ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް މެމްބަރުން ހޮވުމަށް މިއަދު ބޭއްވި ބައި-އިލެކްޝަނުގެ 13 ގޮނޑީގެ ތެރެއިން 9 ގޮނޑި ސަރުކާރު ހިންގާ ޕީއެންސީއަށް ލިބިއްޖެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ވަގުތީ ނަތީޖާ ދައްކާގޮތުން މިއިންތިހާބުގައި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއަށް 9 ގޮނޑި، އިދިކޮޅު އެމްޑީޕީއަށް 2 ގޮނޑި، އަމިއްލަ ގޮތުން ވާދަކުރި ފަރާތްތަކަށް ދެ ގޮނޑި ވަނީ ލިބިފައެވެ.
ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް ބާއްވަން އަހަރަކު ދެ ފަހަރު ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އިއްޔެ ފުރަތަމަ ބައި އިލެކްޝަން ބާއްވާފައިވަނީ 12 ދާއިރާއެއްގެ 13 ގޮނޑިއަށް މެމްބަރުން ހޮވުމަށެވެ. މީގެތެރެއިން 9 ގޮނޑި ކާމިޔާބުކޮށްފައިވަނީ ޕީއެންސީންނެވެ. އަދި އިދިކޮޅު އެމްޑީޕީއަށް 2 ގޮނޑި ކާމިޔާބުވެފައިވާއިރު އަނެއް 2 ގޮނޑި ކާމިޔާބުކޮށްފައިވަނީ އަމިއްލަ މެމްބަރުންނެވެ.
މި އިންތިހާބު ބާއްވާފައިވަނީ 12 ރަށެއްގައެވެ. އެއީ 2 ރަށެއްގެ ކައުންސިލާއި 10 ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކެވެ.
އެގޮތުން ނ. ލަންދޫ ކައުންސިލް މެމްބަރުގެ ގޮނޑިއާއި، ލ.ގަމު، ގއ.ކަނޑުހުޅުދޫ، ހދ.ހިރިމަރަދޫ، ތ.ބުރުނީ، ބ.ގޮއިދޫ، ރ.އިންނަމާދޫ (2 ގޮނޑި) އަދި ނ.ފެހެންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންގެ ގޮނޑިތައްވަނީ ޕީއެންސީން ކާމިޔާބުކޮށްފައެވެ.
މީގެއިތުރުން އދ. ހަންޏާމީދުއާއި ނ.މިލަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑި އެމްޑީޕީން ކާމިޔާބުކޮށްފައިވާއިރު، ހދ.މަކުނުދޫ ކައުންސިލްގެ ގޮނޑިއާއި ދ.ހުޅުދެލި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑި ކާމިޔާބުކުރީ އަމިއްލަ ގޮތުން ވާދަކުރި ފަރާތްތަކުންނެވެ.
މި ބައި-އިލެކްޝަން ބޭއްވުމަށް ޖުމްލަ 33 ގޮނޑިއަކަށް ހުޅުވާލިއިރު، މީގެތެރެއިން 21 ގޮނޑިއަށް އެންމެ ކެނޑިޑޭޓަކު ވާދަކުރުމާއި ގުޅިގެން އެކެނޑިޑޭޓުންވަނީ އިންތިހާބަކާ ނުލައި ގޮނޑި ކާމިޔާބުކޮށްފައެވެ.