ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، ގައުމީ އިނާމާބެހޭ ކޮމިޓީން މިމަހުގެ 16 ވާ އާދީއްތަ ދުވަހު ހުޅުއްވައިލައްވައި، އިނާމު ދިނުމުގެ އުސޫލު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވަން ނިންމަވައިފިއެވެ.

އިނާމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުއްވައިލައްވާނީ، އަންނަ މާރިޗު މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ. މި އިނާމަށް ހުށަހަޅާ މީހުންގެ ނަން މިއަހަރު ހުށަހެޅޭނީ ހަމައެކަނި ރައީސް އޮފީހުގެ "ފޯމު ހުށަހެޅުން" މި ޕޯޓަލް މެދުވެރިކޮށްގެންނެވެ.

ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަކީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލުކަމާއި އިހުލާސްތެރިކަމާއެކުގައި ކޮށްފައިވާ ހިދުމަތްތަކަށާއި، އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެގޮތުން ގައުމީ ފެންވަރުގައި ދިވެހި ދައުލަތުން ރައީސް ދެއްވާ ޝަރަފުވެރި އިނާމެވެ.

ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމުގެ ގޮތުގައި ރައީސް ދެއްވާނީ އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެކެވެ.

މިދިޔަ އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް، ދިގު މުއްދަތަކަށް ދައުލަތަށް ހިދުމަތް ކުރައްވައިފައިވާ ބޭފުޅުންގެ މައުލޫމާތު، ގައުމީ އިނާމާބެހޭ ކޮމިޓީއަށް ރައީސް މިހާރު ވަނީ ފޮނުއްވައިފައެވެ.

އެގޮތުން މިއަހަރު ފޮނުއްވީ 42 އަހަރަށްވުރެ ގިނަދުވަހު ދައުލަތަށް ހިދުމަތް ކުރައްވައިފައިވާ ބޭފުޅުންގެ މައުލޫމާތެވެ. މިދިޔަ އަހަރު އިނާމާބެހޭ ކޮމިޓީއަށް ރައީސް ހުށަހެޅުއްވީ، 43 އަހަރަށްވުރެ ގިނަދުވަހު ދައުލަތަށް ހިދުމަތްކުރެއްވި ބޭފުޅުންނެވެ.