މެޗުގެ އިތުރު ވަގުތުގައި ހެރީ މަގުއެރޭ ޖެހި އޮފްސައިޑް ލަނޑަކުން 2-1 އިން ލެސްޓަރ ސިޓީ ބަލިކޮށް މެންޗެސްޓަރ ޔުނައިޓެޑް އިނގިރޭސި އެފްއޭކަޕް ފަސްވަނަ ބުރުން ރޭ ޖާގަ ހޯދައިފިއެވެ.
ޔުނައިޓެޑުގެ އޯލްޑް ޓްރެފޯޑުގައި ކުޅުނު މިމެޗުގައި ލީޑް ނެގީ ލެސްޓަރ ސިޓީއިންނެވެ. ފުރަތަމަ ހާފް ނިމެން ތިން މިނެޓަށްވެފައި ވަނިކޮށް މި ލަނޑު ކާމިޔާބު ކޮށްދިނީ ބޮބީ ޑި ކޯޑުވާ ރެއިޑެވެ. ޔުނައިިޓެޑުން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 68 ވަނަ މިނެޓުގައި ނެދަލޭންޑްސްގެ ފޯވާޑް ޖޯޝުއާ ޒިރްކްޒީގެ ލަނޑަކުންނެވެ.
ލެސްޓަރ ސިޓީއިން މޮޅަށް ކުޅުނު މިމެޗް ޔުނައިޓެޑުން ކާމިޔާބު ކުރީ 90 މިނެޓް ހަމަވެގެން، އިތުރަށް ދެއްކި 3 މިނެޓުގެ ކުޅުން ހިނގަމުން ދަނިކޮށެވެ. އޭރު މެޗް ނިމެން އޮތީ ހަތާވިކަށް ސިކުންތެވެ.
މެޗުން ޔުނައިޓެޑު މޮޅު ކުޅުމެއް ދިނުމުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުމެ އާޖެންޓީނާގެ ވިންގަރ އަލަހެންދްރޯ ގާނާޗޯ މުހިއްމު ދައުރެއް އަދާކުރިއެވެ. މޮޅު ކުޅުންތެރިޔަކަށްވެސް ހޮވުނީ އޭނާއެވެ.
ޔުނައިޓެޑާއި ލެސްޓަރ ސިޓީ ބައްދަލު ކުރި މެޗުގެ އުސްއަލިތައް:
https://www.youtube.com/watch?v=Z0DtMyYQ7DA
މެޗަށްފަހު ވާހަކަ ދައްކަމުން ލެސްޓަރ ސިޓީގެ ކޯޗް އަދި މިސީޒަނުގައި ޔުނައިޓެޑުގެ އެސިސްޓެން ކޯޗުކަމާއި ވަގުތީ ގޮތުން ހެޑް ކޯޗަކަންވެސް ކުރި ރޫޑް ވެން ނިސްޓެލްރޫއީ ބުނީ ޔުނައިޓެޑް މޮޅުވީ "ފާގީ ޓައިމް" ގައި ނޫން ކަމަށާއި މޮޅުވީ "އޮފްސައިޑް ޓައިމް" ގައި ކަމަށް ބުނެ ނުސީދާކޮށް ރެފްރީއިންނަށް ފާޑު ކިޔާފައެވެ. ފާގީ ޓައިމްއަކީ ނިސްޓެލްރޫއީމެން ޔުނައިޓެޑަށް ކުޅުނު ދުވަސްވަރު ކޯޗް ފާގަސަން އާންމުކޮށް މެޗުގެ އިތުރު ވަގުތުގައި ނަތީޖާ ނެރޭތީ އެކަމާ ގުޅުވައިގެން އޭރު އުފެދުނު ނަމެކެވެ.
އެފްއޭ ކަޕު މެޗުތަކުގައި ވީއޭއާރު ބޭނުން ނުކުރާތީ، މަގުއެރޭ ލަނޑު ޖެހީ އޮފްސައިޑް މަގާމެއްގައި ހުރެތޯ ޗެކްކޮށްފައެއް ނުވެއެވެ. ޓީވީ ރިޕްލައި ފެންނަނީ މަގުއެރޭ ހުރީ އޮފްސައިޑް ޕޮޒިޝަނެއްގައި ކަމަށެވެ.