ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޗައިނާގެ ބާރުގެ ދަށުގައި އޮތްކަމަށް ބުނާ ޕެނަމާގެ ނެރު ހިފުމަށް އަސްކަރީ އޮޕަރޭޝަނެއް ހިންގުމަށް ތައްޔާރަށް ތިބުމަށާއި އެކަމާ ބެހޭ ރޭވުންތައް ރާވައި ހެދުމަށް ސިފައިންނަށް އިރުޝާދު ދެއްވާފައެވެ.

އެޑްމިރަލް އެލްވިން ހޯލްސީ އިސްކޮށް ހުންނަވާ، އެމެރިކާގެ ސިފައިންގެ ދެކުނު ކޮމާންޑުން ވަނީ ޕެނަމާގެ ސަލާމަތީ ބާރުތަކާ ގާތް ގުޅުމެއް ބޭއްވުމުގެ އަސްކަރީ ޕްލޭންތަކާއި އަދި ކުއްލިއަކަށް ލިބޭ އޯޑަރަށް ޕެނަމާ ނެރު ހިފުމަށް އަރައިގަތުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށް ތައްޔާރަށް އޮތްކަމަށް ބައިނަލްއަގްވާމީ މީޑިއާއަށް ވިދާޅުވެ ދެއްވާފައެވެ.

އެމެރިކާގެ ދިފާއީ ވަޒީރު ސެކްރެޓަރީ ޕީޓް ހެގްސެތު އަންނަ މަހު، ޕެނަމާއަށް ވަޑައިގަންނަވާނެއެވެ. އެމެރިކާ ސިފައިން ޕެނަމާ ނެރާމެދު އަޅަން ޖެހޭ ފިޔަވަޅުތަކުގެ މައުލޫމާތު މިހާރު އޭނާގެ މޭޒުކޮޅުގައި ބޭއްވިފައިޥާ ކަމަށް އެމެރިކާގެ މަސްއޫލު ފަރާތްތަކުން މައުލޫމާތު ދެއްވައެވެ.

ޖެނުއަރީ މަހުގެ އިފްތިތާހީ ތަގްރީރުގައި ޓްރަމްޕް ވަނީ 1999 ވަނަ އަހަރު ރައީސް ޖިމީ ކާޓާގެ ސަރުކާރާއި ޕެނަމާ ސަރުކާރާ ދެމެދުކޮށްފައިވާ މުއާހަދާގެ ދަށުން އެއްބަސްވެފައިވާ ނެރު ޕެނަމާއާ ހަވާލު ކުރުމުގެ މުއާހަދާ އާ ޕެނަމާއިން ޚިލާފްވެފައިވާ ކަމަށް ވިދާޅުވެ ބޮޑެތި ވާހަކަތަކެއް އުފައްދަވާފައެވެ.

އޭނާ ގިނަ ދުވަސްތަކެއް ވަންދެން ޓްރަމްޕް ވިދާޅުވަމުން ގެންދެވީ، އެމެރިކާއަށް ސްޓްރެޓެޖިކް ކަނޑު އޮޅިއެއް ކަމަށްވާ، ޕެނަމާ ނެރު ޗައިނާއިން ކޮންޓްރޯލު ކުރާ ކަމަށެވެ. ޕެނަމާއިން ވަނީ އެކަން ދޮގުކޮށްފައެވެ.

އުތުރާއި ދެކުނު އެމެރިކާ ގުޅުވައިދޭ ޕެނަމާ ކެނަލަކީ ދުނިޔޭގެ ވިޔަފާރީގެ މުހިންމު މަގެކެވެ. މި ނެރު ކޮނެގެން ބޭނުންކޮށް ހިންގުމަށްފަހު އެމެރިކާއިން ވަނީ ޕެނަމާގެ ސިޔާދަތާ ހަވާލުކޮށްފައެވެ. އޭގައި މައިގަނޑި ޝަރުތަކީ ވަކި ފަރާތަކަށް ނުޖެހޭ ގޮތަށް ޕެނަމާއިން އެ ނެރު ހިންގައި ބެލެހެއްޓުމެވެ.

ޗައިނާގެ ކުންފުންޏަކުން ދަނީ އެ ނެރުގެ ދެފަރާތު ތުންފަތް މަތީގައި ދެ ޑިއުޓީ ފްރީ ޒޯނާއެކު ދެ ވިޔަފާރި ބަނދަރު ހިންގަމުންނެވެ.

އެމެރިކާއިން މި ނެރު ހިފުމަށް ގަދަބާރު ބޭނުންކޮށްފާނެތީ، ތަޖުރިބާކާރުން އިންޒާރު ކުރައްވަނީ، އެފަދަ އަމަލަކީ ބައިނަލްއަގްވާމީ ގާނޫނާ ޚިލާފު ކަމެއް ކަމަށެވެ.

އެންބީސީ ނިއުސްއާ ވާހަކަ ދައްކަމުން އެމެރިކާގެ ކަމުވޮށިގެންވާ ބޭފުޅުން ވިދާޅުވީ އަސްކަރީ ހަމަލައެއް ދިނުމަކީ ދުރުގައި އޮތް ކަމެއް ކަމަށެވެ. ނަމަވެސް ނުކުރާނެ ކަމަށް ބަލައިގެން ނުވާނެ ކަމެއް ކަމަށެވެ. އަދި ޓްރަމްޕްގެ އެމެރިކާ ގައްޑާ ގައުމެއްގެ ގޮތުގައި ދައްކަން ބޭނުންވާ "މޭކް އެމެރިކާ ގްރޭޓް އެގެއިން" ފަލްސަފާ ކުރިއަށް ނުގެންދެވެނީނަމަ އެފަދަ ފިޔަވަޅަކާ ދިމާއަށް ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ބުރާސްފަތި ދުވަހު ޓްރަމްޕް ވަނީ ނޭޓޯގެ މާކް ރޫޓްއާ އެކު އޯވަލް އޮފީހުގައި ބޭއްވި މަޝްވަރާތަކުގައި، ޕެނަމާ ނެރު ހިފުމަކީ، ގައުމީ ސަލާމަތަށް ޓަކައި ކުރަން ޖެހޭ ކަމެއް ކަމަށް ވިދާޅުވެ ފައެވެ. އަދި ގްރީންލޭންޑަށް ސިފައިން ފޮނުވުމުގެ އިޝާރާތެއް ވެސް ކުރައްވާފަ އެވެ. އަދި ގްރީންލެންޑްގައި ހުރި އެމެރިކާގެ ސިފައިންގެ މަރުކަޒަށް ސިފައިން އިތުރުކުރުމާ މެދު ވެސް ޓްރަމްޕް ވިސްނަމުން ދާކަމަށް ވިދާޅުވިއެވެ.