ވެލެންސިޔާ އަތުން 0-5 އިން މޮޅުވެ ސްޕެނިޝް ކޮޕާ ޑެލްރޭ ސެމީފައިނަލުން ބާސެލޯނާ ރޭ ޖާގަ ހޯދައިފިއެވެ.
ވެލެންސިޔާގެ ދަނޑުގައި ކުޅުނު މިމެޗުގައި ބާސެލޯނާއިން ފުރަތަމަ 30 މިނެޓުގެ ތެރޭގައި 4 ލަނޑު ޖެހިއެވެ. މީގެ ތެރެއިން 3 ލަނޑު ޖަހައި ޓޮރޭސް ހެޓްރިކް ހެދިއެވެ. އަނެއް ލަނޑު ކާމިޔާބު ކޮށްދިނީ ފާމިން ލޮޕޭޒެވެ. ބާސެލޯނާގެ 5 ވަނަ ލަނޑު، 59 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މިސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޒުވާން ލަމީން ޔަމާލްއެވެ.
ވެލެންސިޔާއާ ދެކޮޅަށް މިމެޗަށް ބާސެލޯނާ ނިކުތީ އެންމެފަހުން ސްޕެނިޝް ލީގް މެޗުގައި އަލްވޭސްއާ ދެކޮޅަށް ކުޅުނު ފޯވާޑް ރޮބާޓް ލެވަންޑޮސްކީ އާއި ޑިފެންޑަރު އަރައުހޯ، ގަވީ އަދި މާކް ކަސާޑޯ ނުލައެވެ.
މުޅި މެޗް ކަހަލަ ގޮތަކަށް ބާސެލޯނާއިން ކޮންޓްރޯލްކޮށްގެންކުޅެ 17 ހަމަލާ އުފެއްދިއެވެ. ލީޑް އިތުރަށް ފުޅާކޮށްލާނެ ފުރުސަތުތައްވެސް ބާސެލޯނާއަށް ލިބުނެވެ. ވެލެންސިޔާއަށް އުފެއްދުނީ 4 ހަމަލާއެވެ. މީގެ ތެރެއިން ގޯލަށް އަމާޒުކޮށްލެވުނީ އެންމެ ހަމަލާއެކެވެ.
ކޮޕާޑެލްރޭ ސެމިފައިނަލުން މިފަހަރު ބާސެލޯނާގެ އިތުރުން ދެން ޖާގަ ހޯދީ ވާދަވެރި ރެއާލްމެޑްރިޑް، އެތުލެޓިކޯ މެޑްރިޑް، އަދި ރެއާލް ސޮސިއެޑާޑެވެ.