްވައި، ރިޔާސީ ބަޔާން ކުރިއަށް ގެންދަވަމުން ރައީސް ވިދާޅުވީ، ގައުމީ ތަރައްގީގައި ޒުވާނުންގެ ހަކަތައާއި ވާގިވެރިކަން ކިތަންމެހައި ވެސް ބޮޑަކަށް ބޭނުންވާ ކަމުގައެވެ. އެ ކަމަށްޓަކައި ޒުވާނުން ބާރުވެރިކުރުމުގެ މަސައްކަތްތަކެއް ކުރެވެމުން ދާ ކަމަށާއި، ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ތެރެއިން ޒުވާނުން ތަމްރީނު ކުރެވެމުން ދާ ކަން ރައީސް ފާހަގަކުރެއްވިއެވެ. ހަމައެހެންމެ ކޮމިއުނިޓީ އަޕް ސްކިލިންގ ޕްރޮގްރާމްގެ ތެރެއިން ޒުވާނުން ވަޒީފާގެ ބާޒާރަށް ނެރެ، އަމިއްލަ މަސައްކަތުން އުޅޭ ފުދުންތެރި ބަޔަކަށް ހެދުމުގެ މަގުސަދުގައި މިހާތަނަށް 21 ރަށެއްގައި 166 ޒުވާނުން ވަނީ އެ ތަމްރީނު ފުރިހަމަކޮށްފައިކަން، ރައީސް ފާހަގަކުރެއްވިއެވެ.

މި ކަންކަމުގެ އިތުރަށް، ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާއާއި ގެވެށި އަނިޔާ ހުއްޓުވުމަށް މަސައްކަތްކުރާނެ ޒުވާނުން ބިނާކުރުމަށް 500 ޒުވާނުންނަށް އަމާޒުކޮށްގެން، މި އަހަރުގެތެރޭގައި ތަމްރީނު ޕްރޮގްރާމުތަކެއް ހިންގުމަށް ކަނޑައެޅިފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

ޒުވާނުން މުޖުތަމައުގައި ހަވާސާ ވިޔަނުދީ ބޭނުންތެރި ބަޔަކަށް ހެދުމަށް ގިނަ ފުރުސަތުތައް އަދުގެ ސަރުކާރުން ފަހިކޮށްދެއްވަމުން ގެންދަވާ ކަމުގައި ވިދާޅުވެ، ރިޔާސީ ބަޔާން ކުރިއަށް ގެންދަވަމުން ރައީސް ވިދާޅުވީ، މިދިޔަ އަހަރުގެ ނަޞްރުގެ ދުވަހު އިޢުލާންކުރެއްވި ނޭޝަނަލް ސަރވިސްގެ ނިޒާމަކީ، ދިވެހި ޒުވާނުންގެ މެދުގައި ގައުމިއްޔަތުގެ ރޫހާއި، އިލްމާއި ފަހުރު ދިރުވައި އާލާކޮށް، އިސްލާމް ދީނަށް ލޯބިކުރާ ރައްޔިތެއް ޤައުމުގައި ބިނާކުރެވޭނެ ކަމެއް ކަމުގައި ގަބޫލުފުޅުކުރައްވާ ކަމުގައެވެ. ކުށުގެ ވެށީގައި ޒުވާން އުމުރު ބޭކާރުވެގެންދާން، މިހާރު އެތައް ޒުވާނުންނަކަށް މަޖުބޫރުވެފައި އޮތް އޮތުން ނިމުމަކަށް ގެންނަވަން ބޭނުންފުޅުވާ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. މި މޭރުމުން ކުރެވޭ ހިދުމަތްތަކުގެ ތެރެއިން، އެ ޒުވާނުންގެ އަމިއްލަ އާއިލީ ދިރިއުޅުމާ، ޤައުމީ ޙަޔާތާއި، އަހުލާގާއި ޢިލްމީ މައިދާން، އެ ޒުވާނުންނަށް އެންމެ ފައިދާހުރި ގޮތުގައި ދިވެހި ދައުލަތުން ބިނާކޮށްދެއްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

މި ދިވެހި ގައުމުގެ ޒުވާނުންނަކީ ރޫޙާނީ ގޮތުންނާއި ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ހަށިހެޔޮ ބަޔަކަށް ހެދޭނެކަމީ އެ މަނިކުފާނު ކުޑަކޮށްވެސް ޝައްކުކުރައްވާ ކަމެއް ނޫން ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ދިވެހި ޒުވާނުންނާ މެދު ކުރެވޭ އުންމީދާއި އެ ޒުވާނުންގެ މައްޗަށް ކުރެވޭ އިތުބާރު މަތިވެރިކަމުގައި ވިދާޅުވެ، ބަޔާން ކުރިއަށް ގެންދަވަމުން ރައީސް ވިދާޅުވީ، ޒުވާނުންނަކީ ދިވެހި ހިދުމަތުގެ އުދަރެހަށް އުދަވަމުންދާ ތަރިތަކެއް ކަމަށާ، އެ ތަރިތަކުގެ ވިދުމާއި ބެބުޅުމަށް ޖާގަދޭން ޖެހޭނެ ކަމަށެވެ.

އުފާވެރި ދިރިއުޅުމަކަށްޓަކައި، ހަރަކާތްތެރިކަމަކީ ވަރަށް މުހިންމުކަމެއް ކަމަށާއި، އެކަމަށްޓަކައި ފިޓްނަސްއާއި ކުޅިވަރުގެ ދާއިރާއަކީ ވަރަށް ބޭނުންތެރި ދާއިރާއެއް ކަމުގައި ރައީސް ވިދާޅުވިއެވެ. ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވަސީލަތްހަމަ، ފެންވަރު ރަނގަޅު ކުޑަކުޑިންގެ ޕާކަކާއި، އެކި އުމުރުތަކަށް ބޭނުންކުރެވޭ އައުޓްޑޯ ޖިމެއް އަދި ވަސީލަތްހަމަ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ހުޅުވިގެންދާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ބިނާ ކުރަނިވި އެތައް މަޝްވަރާތަކަކަށްފަހު، ވިހި އަހަރުގެ ޤައުމީ ކުޅިވަރު ތަރައްގީގެ ޕްލޭނެއް މިހާރު އެކުލަވާލެވިފައި ވާ ކަމަށާއި، ޤައުމީ އަދި ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތައް ބާއްވާ ސްޓޭޑިއަމްތަކުގައި ހުރުން ލާޒިމު، ސިއްހީ ހިދުމަތްތަކާބެހޭ މިންގަނޑު މިހާރު އެކުލަވާލެވިފައި ވާ ކަމުގައި ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ހުޅުމާލޭގައި ޤާއިމުކުރެވޭ މަލްޓި ސްޓޯރީ ފުޓްސަލް ކޮމްޕްލެކްސްއާއި، މަލްޓި ސްޓޯރީ ނެޓްބޯލް ކޮމްޕްލެކްސް އަދި ޑްރިފްޓިންގ ސްޓޭޑިއަމްއާއި، މާލޭގެ ރާޅުގަނޑު ސަރަޙައްދުގައި ގާއިމުކުރެވޭ އިންޓަނޭޝަނަލް ސަރފިންގ ސްޓޭޑިއަމްގެ އަމަލީ މަސައްކަތްތައް މިއަހަރު ފެށޭނެ ކަމުގައިވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ކުޅިވަރުގެ ދާއިރާ ސިފަކުރައްވާފައިވަނީ، އެކަމުން ހިތަށް ހަމަޖެހުމާއި އުފާވެރިކަން ލިބުމުގެ އިތުރަށް، ސިއްހީ އަޚްލާޤީ ފައިދާތަކާއެކު، ގައުމަށް ރީތި ނަން ވެސް ލިބިދޭ ދާއިރާއެއްގެ ގޮތުގައެވެ. މި ގޮތުން ބަލާއިރު، ފާއިތުވި އަހަރު ކުޅިވަރުގެ ދާއިރާއިން ރާއްޖެއަށް ވަނީ އާ ރެކޯޑުތަކެއް ގާއިމުކުރެވިފައި ކަން، 2025 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައިދެއްވާ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.