މިހަފްތާގައި ނެރެފައިވާ އައު ޑޮކިއުމެންޓްރީއެއްގައި ހެއްކާއެކު ގެނަސްދީފައި ވަނީ، އޭލިއަން މަޚުލޫގުންނަކީ ހަގީގީ ބައެއް ކަމަށާއި އަދި އިންސާނުންނާއެކު އެތަކެތި މި ދުނިޔޭގައި ދިރި އުޅޭ ކަމަށެވެ. މިއައު ޑޮކިއުމެންޓްރިއަކީ، "ދަ އޭޖް އޮފް ޑިސްކްލޯޜަރ" އެވެ.

މިދިޔަ ހަފްތާގައި އެސްއެކްސްއެސްޑަބްލިއު ފިލްމް ފެސްޓިވަލްގައި މި ޑޮކިއުމެންޓްރީ ވަނީ ފުރަތަމަ ފަހަރަށް ދައްކާލާފައެވެ.

ޑޭން ފަރާ ޑައިރެކްޓްކޮށްފައިވާ މި ޑޮކިއުމެންޓްރީ ފިލްމުގައި އެމެރިކާގެ ސިފައިންނާއި ޖާސޫސީ ދާއިރާގައި ކުރިން މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރު 34 ފަރާތަކުން، ބޭރު ދުނިޔެއިން އައިސް މި ދުނިޔެއަށް ފައިބާ އެކްސްޓްރާޓެރެސްޓްރިއަލްސް މަޚުލޫޤުތަކާ ބެހޭ ގޮތުން އައު މައުލޫމާތު ހާމަކޮށްދެއްވާފައި ވެއެވެ.

ޖާސޫސީ އިދާރާގެ ކުރީގެ އިސް އޮފިޝަލެއް ކަމަށްވާ އަދި ޑޮކިއުމެންޓްރީގެ އިސްފަރާތެއް ކަމަށްވާ ލޫއި އެލިޒޮންޑޯ ވިދާޅުވާ ގޮތުގައި އޭލިއަނުންނާ ބެހޭ ގޮތުން މައުލޫމާތު ސިއްރު ކުރުމަކީ، "އެމެރިކާގެ ތާރީޚުގައި ވެސް އެންމެ ކާމިޔާބު އޮޅުވާލުމުގެ ކެމްޕޭން" ކަމަށެވެ. މިއީ 80 އަހަރުގެ ސިއްރު ކެމްޕޭނެއް ކަމަށް ވިދާޅުވިއެވެ.

އޭނާ ތުހުމަތުކުރައްވާ ގޮތުގައި އެމެރިކާއިން ވާދަވެރި، ޗައިނާ އާއި ރަޝިޔާ ފަދަ ގައުމުތަކާ ދެކޮޅަށް ބާރު ދުވެއްޔެއްގައި ކުރި ހޯދާފައި ވަނީ އޭލިއަން ޓެކްނޮލޮޖީ އަތު ޖެހުމުންނެވެ.

މި ފިލްމުގެ ކާސްޓުންގެ ގޮތުގައި ބޭނުންކޮށްފައި ވަނީ އާންމުކޮށް ފެންނަ ފަދަ އާދައިގެ ބަޔެއް ނޫނެވެ. އޭގެ ތެރޭގައި ޕެންޓަގަންގެ ޔޫއެފްއޯ ޓާސްކް ފޯސްގެ ކުރީގެ ޑިރެކްޓަރު ޖޭ ސްޓްރެޓަން ފަދަ މުހިންމު ފަރާތްތައް ހިމެނެއެވެ.

އޭނާ ވިދާޅުވާ ގޮތުގައި "އަޅުގަނޑަށް އިންސާނުން ނޫން އެހެން ބަޔެއްގެ ކުޅަދާނަކަމާއި މޮޅެތި އުފެއްދުންތައް އަމިއްލަ ލޮލުން ފެނިފައި ވޭ" އެވެ.

އެމެރިކާގެ ދިފާއީ ދާއިރާގެ ކުރީގެ އޮފިޝަލެއް ކަމަށްވާ ކްރިސްޓޮފަރ މެލޮން ވިދާޅުވަނީ އޭލިއަން ޓެކްނޮލޮޖީއާއި އޭލިއަނުން ހޯދުން މިއީ "އިންސާނީ ތާރީޚުގައި ހޯދި އެންމެ ބޮޑު ހޯދުން" ކަމަށެވެ.

ދެ ޕާޓީގެ ސިޔާސީ ބޭފުޅުން ކަމަށްވާ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އާއި ސެނެޓަރު ކަރސްޓެން ގިލިބްރޭންޑް ވެސް ވަނީ ގޮތް ނޭގޭ ކަންތައްތަކާ ބެހޭ މައުލޫމާތު އެމެރިކާ ރައްޔިތުންނަށް ކިޔައިދިނުމަށް ބާރުއަޅުއްވާފައެވެ. އެމެރިކާގެ ސަރުކާރުގެ ތެރޭގައި ގޮތް ނޭނގޭ ކަންކަން ބަލަހައްޓާ އިދާރާއަކީ، "އަންއައިޑެންޓިފައިޑް އެރިއަލް ފީނޯމަންސް (ޔޫއޭޕީ) އެވެ.

މި ޑޮކިއުމެންޓްރީ ދައްކާލި ފުރަތަމަ ރަސްމިއްޔާތަށްފަހު ބެއްވި ސުވާލު ޖަވާބުގައި ވާހަކަ ދައްކަވަމުން ތަޖުރިބާކާރުންގެ ޓީމުން ވިދާޅުވީ މިއީ "ގަބޫލުކުރަން ދަތި، ބޮޑު ކަމެއް ކަމަށާއި އާންމުން ތިބީ އަނދިރީގައި" ކަމަށެވެ.

މި ޑޮކިއުމެންޓްރީ ބިނާވެފައިވަނީ ހަގީގީ ހާދިސާތަކުގެ މައްޗަށެވެ. އަދި އެލިޒޮންޑޯ މަސައްކަތްކުރެއްވި ޕެންޓަގަންގެ ސިއްރު އޭއޭޓީއައިޕީ ޕްރޮގްރާމާ ބެހޭ ގޮތުން 2017 ވަނަ އަހަރު ނިއުޔޯކް ޓައިމްސް އިން ހާމަކޮށްފައިވާ މައުލޫމާތުވެސް ގެނަސްދީފައި ވެއެވެ. އަދި 2023 ވަނަ އަހަރު ކޮންގްރެސްގެ އަޑުއެހުމެއްގައި އޭލިއަނުންގެ ކަންކަން ސިއްރުކޮށްފައިވާ ކަމަށްބުނެ މައުލޫމާތު ފާއްދާލި، ޑޭވިޑް ގްރޫޝް ގެ ވާހަކަތައްވެސް ގެންސްދީފައި ވެއެވެ. އޭނާ ބުނެފައި ވަނީ، އެމެރިކާގައި އޭލިއަން މަޚުލޫގުންގެ ހަށިގަނޑުތައް ބަންދުކޮށްފައިވާ ކަމަށެވެ.

މި ޑޮކިއުމެންޓްރީއާ ބެހޭ ގޮތުން ޝައްކުގެ ނަޒަރަކުންވެސް ބަލާފަރާތްތައް މަދެއް ނޫނެވެ. ފާޑުކިޔުންތެރިން ފާހަގަކުރާ ގޮތުގައި ހަރުދަނާ ހެކިތައް ނެތުމުން މިވާހަކަތައް ގަބޫލުކުރަން ދައްޗެވެ.

އަދި މިއީ ރީތި ވާހަކަތަކަކުން މީހުން އޮޅުވާލާ ޑޮކިއުމެންޓްރީއެއް ކަމަށްވެސް ބުނެފައި ވެއެވެ.