ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފް، "ވޯލްޑް ގަވަމަންޓް ސަމިޓް 2025"ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އަށް ފުރާވަޑައިގެންފިއެވެ.

‎ޔޫއޭއީގައި ފެބްރުއަރީ މަހުގެ 11 އިން 13އަށް ބާއްވަން ހަމަޖެހިފައިވާ މި ސަމިޓް ޝިއާރަކަށް ކަނޑައަޅާފައި ވަނީ، "ޝޭޕިންގ ފިއުޗަރ ގަވަމަންޓްސް" އެވެ. މި ސަމިޓްގެ މަގުސަދަކީ ސަރަޙައްދުގެ ގައުމުތަކާއި، ބައިނަލްއަގުވާމީ ޖަމާއަތްތަކާއި، ވަކި ވަކި ފަރުދުންގެ މެދުގައި އެއްބާރުލުން އިތުރުކޮށް، ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލުތައް ހޯދުމެވެ.

‎މި ސަމިޓްގެ މޫސުމީ ބަދަލުތަކާއި ބެހޭ ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. އަދި، އެމަނިކުފާނު ސަމިޓްގެ ބައެއް ބައިވެރިންނާއެކު ބައްދަލުވުންތައް ބޭއްވެވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

‎"ވޯލްޑް ގަވަމަންޓް ސަމިޓް 2024" ގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެން، ރާއްޖޭގެ ކުރިމަގުގެ ތަސައްވުރާއި، އެ ތަސައްވުރުގައި ދެމެހެއްޓެނިވި ތަރައްގީގެ ދައުރާއި ބެހޭގޮތުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.