އެމެރިކާގެ އެންމެ މަތީ ފެންވަރުގެ އަސްކަރީ ރޭޑާ ހަރުކޮށްފައިވާ ބޮއިންގް އީ-3ބީ ސެންޓްރީ މަތިން ދާބޯޓުން ވަނީ، އިއްޔެ ހެނދުނު 7 ޖެހިއިރު އޮކްލަހޯމާގެ ޓިންކަރ އެއާފޯސް ބޭސް އިން އުދުހިގެން ގޮސް ނޯތު ކެރޮލައިނާގެ އައްސޭރި ފަށުގައި އޮންނަ ޕަމްލިކޯ ސަރަހައްދުގެ 1،300 މޭލުގައި ދުއްވައިފަ އެވެ.

އެ ބޯޓުން ވަނީ އެހިސާބުގައި ދެފަހަރު ވަށައިގެން ބުރުޖަހާފައެވެ. އަދި ފަހުން މެންދުރުން އަނބުރާ 2ގެ ފަހުންވެސް ބުރު ޖަހާފައި ވެއެވެ.

އެމެރިކާގެ އެންމެ ކުޅަދާނަ ޖާސޫސީ މަތިންދާބޯޓުގެ ނަން ދީފައިވާ މި ބޯޓަކީ އުޑުމަތިން ފެންނަ ނުރައްކާތައް ފާހަގަކޮށް ހޯދައިގަންނަ ވައްތަރުގެ ބޯޓެކެވެ.

އޭގައި 30 ފޫޓުގެ ރޭޑާ ބޯތަށްޓެއް ހަރުކޮށްފައި ވެއެވެ. އެ ބޯޓަކީ، ފާރަވެރިވުމަށާއި ކޮމާންޑު ކުރުމަށާއި ޓާގެޓްތައް ފާހަގަކުރުމުގެ ގާބިލުކަން ލިބިފައިވާ ބޯޓެކެވެ.

މި ބޯޓުން ހޯރައަޅާފައިވާ ސަރަހައްދަކީ އާންމުކޮށް ގޮތް ނޭނގޭ ބޯތަށި ކަމަށްވާ ޔޫއެފްއޯ ފެންނަ ސަރަހައްދެކެވެ. 2019 ވަނަ އަހަރުވެސް އެއްފަހަރާ، ގޮތް ނޭނގޭ 14 ބޯތަށި މިހިސާބުން ފެނިފައި ވެއެވެ.

މި ބޯޓުގެ ކުއްލި ދަތުރުތަކާ ބެހޭ ގޮތުން ސުއާލު ކުރުމުން އެމރިކާގެ ދިފާއީ ވުޒާރާއިން ޖަވާބުދާރީ ވެފައި ނުވާކަމަށް މީޑިއާއިން ބުނެއެވެ.