ޢަބްދުﷲ ނަޢީމް އިބްރާހީމް
އެންމެ ފުރަތަމަ އަޑުއިވުނީ އަކްރަމަށެވެ.
އެއަޑު އިވުނު ގޮތުން ޖެހިގެން ހުރި ކޮޓަރީގެ ކުޑަދޮރުން މީހަކު އެތެރެއަށް ފުންމާލީކަން އެނގުނެވެ. އަކްރަމަކީ ހިތްވަރުގަދަ މީހެކެވެ. އެހެން ނަމަވެސް ރައްކާތެރިވުމުގެ ގޮތުން އަންހެނުން ހޭލެއްވުން ރަނގަޅުވާނެއޭ އޭނާގެ ހިތަށް އެރިއެވެ. އޭނާ ކައިރީގައި ނިދާފައި އޮތް އޭނާގެ އަންހެނުންގެ ގައިގައި ކޮއްޓަޏް ފަށައިފިއެވެ. " ނާހިދާ ތެދުވެބަލަ ހޭލަބަލަ"
"ކިހިނެއްވީ؟" ނާދިޔާ މޯޅިއަކަށް ދެމިލާފައި އަހާލިއެވެ. މޮޔަވީތަ؟ މި ޢުމުރުގައިވެސް ނިދިޔަ ނުދީ އުދަގޫ ކުރަނީތޯ؟
"ލާޙަވްލަ ވަލާ ޤުވައްތަ" އަކްރަމް ދެލޯބޮޑުކޮށްލިއެވެ. "ތިޔަ ދައްކަނީ ކޮންކަހަލަ ވާހަކައެއް؟ އަހަރެން މިގޮވަނީ އެހެން ކަމެއްވެގެން ޖެހިގެން އެހަރަ ކޮޓަރިއަށް މީހަކު ވަދެއްޖެ".
"ދެން އަހަރެން ކީއްކުރާނީ؟ "ހައިރާނެއް ފަހެ ނުވާނެތަ؟ ގެއަށް މީހަކު ވަން ވާހަކަ ބުނީމާވެސް ތިޔަ އަހަނީ ކުރާނީ ކީއްހެއްޔޭތަ؟
ޙައިރާންވޭ ދޭބަލަ ގޮސް ބަލާބަލަ ފިރިހެނަކީ އަކްރަމެއްނު؟ އަހަރެން ހޭލައްވަނީ ކީއްކުރަން؟ އަހަރެން އޮތީ ނުލާހިކު ރީތި ހުވަފެނެއްގެ ތެރޭގައި ހުވަފެނުގައި ފެންނަނީ ސަލްމާން"
އަކްރަމަކަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ސަލްމާނަކީ އެއްދުވަސްވަރެއްގައި ނާހިދާ އާ އިންނަން އުޅުނު މީހެކެވެ. ނީނދެވުނީ ނާހިދާގެ މައިން ބަފައިން ނުރުހުނީމައެވެ. އަކްރަމަށް ނާހިދާ ލިބުނީ އެހެންވެގެންނެވެ. ކޮންމެ ގޮތަކަށް ކަންތައް ހިނގިނަމަވެސް މިރޭގެ މިވަގުތަކީ ނާހިދާ ދެކެ ރުޅިއައިސްގެން ޒުވާބުކުރަން އެކަށީގެންވާ ވަގުތެއްނޫން ކަމަށް އަކްރަމް ކަނޑައެޅިއެވެ. އަކަރަމް އެނދުން ފައިބައިފިއެވެ. އަދި އޭނާ ޒުވާން ދުވަސްވަރު ހޮކީ ކުޅެން ގެންގުޅުނު ދަބު ހިފައިގެން ކޮޓަރިން ނިކުމެއްޖެއެވެ.
ނާހިދާ އަށް އޭނާގެ ފިރިމީހާގެ ހަރަކާތްތައް ހުރި ގޮތް ވަރަށް ހިތްގައިމު ވެއްޖެއެވެ. އެހެންވީމާ އޭނާވެސް އެނދުން ފައިބައިގެން އަކްރަމް ފަހަތުން ނުކުމެއްޖެއެވެ. ޖެހިގެން ހުރިކޮޓަރި ތެރެއަށް އޮތީ އަނދިރިކަން ވެރިވެފައެވެ. އެހެންނަމަވެސް ވައިވައްދާ އާނގަވަޅުން ކޮންމެވެސް ވަރަކަށް ކޮޓަރި ތެރެއަށް އަލިވަދެފައި ހުއްޓެވެ. އެއަލީގެ ތެރއިން އަކްރަމަށް ފެނުނީ ކޮޓަރި ތެރެއަށް އަނގަވަތަށް ވެއްޓިފައި އޮތް މީހެކެވެ. އެމީހާގެ އެއްވެސް ހަރަކާތެއް ނެތެވެ. އެކޮޓީގެ ކުޑަ ދޮރަކީވެސް އާނގަވާޅެކޭ އެއްކަހަލަ އެއްޗެކެވެ.ކުޑަ ދޮރު ހުންނަނީ ވަރަށް މަތީގައެވެ. އެހެންވީމާ ލަފާކުރެވޭ ގޮތުގައި އެމީހާ ކުޑަދޮރުން ފުންމާލީ ކޮންމެވެސް އެއްޗެއްގައި ޖެހިފައި އަނބުރައިގަތީމައެވެ. ނުވަތަ ހޭނެތުނީއެވެ. އެމީހާއޮތްގޮތް ފެނިފައި އަކްރަމްގެ ހިތްވަރު އާލާވާ ގޮތްވެއްޖެއެވެ. މޭފުއްޕާލާފައި އެމީހާގެ ކައިރިއަށް ޖެހިލިއެވެ. ނާހިދާ ކޮޓަރީގެ ބޮކިދިއްލާލިއެވެ. އަލިވީމާ ފެނުނީ ވަރަށް އާދަޔާޚިލާފު މަންޒަރެކެވެ. ބިންމަތީގައި އޮތީ ވަރަށް ރީތި ޒުވާން ފިރިހެނެކެވެ.އޮތްގޮތުން ހީވަނީ މީހަކު ނިންދަވާފައި ބާއްވާފައި އޮތް ކުޑްކުއްޖެއްހެންނެވެ.
މިހާރު ތިޔަބަލަނީ ކޮން އެއްޗެއް؟" އަކްރަމް ނާހިދާއާ ދިމާލަށް ބުނެލިއެވެ. "މިކަލޭގެ ބަނދެލަން އަވަހަށް ވާގަނޑެއް ގެނެސްދީ"
"މިގޭގައި ބޭނުންނުކޮށް ރައްކާކޮށްފަ ހުންނަ ވާ ހުރޭތަ؟"
"ހައިރާންވޭ ވަގަކު ބަނދެލާނެ ވާނގަދެއްހާ ހިސާބުވެސް މިގޭގައި ނެތީތަ؟ އަކްރަމް ރުޅިއައިސްފައި ބުނެލިއެވެ.
އާނ ވަގަކު ވެސް މިގެއަށް ވަނީ އަލަކަށްނު؟ އެހެންވީމާވާވެލާވެލި ތައްޔާރުކޮށްފައެއްނުބެހޭއްޓޭނެނު؟
"އަހަރުމެން ގެއަށް ވަގަކުވަނީތީ ޝުކުރު ކުރޭ ޢާއިލާގެ މީހުންގެ ތެރޭގައި އަހރުމެންގެ ގަދަރުވެސް އުފުލިގެން ދާނެ އަހަރުންމެންނަކީ ފަގީރުންނޭ މިގެއަށް ވަގަކު ނުވަންނާނެއޭ މީހުން ކިޔައެއްނު؟ ނާޙިދާއަކަށް މިހަކަލަ ކަންތައްތަކެއް ނޭގޭނެ، ވަގުންނާ ލުޓޭރުންގެ ސަބަބުންވެސް މީހުންގެ އަގު އަރާގޮތްވޭ. ގެއަށްވަގަކު ނުވަނިއްޔާ މުޖުތަމައުގައި އެބައެއްގެ އެއްވެސް އަގެއް ނޯންނާނެ".
"ދެން ތަޤްރީރު ކޮށްކޮށް ހުންނާނީތަ؟ ނޫނީ އެސްޮރު ބަނދެލެވޭތޯ ބަލާނީތަ ނާހިދާ ބުންޏެވެ. މަޑުކުރޭ އެއްޗިހި ހިއްކަން އަޅުވާ ރޯނު ހިފައިގެން އަންނާނަށް؟
ނާހިދާ ކޮޓަރިން ނިކުމެގެން ހިނގައްޖެއެވެ. އަކްރަމް ވަގު ކަލޭގެ ވަށައިގެން ހިނގައި ބަލަންފެށިއެވެ. އޭނާ ލަިއގެން އޮތީ ވަރަށް ރީތި ގަމީހެކެވެ. އަކްރަމް ހިތްވަރުކޮށްފައި އޭނާ ފާސްކޮށް ބަލައިވެސްފިއެވެ. އޭނާގެ އަތަކު އެއްވެސް ހަތިޔާރެއް ނެތެވެ. އަކްރަމްގެ ހިތަށް އެރިއެވެ. ކޮންކަހަލަ ވަގެއް ހެއްޔެވެ. ވައްކަން ކުރަން ގޭގެއަށް ވަންނަނީ އެއްވެސް ކަހަލަ ހަތިޔާރަކާ ނުލައެވެ. މިދުވަސްވަރުގެ ކުޑަކުދިންވެސް ބޮޑެތި މީހުންނަށް ނުފޮރުއްޕާން ކުރަން ނިކުމެ އުޅެނީ ކޮންމެވެސް ކަހަލަ ހަތިޔާރެއް ހިފައިގެންނެވެ.
ނާހިދާ ނައިލޯނު ވާނަގަޑެއް ހިފައިގެން އައިސް ކޮޓަރިއަށް ވަދެއްޖެއެވެ. "އަން މިއޮތީ ވާނގަޑެއް އަވަހަށް އެސޮރު ބަނދެލާ އަހަރެއް މިއައީ ކުދިންނަށް ވެސް ގޮވާފަ. އެކުދިންވެސް ވަގުން ތިބޭގޮތް ބަލާހިތްވާނެ؟
"އެންމެފުރަތަމަ މީނާ ބަނދެލާނަން އޭގެ ފަހުން ކުދިން ގެނޭ ބަލާބަލަ އޭނާގެ އެސްފިޔަ އެހެރަގެން ތެޅެނީ އެއުޅެނީ ހޭއަރަން"
ދެމީހުންވެގެން އެމީހާ ވަރަށް ރަގަޅަށް ބަނދެލައިފިއެވެ.އޭނާ ހޭއަރަން އުޅޭކަމުގެ އަސަރުތައް ފެންނާން ފަށައިފިއެވެ. ދެމީހުން ވަގު ކަލޭގެއާއި ދިމާލަށް ބަލަންތިއްބާ ބޭރުދޮރުގައި މީހަކު ޓަކި ޖަހައިލި އަޑު އިވިއްޖެއެވެ. ރޭގަނޑު ދަންވަރު ދޮރުގައި ޓަކިދިނުމަކީ ބިރުގަންނަން ޖެހޭކަމަކަށް ގިނަފަހަރަށް އޮންނަނީ ވެފައެވެ.
"މިއޮތް ދަންވަރު ޓަކި ޖަހަނީ ކާކު؟ ނާހިދާ އަހާލިއެވެ.
"ފަހަރީ އަހަރެން މުނީރު." ބޭރުން އަޑު އިވުނެވެ. ދޮރު ހުޅުވާބަލަ"
އަކްރަމް މާނޭވާއެއްލިއެވެ. މުނީރަކީ އޭނާގެ އަވައްޓެރިއެކެވެ. ދެގޭގެ މެދުގައި ވަރަށް ގާތްގުޅުމެއް އޮވެއެވެ." އަވަހަށް ދޮރުހުޅުވާ މުނީރު ވައްދާ."
މުނީރު ވަރަށް އުފާވެރި މޫޑެއްގައި ހުރެގެން ނާހިދާއާ އެކީގައި ވަދެގެން އަތުވެއްޖެއެވެ.." އަހަރެން ދެންމެ ގޭގެ ކުޑަދޮރުން ބަލައިލިއިރު މިގޭން އަލިވާތީ ފެނިގެން ޙަބަރު ބަލާލަން އައީ. މިކޮޓަރިން މީގެ ކުރިން މިހެން އަލިވާތަނެއް ނުފެނޭ ވިއްޔާ އަދި އަމުދުން މިހައި ދަންވަރު އަލިވާން ފެށީމާއަވަށްޓެރިއެއްގެ ހައިސިއްޔަތުން ޚަބަރު ބަލާންޖެހޭނެއޭ ހިތައި އަީ އަނެއްކާ މާބޮޑު ކަމެއް ދިމާވީތާ؟ ފަހަރި ބުނީ ގެއަށް ވަގަކު ވަދެއްޖެއޭ؟
"އާނ މުނީރު ނިކަން ބަލާލަބަ މިއޮތީ މިސޮރު ކުޑަދޮރުން ވަންނަން އުޅެނިކޮށް ވެއްޓި ހޭނެތިފަ."
"މިއޮތީ ފަހުޒަމާން އައިސްފައި މިހާރު ވަގުން ރޭގަނޑުވެސް ގޭގެއަށް ވަންނަން ފެށީ" މުނީރު ބޯހޫރާލިއެވެ." މިހާރަކަށް އައިސް ވަގުން ގޭގެއަށް ވަންނަނީ ދުވާލު."
އަހަންނަން ހީވަނީ މިއީ އަދި ތަމްރީނު ބުރެއްގައި އުޅޭވަގެއްހެން މީނާގެ އަތަކު ހަތިޔާރެއްވެސް ނެތް އަކްރަމް ބުންޏެވެ." އަނެއްކޮޅުން އައިސް ހަމަވަނުމާއެކު މިއޮތީ ހޭނެތިފަ."
"އަކްރަމް އަހަރެންގެ ކުޑަކުޑަ އެދުމެއް އެބައޮތް އަކްރަމަކަށް ގެއްލުމެއް ނުވާނެ. ތިޔަވަގު ކަލޭގެ އަހަންނާ ހަވާލުކުރޭ އަހަރެން އޭނާ ގޮވައިގެން ގެއަށް ހިނގައިދާނަން"
"އެއީ ކީއްކުރަން؟ އަކްރަމް ހައިރާންވެފައި އަހާލިއެވެ.
"މިއަވަށުގައި އަހަންނަށް އޮތް ގަދަރު މިހާރު މިއޮތީ ނެތިގެން ދާން ފަށާފަ" މުނީރު ބުންޏެވެ." ކޮންމެ މަހަކު އެއްފަހަރު އަހަރެން ޝިކާރަކުރަން ޖަނގައްޔައް ދަން، އެކަމަކު އެނބުރި އަންނަނީ ހުސް އަތާ ތިޔަ ވަގު ކަލޭގެ ގެއަށް ގެންގޮސް ބާއްވާފާ އަހަރެން މިއަވަށުގެ މީހުންނަށް ދައްކާނީ އަހަރެން ބުނާނަށް ނިކަން ބަލާބަލާށޭ، މިއޮތީ އަހަރެންގެ ގެއަށް ވަންވަގު ކަލޭގެ ހިފައި ހައްޔަރުކޮށްފައޭ، އޭރުން ކޮންމެވެސް ވަރަކަށް އަހަންނަށް މީހުންގަދަރު ކުރަން ފަށާނެ."
މުނީރު ތިޔަކަމެއް ނުވާނެ" އަކްރަމް ދެކޮޅު ހެދިއެވެ. އެހެރަ ޓީވީ ގެންދޭ ވީސީއާރު ގެންދޭ އެކަމަކު މިވަގު ކަލޭގެ ގެންދާ ވާހަކަ އެއްގޮތަކަށްވެސް ދައްކައިގެންނުވާނެ. މިއީ އަހަރެންނަށް ލިބުނު ވަރަށް އަގު ހުރި ފުރުސަތެއް މިގެއަށް މީހަކު ސަލާންޖަހަންވެސް ނާދެއޭ ކިޔައިގެން މީހުން އަހަރެންނަށް މަލާމާތް ކުރާތާ މިހާރު އެތައް އަހަރުތަކެއް ވެއްޖެ. މަލާމާތް ކުރާ މީހުންނަށް މިކަލޭގެ ދައްކާފައި ކަލޭމެން ދައްކަނީ ސަލާންޖަހާ މީހުންގެ ވާހަކަ ނޫންހޭ މިއޮތީ އެކަން އޮތް ވަގަކު އަތުލާފާއޭ ބުނަން އަހަރެން ބޭނުން ވަހުން ވަންނާނީ ވަންނަށް އެކަށީގެންވާ ގޭގެއަށް."
"ތިޔަތޮތްސް ރަގަޅު" މުނީރު ބުންޏެވެ. މުނީރު މިހެންބުނެފައި ނާހިދާއަށް ބަލާލިއެވެ. "ފަހަރި ސައިތައްޓެއް ލިބިދާނެތަ؟"
އަކްރަމް ހައިރާންވެފައި އޭނާއާ ދިމާލަށް ބަލާލިއެވެ. ހިތަށް އެރިއެވެ. މިއީ ކޮންކަހަލަ އާދަމުގެ ދަރިއެއް ހެއްޔެވެ؟ މިފަދަ ނާޒުކު ދަނޑިވަޅެއްގައިވެސް އެއުޅެނީ ސައިނުބޮވިގެންނެވެ. ނާހިދާއަށް ހިނގައި ނުނަނެވުނީސް ވަގު ކަލޭގެ ލޯހުޅުވާލައިފިއެވެ. ވަގު ކަލޭގެ ކޮޓަރީގައި ތިބި މީހުންނާ ދިމާއަށް ބަލާލާފާ ބުނެލިއެވެ. " އައްސަލާމް ޢަލައިކުމް"
"އަހަނ ކަލޭ ހޭއެރީތަ؟" އަކްރަމް ސިއްސައިގެން ގޮސްފައި އަހާލިއެވެ.
އަޅުގަނޑު ހޭރެރިތާ ކިތަންމެ އިރެއް" ވަގު ކަލޭގެ ބުންޏެވެ." ތިޔަ ބޭފުޅުންގެ ވާހަކަ އަޑު އަހަންއޮތީ މިކހަލަ އަނބުރުވެރި ރަނގަޅު ބަޔަކު އުޅޭގެއަކަށް އަޅުގަނޑަށް ދުވަހަކުވެސް ނުވަދެވޭ. ގިނަ ގޭގެއިން ފުރަތަމަ ތަޅައިގަންނާނީ ވާހަކަ ދައްކާނީ އޭގެ ފަހުން."
"އަޖައިބުން އަޖައިބު މިއީ ކޮންކަހަލަ ވަގެއް." ނާހިދާ ބުނެލިއެވެ.
"ހޭއރި ގޮތަށް އެފެށީ އަނގަތަޅަން".
"ދައްތާ އަޅުގަނޑަކީ ވަޒީފާއެއް ނެތް ފަގީރަކީން ، އަޅުގަނޑު ވައްކަން ކުރަން ކޮންމެ ކޮންމެ ގެއަކަށް ނުވަންނަން، އަޅުގަނޑު ވަންނަނީ ޢިއްޒަތްރެރިންގެ ގޭގެއަށް"
"ދެން ހެޔޮ އަހރުމެން ހައްދަން މާގިނަ ވާހަކަ ދައްކާނެ ކަމެއްނެތް " އަކްރަމް ރުޅިވެރިކަމާއެކު ބުނެލިއެވެ.
"އަހާން މިހާރު ތިޔަވަނީ ކިހިނެއް؟ އެފަކީރު އެއޮތީ ބަނދެފަ އެހެން ބާއްވާފާ މިހާރު ތިޔަފެށި ރުޅިއައިސްގެން އެފަކީރާ ދިމާލަށް ހަޅޭއްލަވަން" ނާހިދާ ބުންޏެވެ.
"ނާހިދާ އޭނާއާ އެއްކޮޅަށް ތިޔަވާހަކަ ދައްކަނީ އޭނާ ނާހިދާއަށް ދައްތަ ކިޔާތީ"
މުނީރު އަކްރަމްގެ އަތުގައި ހިފައިގެން އެއްފަރާތަކަށް ޖެހިލިއެވެ. މިހާރު ވިސްނަން ޖެހިފައި މިއޮތީ ވަގުކަލޭގެއަށް ހަދާނެ ގޮތަކާމެދުއެވެ.
"ފުލުސް އޮފީހަށް ގޮސް ރިޕޯޓު ނުކޮށެއް ނުވާނެ." އަކްރަމް ބުނެލިއެވެ. "އެނޫން ކަމެއް ކުރެވޭކަށްވެސް ނެތެއްނު؟ މުނީރުވެސް އަހަންނާއެކު ހިނގާ"
"ނޫނޭ އަހަރެން ބިރުގަނޭ ވައްކަމެއްގެ ރިޕޯޓު ކުރަން ހިނގައްޖެއްޔާ އެންމެ ފަހުން ހައްޔަރުވާނީ އަހަރެން."
"ނޫނޭ ތިޔަހެންނެއް ނުވާނެ. އަހަރުމެންގެ ގެއަށް ވަގުކަލޭގެ ވަނީ އަމިއްލައަށް އަހަރުމެންނަށް އޭނާއަށް ދައުވަތު ދިނީއެއް ނޫން."
ދެމީހުން ވަގުކަލޭގެ ކައިރިއަށް އަތުވެއްޖެއެވެ."ނާހިދާ މީނަ ރަގަޅަށް ބަލަހައްޓާތި." އަކްރަމް ބުނެލިއެވެ. "އަހަރުމެން ފުލުސް އޮފީހަށް ގޮސްފައި އަންނާނަން"
މިގަޑީގައި ދުރުވަނީ ކީއްކުރަންވަންތޯ؟ ވަގުކަލޭގެ ބުނެލިއެވެ.
"މިހާރު ވަރަށް ދަންވެއްޖެ- ދުއްވާ އެއްޗެއް ހޯއްދަވާކަންވެސް ފަސޭހައެއް ނުވާނެ.
( ނުނިމޭ)