އައްޝައިޚް ޢިމްރާން މުޙައްމަދު ޢަލީ

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ވިޔަފާރި މުދަލަކީ ކޮބާ؟ވިޔަފާރި މުދަލަކީ އެއިން ފައިދާ ޙާޞިލުކުރުމަށްޓަކައި ގަނެވިއްކުމަށް ތައްޔާރުކޮށްފައި ހުންނަ މުދަލެވެ. [1]

ޢަރަބި ބަހުގައި އެއަށް ކިޔަނީ عُرُوْضُ التِّجَارَة އެވެ.

عُرُوْضُ އަކީ: عَرْضُ ނުވަތަ عَرَضُ ގެ ގިނަ ގޮތެވެ. މާނައަކީ ހަރުލުމެއް ނުވާ މުދަލެވެ. އެހެނީ އެފަދަ މުދަލަކީ ވިޔަފާރި ކުރަން ގެނެސްފައި ހުންނަ މުދަލަކަށް ވާތީ އެދާނީ އަބަދުވެސް ބަދަލުވަމުންނެވެ. [2]

التِّجَارَة އަކީ: ވިޔަފާރިއެވެ.

ވިޔަފާރި މުދަލުން ޒަކާތް ނެރުމުގެ ޙުކުމަކީ ކޮބާ؟ވިޔަފާރި މުދަލުން ޒަކާތް ނެރުމަކީ ވާޖިބެކެވެ. އެކަމުގެ މައްޗަށް ގިނަ ޢިލްމުވެރިން ވަނީ އެއްބަސްވެވަޑައިގެންފައެވެ. އަދި ބައެއް ޢިލްމުވެރިން ވަނީ އެކަމުގެ މައްޗަށް އިޖުމާޢުވެސް ނަޤުލުކުރައްވާފައެވެ. އިބްނުލް މުންޛިރު رحمه الله ވިދާޅުވިއެވެ.

“ވިޔަފާރި ކުރުމަށްޓަކައި ގެނެސްފައި ހުންނަ، ހަރުނުލާ (އަބަދު ބަދަލުވަމުންދާ) މުދަލަށް އަހަރުވުމުން، އޭގެން ޒަކާތް ދޭން ޖެހޭނެކަމަށް ޢިލްމުވެރިންވަނީ އިޖުމާޢުވެވަޑައިގެންފައެވެ.” [3]

އަދި ހަތަރު މަޛްހަބުގެ ޢިލްމުވެރިންވެސް ވަނީ އެކަމުގެ މައްޗަށް އިއްތިފާޤުވެވަޑައިގެންފައެވެ.

ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ވިދާޅުވިއެވެ.

“ހަތަރު މަޛްހަބުގެ އިމާމުންވެސް އަދި މުޅި އުންމަތްވެސް ވަނީ ވިޔަފާރި މުދަލުން ޒަކާތް ނެރެމަކީ ވާޖިބެއްކަމާ މެދުގައި އިއްތިފާޤުވެވަޑައިގެންފައެވެ. އެކަމުގައި އެކަހެރިވެވަޑައިގެންނެވި މަދު ބޭކަލަކު މެނުވީއެވެ.” [4]

މިފަދައިން ވިދާޅުވާ ބައެއް ޢިލްމުވެރިންގެ ތެރޭގައި: عمر بن الخطاب އާއި ابن عباس އާއި މަޝްހޫރު ހަތް ފިޤުހުވެރިންނާއި (سعيد بن المسيب، القاسم بْنِ مُحَمَّد، عُرْوَة بْنِ الزُّبَيْر، أَبو بَكْر بن عبد الرحمن بن الحارث، خارحة بْنِ زَيْد، عُبَيْد اللَّه بْنِ عَبْد اللَّه بْنِ عُتْبَة، سليمان بْنِ يَسَار) އާއި الْحَسَنِ الْبَصْرِيّ އާއި طاووس އާއި جَابِر بْنِ زَيْد އާއި مَيْمُون بْنِ مِهْرَان އާއި النَّخَعِيّ އާއި مَالِك އާއި الثَّوْرِيّ އާއި الأوزاعي އާއި الشافعي އާއި أبو حنيفة އާއި އެކަލޭގެފާނުގެ އަޞްޙާބުންނާއި أحمد އާއި إسحق އާއި أَبو ثَوْر އަދި أَبو عُبَيْد ހިމެނިވަޑައިގަންނަވައެވެ. [5]

https://dhisalafiyyah.net/article/46262