ޕާކިސްތާންގައި އެންމެ ފަހުން ދީފައިވާ ޓެރަރިސްޓް ހަމަލާގެ ސަބަބުން ޕާކިސްތާނަށް ނުތަވަސްކަން ވެރިވެއްޖެއެވެ. ސިފައިން ވަނީ ޕާކިސްތާންގެ އެތެރޭގައި އާއި ބޭރުގައި ތިބެގެން ޕާކިސްތާނަށް ނުރައްކާ ކުރާ ފަރާތްތަކަށް ރައްދު ދިނުމުގައި ފަސްނުޖެހޭނެ ކަމަށް ބުނެފައެވެ.
ޕާކިސްތާނަށް އިތުރު ވަމުންދާ ޓެރަރިޒަމްގެ ނުރައްކަލުން، ގްލޯބަލް ޓެރަރިޒަމް އިންޑެކްސް 2025 ގައި ޕާކިސްތާން ގިންތިކޮށްފައި ވަނީ 2 ވަނައިގައެވެ.
އިންސްޓިޓިއުޓް ފޯ އިކޮނޮމިކްސް އެންޑް ޕީސް (އައިއީޕީ) އިން އެކުލަވާލާފައިވާ ގްލޯބަލް ޓެރަރިޒަމް އިންޑެކްސް (ޖީޓީއައި) 2025 ގައި ޕާކިސްތާން ހިމަނާފައި ވަނީ ޓެރަރިޒަމްގެ ނުރައްކާ ދެ ވަނައަށް އެންމެ ބޮޑު ޤައުމުގެ ގޮތުގައެވެ.
މި މަހު އާންމުކުރި މި ރޭންކިންގައި ފާހަގަކޮށްފައިވަނީ ޕާކސްތާނާ ދެކޮޅަށް ދީފައިވާ ޓެރަރިސްޓް ހަމަލާތަކާއި މީހުން މަރުވުމުގެ ހަމަލަތަކެވެ.
2023 ވަނަ އަހަރު ޕާކސްތާންގައި ޓެރަރިޒަމްގެ 517 ހާދިސާ ހިނގާފައި ވެއެވެ. އަދި 2024 ވަނަ އަހަރު އެއަދަދު ވަނީ 1،099 އަށް ދެގުނައަށް އިތުރުވެފައެވެ.
ޕާކސްތާންގައި ޓެރަރިޒަމްގެ ހާދިސާތަކުގައި މަރުވާ މީހުންގެ އަދަދު ވެސް ވަނީ، 748 އިން 1،081 އަށް އިތުރު ވެފައެވެ. އެއީ 45 އިންސައްތައިގެ އިތުރު ވުމެކެވެ.
ޕާކިސްތާނަށް ނުރައްކާ ކުރާ ޖަމާއަތަކީ ދުނިޔޭގެ ޓެރަރިސްޓުންގެ ލިސްޓުގައި މިހާރު އެންމެ ކުރީގައި އުޅޭ ޖަމާއަތެވެ. އެއީ، އަފްޣާނިސްތާންގައި ބަނޑަހަޖަހައިގެން ތިބޭ ތަޙުރީކޭ ތާލިބާންއެވެ. އޭގެ އިތުރުން ޕާކިސްތާންގެ ބާޣީ ޖަމާއަތެއް ކަމަށްވާ، ބަލޫޗީންގެ ވަކިވެ ގަތުމުގެ ހަރަކާތުގެ ބަލޫޗް ލިބަރޭޝަން އާމީ ހިމެނެއެވެ. މިއީ ރޭލު ދަނގަނޑު ގޮއްވާލައި 600 މީހުން ރަހީނުކުރި ޓެރަިރސްޓް ހަމަލަ ދިން ޖަމާއަތެވެ.
ޖީޓީއައި އިން ޓެރަރިޒަމްގެ ހަމަލާތަކުގެ އަދަދު މިންކުރަނީ ފަސް އަހަރު ދުވަހުގެ ތެރޭގައި ދީފައިވާ ހަމަލާތަކާއި، މަރުތަކާއި، ލިބިފައިވާ އަނިޔާތަކާއި، ގެއްލުންތަކުގެ ހިސާބަށް ބަލައިގެންނެވެ.
ޕާކިސްތާނުގެ ޓެރަރިޒަމްގެ ހަމަލަތައް އިތުރުވެފައި ވަނީ އަލުން ހަރަކާތްތެރިވާން ފަށާފައިވާ ތަހުރީކޭ ތާލިބާންގެ ސަބަބުންނެވެ. އެ ޖަމާއަތުން ވަނީ، 2024 ވަނަ އަހަރު 482 ހަމަލާ ދީފައެވެ. އެ ހަމަލަތަކުގައި 558 މީހުން މަރުވެފައި ވެއެވެ. އެއީ %91 ގެ އިތުރު ވުމެކެވެ.
އަދި ބާޣީ ބަލޫޗް އާމީގެ ހަމަލާތަކުގައި 388 މީހުން މަރުވެފައި ވެއެވެ. އޭގެ އިތުރުން ޚައިބަރ ޕަޚްތުންޚްވާ އާއި ބަލޫޗިސްތާނުގައިވެސް ޓެރަރިސްޓް ހަމަލަތައް %90 އަށް އިތުރު ވެފައި ވެއެވެ.
ޕާކިސްތާންގެ ސިޔާސީ ހަލަބޮލިކަމާއި، އިގްތިސާދީ ދަތިތަކާއި، ރޫލް އޮފް ލޯގެ ބަލިކަށިކަމުން މުސީބާތްތައް މަތިމައްޗަށް ލައިގަނެއެވެ.
އިގްތިސާދު ވަނީ ނުއަތަށް ވެއްޓެން ދިމާކޮށް، ބޮޑު އިންފްލޭޝަނަކާ ކުރިމަތިލާން ޖެހިފައެވެ. ވަޒީފާ ނެތުމުން ޒުވާނުން ދަނީ ހަރުކަށި ފިކުރުގެ އޮއިވަރެއްގައި ޖެހެމުންނެވެ. ނޫނީ ގައުމު ދޫކޮށް ބޭރުވަމުންނެވެ.