ފީރޯޒާ އެމްބިއުލަންސަށް ގުޅާފައި ދުވެފައި ބައްޕަގެ ގާތަށް އަތުވެއްޖެއެވެ. އޭނާ ބޭނުންވީ ބައްޕައަށް އެހީތެރިވާށެވެ. ދިއްކޮށްލި އަތުގައި ބައްޕައެއް ނުހިފިއެވެ. ލޮލުން ފެންނަނީ ރުޅިވެރިކަމެވެ. ވާހަކަ ދައްކަން އުޅުނެވެ. އެކަމަކު އަޑެއް ނުނުކުތެވެ. ފީރޯޒާ ކައިރިވެލީމާ އޭނާގެ މޫނަށް ކުޅެއް ޖެހިއެވެ. އެކަމަކު ގައިގައި ވަރެއް ނެތީމާ އެ ކުޅު ފީރޯޒާޔާ ހަމައަކަށް ނުފޯރިއެވެ. ޖެހުނީ އަމިއްލަ ގަޔަށެވެ. ދެން އައި ކުޑަކުޑަ ހަރަކާތަކަށް ފަހު މުޅީން ހިމޭން ވެއްޖެއެވެ. ހަރަކާތް ހުއްޓިއްޖެއެވެ.

ފީރޯޒާ ބާރަށް ރޯން ފަށައިފިއެވެ.

މަރު ނުވާނޭ މީހަކު ހުންނާނެ ހެއްޔެވެ؟ އެހެން މީހުންގެ ބަފައިންވެސް މަރުވެއެވެ. އެކަމަކު މިފަދަ ނަސީބު ދެރަ ބަފަޔަކު ހުންނާނޭ ހެއްޔެވެ؟ އެންމެ ފަހު ވަގުތު ގައިގައި އެހެރީ ދަރިފުޅުގެ މޫނަށް ޖެހި ކުޅެވެ. ދަރިފުޅު ވެގެން ދިޔައީ ބައްޕަގެ ކުޅަށެވެ.

ފީރޯޒާ ރޮމުން ރޮމުން ގޮވަން ފަށައިފިއެވެ. “މަންމާ… މަންމާ…”

އޭނާ ދުވެފައި ގޮސް ކޮޓަރިން ނުކުމެއްޖެއެވެ. “މަންމާ… އަވަހަށް އާދޭ- މަންމާ..”

އޭރު ސަލްމާއާއި ޖަވާދާ ދެ މީހުން ކޮޓަރިއާ ދިމާއަށް އަންނަނީއެވެ. “ކިހިނެއްވީ-؟ ކޮންތާނކަށް ތިޔަ ދަނީ-؟”

“ބޭބޭ- އަހަރެން މި ދަނީ މަންމައަށް ގޮވަން- ބައްޕަ ނިޔާވެއްޖެ-“

އޭނާ އަނެއްކާވެސް މަންމައަށް ގޮވަމުން ކުރިއަށް ދާން އުޅުނެވެ. ޖަވާދު އޭނާ ހިފަހައްޓައިފިއެވެ.

ސަލްމާ ބުންޏެވެ. “ފީރޯޒާ- ހޭވަރިވެބަލަ- މަންމަ މި ދުނިޔެއަކު ނެތޭ…”

“އޫނ…” އޭނާ ސިހިފައި ފަހަރިއާ ދިމާއަށް ބަލައިލިއެވެ. ދެން ބަލައިލީ އޭނާގެ ބޭބެއާ ދިމާއަށެވެ. ދެ މީހުން އޭނާ ގޮވައިގެން ބައްޕަ އޮތް ތަނަށް އަތުވެއްޖެއެވެ. ޖަވާދަށް އޭނާގެ ބައްޕަ ފެނުނީމާ ކަކޫ މައްޗަށް ތިރި ވެއްޖެއެވެ. އަދި ބާރަށް ރޯން ފަށައިފިއެވެ.

ބޭބެ ރޯތަން ފެނުނީމާ ފީރޯޒާ ބާރަށް ހީނގެންފިއެވެ. ސަލްމާ ހައިރާން ވެފައި ބަލަން ފަށައިފިއެވެ. ފީރޯޒާ ހެމުން ހެމުން ވަށައިގެން ހިނގަނީއެވެ. “ކިހިނެއްވީ ފީރޯޒާ-؟”

އޭނާގެ ހުނުން ހުއްޓޭ ގޮތެއް ނުވިއެވެ. “މަންމަގެ ޚިޔާލު އަހަންނަށް ކުރެވުނީ ބައްޕަ ނިޔާވީމާ- ބައްޕަ މަރުވީމާ ރޯނޭ މީހަކަށް މި ގޭގައި ހުރީ މަންމަ އެކަނި- ހިތާމަ ކުރުމާއި ރުއިމުގެ ހައްގެއް އަހަންނަކަށް ނެތް- ބައްޕަގެ ގާތިލަކީ އަހަރެން- ބޭބެ ހޭނނީވެސް ރޯނީވެސް ފަހަރީގެ އިޝާރާތަށް- އެކަމަކު ނިކަން ބަލާބަލަ- މިއީ ހޭނ ވަރުގެ ކަމެއް ނޫންތަ-؟ މިއަދު ފުރަތަމަ ފަހަރަށް ބޭބެ ފަހަރީގެ ހުއްދަޔާ ނުލާ އެހެރަގެން ރޮނީ-“

ސަލްމާ ބަލަހައްޓައިގެން ހުރީއެވެ. ފީރޯޒާ އޭނާޔާ ދިމާއަށް ހަމަ ހަގީގަތުގައިވެސް ބަވަނީ ބާވައޭ ނުވަތަ ބައްޕަގެ މަރުގެ ސަބަބުން ސިކުނޑިއަށް އުނިކަމެއް އައީކީ ނޫން ބާވައޭ އޭނާގެ ހިތަށް އެރިއެވެ.

ރަނގަޅީ ދެވަނަ ޚިޔާލު ކަމަށް އޭނާ އަމިއްލައަށް ކަނޑައެޅިއެވެ. މަންމަ މަރުވީތާ ތިން މަސް ދުވަސް ހަމަވީތަނާ ބައްޕަ މަރުވީއެވެ. އެހެންވީމާ ސިކުނޑިއަށް އަސަރު ކުރާނެތާއެވެ.

ހެމުން ހެމުން ގޮސް ފީރޯޒާ ބިންމައްޗަށް ވެއްޓިއްޖެއެވެ. އޭގެ ފަހަކުން އޭނާގެ ހެއެއް ނެތެވެ.

ފާއިތު ވެގެން ދިޔައީ ކިހައި އިރެއް ކަމެއް ނޭނގެއެވެ. ހޭ އެރި އިރު އޭނާ އޮތީ ކޮޓަރީގެ އެނދުގައެވެ. ކޮޓަރީގެ ބޭރުން ބަޔަކު ވާހަކަ ދައްކާ އަޑު އިވެއެވެ. ދޮރު ހުޅުވުނު އަޑާއެކު އޭނާ ލޯ މަރައިލިއެވެ. އަންހެނަކު ބުނާ އަޑު އިވުނެވެ. “ކޮއިފުޅާ- އެ އުޅެނީ ބައްޕަ ވަޅުލާން ގެންދަން- އަވަހަށް މޫނު ދެކިލަން ހިނގާ-“

އެހެން މީހަކު ބުނި އަޑު އިވުނެވެ. “އެ ކުއްޖާފުޅު އަދިވެސް ހެއެއް ނާރާ-“

ދެން އިވުނީ ތަންކޮޅެއް ދުރުން ސަލްމާގެ އަޑެވެ. “ކިހިނެއްވީ-؟ ފީރޯޒާ ހޭ އަރައިފިތަ-؟”

“ނޫނޭ- އަދިއެއް ނާރާ-“

ސަލްމާ ބުންޏެވެ. “ޑަކްޓަރު ބުނީ ހަތަރު ގަޑިއެއްހައި އިރުން ހޭ އަރާނެއޭ- މިހާރު ހަ ގަޑި އިރަށް ވުރެ ގިނަ ވެއްޖެ- އަހަރެން ޑަކްޓަރަށް ގުޅައިލާނަން- ކަލޭމެން މިތަނުން ނުކުމޭ- އޭނާ އެކަނި ބާއްވާ-“

ފީރޯޒާ އޮތީ އަޑު އަހާށެވެ. ފިޔަވަޅުގެ އަޑާއި، ދޮރު ލެއްޕުނު އަޑާއެކު އެމީހުން ދިޔައީކަން ދެނެގެންފިއެވެ. އޭނާ ލޯ ހުޅުވައިލިއެވެ. ކޮޓަރި ތެރެއަކު އެކަކުވެސް ނެތެވެ. ބައްޕަ ވަޅުލާން ގެންދަނީކަން އޭނާއަށް އެނގެއެވެ. އެންމެ ފަހު ފަހަރު ބައްޕަގެ މޫނު ދެކިލާން އޭނާ ބޭނުން ވެއެވެ. އެކަމަކު އަމިއްލަ ނަފުސުގެ މައްޗަކަށް އެއްވެސް އިތުބާރެއް ނެތެވެ. ކުށުގެ އިހުސާސް ކުރެވޭލެއް ބޮޑުކަމުން، ބައްޕަ ފެނުމާއެކު އެންމެންގެ ކުރިމަތީގައި ތެދަށް ވާހަކަ ދެއްކިދާނެތީ އޭނާ ޖެހިލުން ވެއެވެ.

އޭނާ ވިސްނަމުން ދިޔައެވެ. “މިވީ ކިހިނެއް ހެއްޔެވެ؟ އަހަންނާއި އަކްބަރާ ދެމީހުން ވެގެން ލޯތްބަކީ ފާފަ ކަމުގައި ހަދައިފީމެވެ. މަންމައާއި ބައްޕަގެ މަރުގެ ސަބަބުން އެ ލޯބި ކުށަކަށްވެސް ވެއްޖެއެވެ. އަހަރެން އަނދިރިވީ ކީއްވެގެން ހެއްޔެވެ؟ ކުށް ކުރެވޭ ކަމުގެ އިހުސާސް މީގެ ކުރީން ނުކުރެވުނީ ކީއްވެގެން ހެއްޔެވެ؟”

ބުއްދިއެއް ނެތް މީހަކު ކުއްލިއަކަށް ބުއްދިވެރިއަކަށް ނުވާނެއެވެ. އޭނާގެ އިހުސާސްތައް ހިލުވައި، ޒަމީރު ހޭލައްވައިލީ ސަބަބު ބައެއް ފަހަރަށް އޭނާއަށް ވިސްނެއެވެ. ބައެއް ފަހަރު ވިސްނައިގަންނާކަށް ނޭނގެއެވެ. ފީރޯޒާގެ ހިތުގައި މައިވަންތަ ޖަޒުބާތު ހިލިގަތީ، ދަރިފުޅު ވައްޓައިލާށޭ އަކްބަރު ބުނި ވަގުތުއެވެ. އެއީ ކަށަވަރު ކަމެކެވެ.

ދަރިންގެ އަހަންމިއްޔަތު އޭނާއަށް ވިސްނުނީ އެ ވަގުތުއެވެ. އަގު ވެއްޓުނަ ނުދީ ހިފަަހައްޓާށާއި، އަބުރު ސަލާމަތް ކޮށްދޭން އޭނާގެ މަންމަ އެހައި ވަރުން މަސައްކަތް ކުރީ ކީއްވެގެންކަން އޭނާއަށް އެނގުނީ އެ ވަގުތުއެވެ. އޭނާގެ މަންމަ މި ދުނިޔެ ދޫކުރީ އޭނާގެ ބަނޑުގައި އަށަގެންފައިވާ ދަރި، އަށަގަތަ ނުދޭން ފާރަލުމުގެ ތެރޭގައެވެ. އެ ދަރީގެ ޚަބަރު ލިބުމުން ލޯބިވެރިޔާގެ ހުކުމަކީ މަރުގެ ހުކުމެވެ. ދަރިފުޅު މަރައިލުމުގެ އަމުރެވެ.

“މަރައިލާނީ ކިހިނެއް ހެއްޔެވެ؟” އޭނާ ދަތްކުނޑި ވިކައިލިއެވެ. އަދި އަމިއްލަ ނަފުސާ ވާހަކަ ދެއްކިއެވެ. “އަހަންނަކީ އަންހެން ދަރިއަކު އަބުރުވެރިކަމާއެކު ދިރިއުޅޭނޭ ގޮތް ހެދުމަށްޓަކައި ކުރި މަސައްކަތުގައި ފުރާނަ ދޫކޮށްލީ އަންހެނެއްގެ ދަރިއަކީމެވެ. އަހަރެން މި ދަރިފުޅު ދުނިޔެއަށް އުފަން ކުރާނަމެވެ. ދިރިއުޅުނަ ދޭނަމެވެ.”

ފާފައިގެ ނިޝާނެއް ދަމަހައްޓާން މަސައްކަތް ކުރުމަކީ އެއް ހަމަޔަކުން ބަލާއިރު މޮޔަ ކަމެކެވެ. ފާފަ ޖެހެނީ ސިއްރު ކުރާށެވެ. ސިއްރު ނުކުރެވުނިއްޔާ އޭގެ ނިޝާން ފޮހެލާށެވެ. އެހެންނަމަވެސް ރަހިމުގައި އަށަގެންފައިވާ ފުރާނައެއް ނައްތައިލުމުގެ ހުއްދައެއް އެއްވެސް ދަންނަބޭކަލަކު ނުދޭނެއެވެ. އެއީ ހުއްދަ ކަމަކަށް ނުވާތީއެވެ.

މިފަދަ ކުއްޖަކީ ކުށެއް ކަމަކަށް ނުބެލެވޭނެއެވެ. ކުއްޖާ ވާނީ ކުށެއް ނެތް މައުސޫމު ކުއްޖަކަށެވެ. އެކަމަކު އެ ކުއްޖާ އުފަން ކުރުމުގެ ޒިންމާދާރުންނަކީ އަދަބު ލިބެން ޖެހޭ ކުށްވެރީންނެވެ.

މި ވަގުތު އޭނާ ވިސްނަމުން ގެންދަނީ ދީނަކާ މެދުގައެއް ނޫނެވެ. ފަތުވާއަކާ މެދުގައެއްވެސް ނޫނެވެ. އޭނާގެ އެތެރެ ހަށީގައި ވަނީ ބޮޑު ޠޫފާނެއް އުފެދިފައެވެ. މަރުވަމުން ދިޔަ ވަގުތު ބައްޕަ އޭނާގެ މޫނަށް ކުޅު ޖެހި މަންޒަރު ހިތަކުން ފިލައިގެންނެއް ނުދިޔައެވެ. އޭނާގެ ސިކުނޑި ފަޅައިގެން ދާން އުޅޭ ކަހަލައެވެ. އެކަމަކު ސިކުނޑީގެ ޠޫފާނުގެ މައްޗަށް ބާރު ފޯރުވޭތޯ އޭނާ ދަނީ މަސައްކަތް ކުރަމުންނެވެ. އޭނާޔާ ބެހޭ ގޮތުން މަންމަޔާއި ބައްޕަޔާއި ބޭބެވެސް ދެކޭ ވަކި ގޮތެއް އޮވެއެވެ. އެއީ އޭނާއަކީ ގޮތް ދޫނުކުރާ ކުއްޖެއް ކަމުގައެވެ. ކުރާން ބޭނުންވާ ކަމެއް ކޮށްފައި ނޫނީ ހުއްޓައި ނުލާނޭ ކަމުގައެވެ.

ބައިގަޑިއެއްހައި އިރު ފަހުން އަނެއްކާވެސް ކޮޓަރީގެ ދޮރު ހުޅުވިއްޖެއެވެ. ސަލްމާ ޑަކްޓަރަކު ގޮވައިގެން އައިސް ވަދެއްޖެއެވެ. ފީރޯޒާ ތެދުވެ އިށީނދެއްޖެއެވެ. ޑަކްޓަރު ހިނިތުން ވެލައިފައި ބުންޏެވެ. “ސަލްމާ- ތިޔަ ކަން ބޮޑު ވަނީ އެއްވެސް ކަމަކާ ނުލާ- އަހަރެެންގެ ފީރޯޒާ މުޅީން ރަނގަޅު- ގަދަބަދަވި-“

ފީރޯޒާ ބުންޏެވެ. “ލައްބަ- އަޅުގަނޑު މުޅީން ރަނގަޅު- މިހިރީ ހަމަ ހޭގައި- ޑަކްޓަރުވެސް ހަމަ ހޭގައި ހުންނަވާ- މިގޭގައި މި އޮތީ ހިތާމައިގެ މާހައުލެއް- މިފަދަ ހާލަތެއްގައިވެސް ޑަކްޓަރު ތިޔަ ހިނިތުންވެލައްވަނީ-“

ޑަކްޓަރު ބުނެލިއެވެ. “މާފު ކުރޭ- ޑަކްޓަރުން އާއްމު ގޮތެއްގައި ބަލި މީހުނާ ވާހަކަ ދައްކާނީ ހިނިތުން ވުމާއެކު- ކޮއިފުޅު ހޭ އެރިކަން އެނގުނީމާ މި ގެއަށް ވެރިވެފައި އޮތް ހިތާމައިގެ މާހައުލުގެ މަތީން ހަނދާން ނެތުނީ-“

ޑަކްޓަރު އޭނާގެ ވިންދު ބަލައިލާން އަތް ދިއްކޮށްލުމާއެކު ފީރޯޒާ ބުންޏެވެ. “އަޅުގަނޑު މުޅީން ރަނގަޅު- އަޅުގަނޑަކަށް ޑަކްޓަރަކުވެސް އަދި ބޭހެއްވެސް ބޭނުމެއް ނުވޭ- މިގެއަށް ދުރުވީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ-“

ޑަކްޓަރު ނުކުމެގެން ހިނގައްޖެއެވެ.

އެޔާއެކު ދެތިން އަންހެނުން ކޮޓަރިއަށް ވަދެއްޖެއެވެ. ސަލްމާ ބުންޏެވެ. “ތިޔަ ކުރީ ކީއް-؟ ޑަކްޓަރު ފޮނުވައިލީ ކީއްވެގެން-؟ އޭނާ ހީކުރާނީ ކީކޭ-؟”

“އެހެން މީހުން ހީކުރާނޭ ގޮތަކާ މެދު ވިސްނުން މިއަދުން ފެށިގެން އަހަރެން ހުއްޓާލައިފިން- އަހަރެން ކުރަން ޖެހޭ ކަމަކީ ކޮބައިކަން މިހާރު އަހަންނަށް އެނގޭ-“

ކޮޓަރިއަށް ވަން އަންހެނުންގެ ތެރެއިން އެކަކު ބުނެލިއެވެ. “ކޮއިފުޅާ- މިހާރަކު މައިންބަފައިންނެއްވެސް ނެތް- އެހެންވީމާ އަމިއްލަ ކަންތައްތައް އަމިއްލައަށް ހަމަޖައްސާ- އަމިއްލައަށް ވިސްނާން ފަށާ-“

ދެން އިން މީހާ ސަލްމާއަށް ވައި އެޅުވުމުގެ ގޮތުން ބުނެލިއެވެ. “ފީރޯޒާއަކީ ވަރަށް ނަސީބުވެރި ކުއްޖެއް- މިހައި ލޯބިވާ ފަހަރިއަކު ލިބުނީ އެހެން ވެގެން- އިރާދަ ކުރެއްވިއްޔާ ސަލްމާ ކޮއިފުޅަކަށް މައިންބަފައިން ނެތްކަމުގެ އިހުސާސް ވިޔަކަ ނުދޭނެ-“

ފީރޯޒާ ބުންޏެވެ. “އަހަރެންވެސް މީގެ ފަހުން ފަހަރިއަށް މައިދައިތަ ނެތް ކަމުގެ އިހުސާސް ވިޔަކަ ނުދޭނަން-“

މިއަދު ފީރޯޒާގެ އަޑުން އެ ވާހަކަ ދައްކަނީ އޭނާގެ މައިދައިތަކަން ދެނެގަންނާކަށް ސަލްމާއަކަށް އުނދަގުލެއް ނުވިއެވެ. ބައްޕަ މަރުވުމާއެކު ފީރޯޒާގެ ކުލަވަރު ބަދަލު ވެއްޖެއެވެ. އެހެންނަމަވެސް ސަލްމާ އަދިވެސް ހުރީ ހިތްހަމަ ޖެހިފައެވެ. ގޭގެ އެންމެ ވަރުގަދަ ދެ ތަނބު ވެއްޓިއްޖެއެވެ. މިހާރު ގޭގެ ވެރިޔަކީ އޭނާއެވެ. ހުރިހައި ޖާދުލެއްގެ ވެރިޔަކީވެސް އޭނާއެވެ. މީގެ ފަހުން ގޭގެ އެންމެންނަށް އަމުރު ކުރާނޭ އަމުރުވެރިޔަކީވެސް އޭނާއެވެ.

ޖަވާދު ބައްޕަގެ ޖަނާޒާގެ ކަންތައް ނިންމައިފައި ގެއަށް އަތުވެއްޖެއެވެ. ތައުޒިޔާ ކިޔަން އައި މީހުން މަޑުމަޑުން ހުސްވަމުން ގޮސް ހުސްވެއްޖެއެވެ. އެކި ރަށްރަށުން އައި ގާތް ތިމާގެ މީހުންވެސް ގޮސް އަވަދިވެއްޖެއެވެ.

ފީރޯޒާ ކޮޓަރިއަށް ވަދެ އެތެރެއިން ތަޅުލައިފިއެވެ. ދެތިން ފަހަރަކު ކޮންމެވެސް މީހަކު ޓަކި ޖެހިއެވެ. އެކަމަކު އޭނާ ނުއެއް ހުޅުވިއެވެ. އަނގަޔަކުންވެސް ނުބުންޏެވެ. އޭނާ ނިދާފައި ކަމަށް ހިތައި ފަހުން އެއްވެސް މީހަކު ޚަބަރެއް ނުބަލައެވެ.

އެކަމަކު އޭނާ އޮތީ ހޭލައެވެ. މިއަދު އޭނާ ވަނީ ބަފައެއްގެ ހިޔާވަހިކަމުން މަހުރޫމު ވެފައެވެ. ނިދަން ބޭނުން ވިޔަސް ނުނިދޭނޭކަން އޭނާއަށް އެނގެއެވެ. އަކްބަރު އަންނާނޭ ނަމައޭ އެތައް ފަހަރަކު ހިތަށް އެރިއެވެ. އޭނާގެ މޭގައި ބޯ އަޅައިލައިގެން އޮވެ ނިދޭނެ ނަމައޭ ހިތަށް އެރިއެވެ. މައިންބަފައިންނަށް ފަހު އަންހެނެއްގެ އެންމެ ބޮޑު އެހީތެރިއަކަށް ވަނީ ފިރިމީހާއެވެ.

ލިބޭން އުޅޭ ދަރިފުޅާ މެދު ދުޝްމަނަކު ވާހަކަ ދައްކާ ގޮތަށް ވާހަކަ ދެއްކީތީ އޭނާގެ ގާތަށް ރުޅި އައެވެ. އެކަމަކު ވާހަކަ ދެއްކުމަކުން ވާނޭ ކަމަކީ ކޮބައިހެއްޔެވެ؟ ފިރިހެނުން ރުޅި އަންނާނެއެވެ. އެއްޗެހިވެސް ކިޔާނެއެވެ. މަރައިލާނޭ ކަމުގެ އިންޒާރުވެސް ދޭނެއެވެ. އެކަމަކު މޭގައި ލައްކޮށްލައިގެން ހުރެ ލޯބި ކުރަނީވެސް ހަމަ ފިރިހެނުންނެވެ. އޭނާ ވިސްނަމުން ދިޔައެވެ. އަކްބަރު އައީމާ އޭނާއަށް ދަރިފުޅު ދެކެ ލޯބިވާން ދަސްކޮށް ދޭނީއެވެ. މައިންބަފައިން މަރުވެ ދިއުމުގެ ސަބަބުން އަކްބަރަށްވެސް އަސަރު ކުރާނޭ ކަން އޭނާއަށް ޔަގީނެވެ. އެނބުރި އައިސް އޭނާޔާ އިންނާނޭކަން ކަށަވަރެވެ.

ރޭގަނޑު މެންދަމުން އަލީވީމާ އޭނާ ކުޑަ ޓޭޕް ރެކޯޑަރެއް ހިފައިގެން އިށީނދެއްޖެއެވެ. މައިންބަފައިންގެ ވަކިވެ ދިއުމާއި، ސިކުނޑިއަށް ކުރާ ބާރު ލުއި ކޮށްދޭނޭ ހަމައެކަނި ގޮތަކީ އަކްބަރުގެ ހަނދާން އައު ކުރުމެވެ. އޭނާގެ އަޑުގެ ތެރެއަށް ގެއްލިގެން ދިއުމެވެ.

އަކްބަރާއި އޭނާޔާ ދެމީހުންގެ އަޑު ރެކޯޑު ކޮށްފައިވާ ދިހަ ކެސެޓު ރޯލު އޭނާގެ އަތުގައި އެބައޮތެވެ. އެ ރޯލުތައް ހުރިކަން އޭނާ އަކްބަރަކަށްވެސް ނާންގައެވެ. އަޑު އަހަން އިންދާ އޭނާ އަތުވެއްޖެ ނަމަ އަވަހަށް ފޮރުވައެވެ. އެއީ އަންހެނުންގެ ތަބީއަތެވެ. ޖަޒުބާތީ ވާހަކަތައް އަޑު އިވުނީމާ ލަދު ގަންނަ ގޮތް ވުމަކީ އާދައެކެވެ. އެ އަޑު އޭނާގެ ލޯބިވެރިޔާއަށްވެސް އަޑު އިއްވާކަށް އޭނާ ބޭނުމެއް ނުވެއެވެ. ރޯލުތައް ފޮރުވައިގެން ގެންގުޅެނީ އެހެން ވެގެންނެވެ.

އޭނާ ކަންފަތުގައި އިއަރފޯނު ޖަހައިގެން އެނދުގައި އޮށޯވެއްޖެއެވެ. ރެކޯޑަރު އޮތީ އޭނާގެ މޭމަތީގައެވެ. އޭނާ ފިތަކަށް އޮބައިލިއެވެ. އެއީ އޭނާޔާއި އަކްބަރާ ދެމީހުންގެ ދެވަނަ ބައްދަލުވުމުގެ ވާހަކައެވެ. އެރޭ ވެހެމުން ދިޔަ ވާރޭގެ އަޑު އިވެއެވެ. ވާރޭގެ އަޑާއި ބައެއް ފަހަރު އިވޭ ގުގުރީގެ އަޑުގެ ތެރެއިން އަކްބަރުގެ އަޑު އިވުނެވެ. “އަހަރެންގެ ފުރާނަޔާ- މި ޠޫފާނީ ވާރޭ އަހަރެން ހުއްޓުވަން ވަރަށް މަސައްކަތް ކުރި- އެކަމަކު ފީރޯޒާގެ މި ދީވާނާ ހުއްޓުވުމަކީ އެއްވެސް މީހަކަށް ކުރެވޭނޭ ކަމެއް ނޫން- އާދޭ… އަހަރެން މި އައީ ޠޫފާނާ ހަނގުރާމަ ކޮށްފައި- އަހަރެންގެ އިނާމު ދޭން އާދޭ…”

ރެކޯޑަރުން ދެން އިވުނީ އޭނާގެ އަޑެވެ. “އަކްބަރުގެ ތިޔަ ދީވާނާކަމުގެ ސަބަބުން އަހަރެން މުޅީން ބަދަލު ކޮށްލައިފި- އަހަންނަށް ވެފައި ހުންނަ ގޮތެއްވެސް މިހާރަކު ނޭނގޭ- އަކްބަރަށްޓަކައި އަހަރެން މަންމަޔާވެސް އަރައިރުން ވެއްޖައިން… އައްދޭ… ކީއް ތިޔަ ކުރަނީ… ހެދުން ބަދަލުކޮށްލަބަލަ- ތިޔަހަރީ މުޅީން ތެމި ފޯވެފައެއްނު-؟ އަހަރެންވެސް ތެންމާލަނީތަ-؟”

“ކީއްކުރާނީ…؟ ޖަޒުބާތުގެ ވާރޭގައި ބައިވެރިޔާއާއެކު ތެމިލުމަކީވެސް ކުރަން ޖެހޭ ކަމެއް-“

“ނޫން- މޫސުން އޮތް ގޮތުން އަހަންނަށް އެނގޭ ވާނޭ ގޮތް- އެހެންވީމާ ފަހަރި ގާތު ބުނެގެން ބޭބެގެ ހެދުމެއް މި އޮތީ ހޯދާފައި- ހެދުން ބަދަލު ކޮށްލާ-“

އޭގެ ފަހުން އަޑެއް ނީވެއެވެ. އެކަމަކު ރެކޯޑަރު ހުރީ ހިނގަހިނގައެވެ. އަކްބަރު ހެދުން ބަދަލު ކުރާތީ އޭނާ ތަންކޮޅެއް ދުރަށް ޖެހިލީއެވެ. އެނދުގެ އަނެއް ފަރާތުގައިވެސް ރެކޯޑަރެއް ފޮރުވާފައި އޮތެވެ. ކޮޓަރީގެ ތިން ތަނެއްގައި ތިން ރެކޯޑަރު އޮތެވެ. ރެކޯޑް ވޭވެއެވެ. އެ ހަތަރު ފާރުގެ އެތެރޭގައި އެ ދެމީހުން ދައްކާ ހުރިހައި ވާހަކައަކާއި، ހުރިހައި އަޑެއް ދިޔައީ ރެކޯޑު ވަމުންނެވެ.

އެ ހަރުހިލަ ހިތް ފުރައިގެން ލާހޯރަށް ދިޔައީއެވެ. މިހާރު ދެ މަހަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. އެނބުރިއެއް ނައެވެ. ވަކިވުމުގެ ހިތާމައިގައި އޭނާ ރޭގަނޑު ހަތަރު ދަމު އޮންނަނީ ހޭލައެވެ. ރޭ ދެބައިވީމާ ކޮޓަރި އަނދިރިކޮށްގެން އޮވެ އޭނާގެ އަޑު އަހަނީއެވެ.

އޭނާގެ އަޑު އިވުނީމާ ކޮޓަރިތެރެ ސާފުކޮށް، އަލިކޮށް ފެންނާން ފަށައެވެ. ރެކޯޑަރުން އިވޭ ވާހަކަ ޚުދު އަކްބަރު ދައްކާތީ އޭނާއަށް ފެންނާން ފަށައެވެ. އޭނާ އަތް ދިއްކުރެއެވެ. އެކަމަކު އަކްބަރުގެ ގަޔަކު އަތެއް ނުޖެހެއެވެ. އަކްބަރުގެ އުނގުގައި އިނދެވޭ ކަމުގައި އޭނާއަށް އިހުސާސް ކުރެވެއެވެ. އެކަމަކު އުނގެއް ނުފެނެއެވެ. އަނދިރީގައި މިކަހަލަ ބައި ބައްދަލުވުމުގެ ތެރޭގައި އޭނާ ރޮއި ހަދައެވެ.