ބްރެޒިލް އާއި ޔުނިވާސިޓީ އޮފް ހޮންކޮންގްގެ ދިރާސާވެރިން ވަނީ ވާލުން އާ ވައިރަސްއެއް ފެނިފައިވާ ކަމަށް އިއުލާން ކޮށްފައެވެ. ބްރެޒިލްގެ 15 ވައްތަރެއްގެ ވާލު ދަރިކޮޅުން ނަގާފައިވާ ސާމްޕަލްތަކުން އެނގުނު ގޮތުގައި އެ ޖަނަވާރުތަކަކީ، އިންސާނުންގެ ތެރެއިން ބަލި ޖެހޭ މީހުންގެ ގާތްގަނޑަކަށް 35 އިންސައްތަ މީހުން މަރުވާން މެދުވެރިވާ މާރސް ވައިރަސްއާ އެއްވައްތަރު ވައިރަހެކެވެ.

ވައިރަސްއިން ނަގާފައިވާ އުންފަޅާފައި ހުންނަ ސްޕައިކް ޕްރޮޓީން އިން އެނގެނީ، އެއީ، އިންސާނާގެ ސެލްތަކަށް ބަލި ޖެއްސުމަށް ގާބިލު ވައިރެހެއް ކަމަށެވެ. ސައިންސްވެރިން ވަނީ މިއިން 6 ވައްތަރެއްގެ ސާމްޕަލްތައް ނެގުމަށްފަހު، އެތަކެތި އިތުރު ޓެސްޓަކަށް މިހާރު ޗައިނާއަށް ފޮނުވާފައެވެ. ޗައިނާގެ ވޫހާނަކީ، ވާލާ ބެހޭ ވައިރަސްއާ ބެހޭ ދިރާސާގައި އެންމެ ތަޖުރިބާކާރި ލެބޯޓްރީ ހުންނަ މަރުކަޒެވެ.

މި ޓެސްޓުތަކުގެ ސަބަބުން ކޯވިޑާއި މި ވައިރަސްއާ ގުޅުމެއް ވޭތޯ ބަލައި އެއިން އިންސާނުންނަށް ބަލި ޖެހިދާނެތޯ ސައިންސްވެރިން ބަލާނެއެވެ.

ޔުނިވާސިޓީ އޮފް ސައޯ ޕާއުލޯގެ ލީޑް ރިސާޗަރު ޑރ. ބްރޫނާ ސިލްވެރިއޯ ވިދާޅުވީ، އިންސާނުންނަށް މިއިން ބަލި ޖެހިދާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އޭނާ ވިދާޅުވެފައި ވަނީ މިއިން ވައިރަހެއް އިންސާނުންނަށް ލައިގެންފިނަމަ،ނުރައްކާވާނެ ކަމަށެވެ. އަދި މިހާރު ފަރުވާއެއްވެސް އަދި ވެކްސިނެއްވެސް ހޯދިފައި ނުވާ ކަމަށެވެ. އަދި މިވައިރަސް އިންސާނުންނަށް ލައިގެންފިނަމަ، ހުންއައިސް، ކެއްސައި މަރުވުމަށް މެރުވެރިވާފަދަ ސީރިއަސް ހާލަތެއް ކުރިމަތި ވެދާނެ ކަމަށެވެ.

ސައިންސްވެރިންގެ ޓީމަށް، މި ވައިރަސްތައް ފެނިފައިވަނީ ދެކުނު އެމެރިކާ އަދި މެކްސިކޯގައި އާންމުކޮށް އުޅޭ ކެހެރިފަޅާފައި ހުންނަ ވަތަރުގެ ވާލާއި މޮޅެތި މޭވާތައް ކައި އުޅޭ ވާލުތަކުންނެވެ.

މިކަމުގައި ބައިވެރިވި އެހެން ސައިންސްވެރިއެއް ކަމަށްވާ ޑރ.ރިކާޑޯ ޑޫރޭސް-ކާވަލްހޯ ވަނީ އިންސާނުން ރައްކާތެރިވުމަށްޓަކައި، ވާލަކީ ވައިރަސް އުފުލާ ޖަނަވާރެއް ކަމަށް ބަލައިގެން، ވާލުތައް އުޅޭތަންތަނާއި އެސޮރުމެންގެ ހަރަކާތްތައް މޮނިޓަރ ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. މި ހޯދުންތައް ޝާއިއުކޮށްފައި ވަނީ، ޖާނަލް އޮފް މެޑިކަލް ވައިރަލޮޖީގަ އެވެ.