މާލޭ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގައި ގިތެޔޮ މިރުސް ކިލޯއެއްގެ އަގު 100 ރުފިޔާއަށް ވެއްޓިއްޖެއެވެ.

ރަމަޟާން މަސް ވަރަށް ބޮޑަށް ކައިވެރިވެފައި ވަނިކޮށް މިރުހުގެ ވެއްޓުމަކީ ރަނގަޅު ފާލެއްކަމަށް މާރުކޭޓުގައި މިރުހުގެ ވިޔަފާރި ކުރާ މީހުން ދެކެއެވެ. މައިގަނޑު ގޮތެއްގައި މާލޭ މާރުކޭޓަށް ގިތެޔޮ މިރުސް ގެންނަނީ ތ.ކަނޑޫދޫ އަދި ލ.އަތޮޅުގެ ރަށްތަކުންނެވެ.

މާރުކޭޓުގައި މިރުހުގެ ވިޔަފާރި ކުރަމުން އަންނަ މީހަކު މައުލޫމާތު ދެމުން ބުނީ މިފަހަރުގެ ރޯދަމަހުގައި ގިތެޔޮ މިރުހުގެ އަގު ބޮޑުވާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށެވެ. މީގެ ކުރިން ބައެއް ރަމަޟާން މަސްތަކުގައި ގިތެޔޮ މިރުސް ކިލޯއެއްގެ އަގު 1000 ރުފިޔާއަށްވުރެ މައްޗަށް އަރާފައި އެބަހުއްޓެވެ.

ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގައި މިރުހުގެ އަގު ހެޔޮވިނަމަވެސް މާލޭގެ އެތެރޭގެ ހުރި މާރުކޭޓުތަކުގައި ގިތެޔޮ މިރުސް ކިލޯއެއް މިހާރުވެސް ވިއްކަމުން ދަނީ 200 ރުފިޔާއަށެވެ.