ޒަޔަނިސްޓުންގެ ނާޒީ އަމަލުތަކާ ހެދި މުއްދަތެއް ނެތް ގޮތަށް ޙަމާސްގެ މެހުމާން ދާރީގައި ތިބި ހަނގުރާމައިގެ އަސީރުންނާއި އިޒްރޭލުގެ ޒަޔަނިސްޓު ޓެރަރިސްޓުން ވަގަށް ނަގާފައިވާ ފަލަސްޠީނު ރަހީނުން ބަދަލު ކުރުން ފަސްކޮށްފައިވާ ކަމަށް، ޝަހީދު ޢިއްޒުއްދީން އަލްޤައްސާމް ބްރިގޭޑްގެ ތަރުޖުމާން އަބޫޢުބައިދާ ދެންމެ އިއުލާން ކުރައްވައިފިއެވެ.
އަބޫޢުބައިދާ ވިދާޅުވީ ޣައްޒާގައި ހަމަލަތައް ހުއްޓާލުމުގެ އެއްބަސްވުމާ ޒަޔަނިސްޓު ޔަހޫދުން ޚިލާފުވުމުގެ ސަބަބުން ހޮނިހިރު ދުވަހު އިޒްރޭލާ ހަވާލު ކުރުމަށް ހަމަޖެހިފައިވާ ޙަމާސްގެ މެހުމާންދާރީގައި ތިބި މީހުން ހަވާލުކުރުން ފަސްކުރެވިފައި ވާކަމަށެވެ.
އަބޫޢުބައިދާ ވަނީ، އޭނާގެ ޓެލެގްރާމް އެކައުންޓުގައި މިކަން ހާމަ ކުރައްވާފައެވެ.
ޒަޔަނިސްޓު ޔަހޫދުންގެ ދިފާއީ ވަޒީރު ވަނީ އަބޫޢުބައިދާއަށް ރައްދު ދެމުން އެއްބަސްވުމާ ޚިލާފްވީ ޙަމާސްއިން ކަމަށް ބުނެފައެވެ.
"ވޭތުވެދިޔަ ތިން ހަފްތާގެ ތެރޭގައި ދުޝްމަނުން އެއްބަސްވުމާ ހިލާފުވުމާއި އެއްބަސްވުމުގެ ޝަރުތުތަކަށް އަމަލު ނުކުރާކަން މޮނިޓަރކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ގެދޮރު ގެއްލިފައިވާ މީހުން ޣައްޒާގެ އުތުރަށް އެނބުރި ދިއުން ލަސްކުރުމާއި އެމީހުންނަށް ހަމަލަ ދީ ބޮން ގޮއްވާލުމާއި ބަޑީގެ ހަމަލަތައް އަމާޒުކުރުން ހިމެނޭ" ކަމަށް އަބޫޢުބައިދާ ވިދާޅުވިއެވެ.
ޔަހޫދު ޒަޔަނިސްޓު ޓެރަރިސްޓުންނަކީ މިއަދާހަމައަށް އެމީހުންނާއެކު ސޮއިކޮށްފައިވާ އެއްވެސް މުއާހަދާއަކަށް އަމަލުކޮށްފައިވާ ބައެއް ނޫންކަން ތާރީޚީ ފަށްފުށްތަކުން ސާބިތު ވެއެވެ.
ޒަޔަނިސްޓު ޓެރަރިސްޓުން ވަނީ ޣައްޒާއަށް އެހީގެ ސާމާނު ފޯރުކޮށްދޭ ފަރާތްތަކަށްވެސް ހުރަސް އަޅާފައެވެ. އަދި ޒަޔަނިސްޓުންގެ ނާޒީ ހަމަލާތަކުގައި ވައްޓާލާފައިވާ އިމާރާތްތައް ސާފުކުރުމަށް ބޭނުންވި ބަރު އުޅަނދުތައް ވެއްދުމަށްވެސް ޒަޔަނިސްޓުން ވަނީ ދެކޮޅު ހަދާފައެވެ.
"ކަން މިހެން އޮތުމާއެކު، އަންނަ ހޮނިހިރު ދުވަހު ދޫކޮށްލަން ހަމަޖެހިފައިވާ ޒަޔަނިސްޓް ގައިދީން ހަވާލުކުރުން އިތުރު އެންގުމެއް އަންގަންދެން ފަސްކޮށްފައިވާ ކަމުގައި އަންގަން" އަބޫ ޢުބައިދާ ވިދާޅުވިއެވެ.