އެމެރިކާގެ ވެރިކަމަށް އައިސްފައި މިހިރީ، ރިއަލް އެސްޓޭޓް ބްރޯކަރެއް ހެއްޔެވެ؟ ނޫނީ ޑީލަރު ޑޮނަލްޑް ޓްރަމްޕް ހެއްޔެވެ؟

އަތް ހޫރާލަމުން، އަނގަ އޮރިއޮރިއަށް ބަހައްޓައިގެން، ކުޅު ބޯކޮށްގެން ބަސްމޮށެލާއިރު، ހީވަނީ، އަމިއްލައަށް ލިޔެފައިވާ "ދަ އާޓް އޮފް ދަ ޑީލް" ފޮތަކުން ތަންތަން ކިޔައި ދެނީ ހެންނެވެ!

ފުރުސަތުތަކުގެ ބޭނުން ހިފުމުގެ މުހިންމު ލަފާތަކަކާއި މޮޅެތި ވިޔަފާރި ފިލާވަޅުތައް ކިޔައި ދެނީ ހެންވެސް ހީވެއެވެ.

އެކަށީގެންވާ ކަމެކެވެ!

އޮޅުވާލުމާއި ފައިސާ ދޭންޖެހޭ ހިނދު މީހުންނަށް ގަނާކޮށްގެން ވީއެންމެ މަދު މިންވަރެއް ދައްކައިގެން ދެމިގަތުމަކީ މަކަރުވެރި ވިޔަފާރިވެރިންގެ އުކުޅެކެވެ. ވިޔަފާރި ބަހުސްތައް ކޮށް، އެސާހިތަކުން ބަނގުރޫޓު ވެދާނެހެން ހީވީމަ، މީހުން އަތުން މުހިންމު އެސެޓުތައް ގަތުމަކީ އެފަދަ މީހުންގެ ފުށުން ފެނިފައިވާ ކަންތައްތަކެވެ.

ޣައްޒާ، ނީލަމަށް ލީ ކާކު ހެއްޔެވެ؟

މޮޔަ ބޮލަށް އަރައިގެން، ޣައްޒާ ނީލަމުގައި އޮތް ކަމަށް ވާހަކަ ދައްކަން ފަށައިފިއެވެ.

ފަލަސްޠީނުގެ މީހުންނަކީ، އަޅުންގެ ބާޒާރުގައި ނީލަން ކިޔަން އެކަށީގެންވާ އެސެޓެއް ކަމަށް ހީކުރީ ހެއްޔެވެ؟

މިއީ އަޅުންގެ ވިޔަފާރި ކޮށްއުޅުނު ޒަމާނެއް ނޫންވެ!

މިއީ ދޮން މީހުން، ގަދަ ބާރުން މީހުންގެ ބިންތަކަށް ވެރިވެ އިސްތިއުމާރު ކުރި ޒަމާނެއްވެސް ނޫނެވެ!

މޮޔަވީ ހެއްޔެވެ؟

ޓްރަމްޕްގެ ބަލިފަޔަކީ އަންހެނުންނޭވެސް މީހުން ބުނެއެވެ. އެކަމަކު އެއީ އިންސާފުވެރި ބަހެއް ނޫނެވެ. އޭނާގެ ބަލި ފަޔަކީ ތާރީޚީ ފިލާވަޅުތަކެވެ.

ޓްރަމްޕަށް އެނގޭނެނަމަ، 1967ގެ ޖޫން މަހުވެސް ޣައްޒާ ހިފަން ބަޔަކު ސައްލާ ކުރިއެވެ. އިޒްރޭލުގެ 3ވަނަ ޒަޔަނިސްޓު ބޮޑު ވަޒީރު ލެވީ އެޝްކޯލް ބޭނުންވީ ޣައްޒާއިން މީހުން ސީނާއަށް ފައްސާލާށެވެ. އެއިރު ސީނާ އޮތީ އެމީހުންގެ ބާރުގެ ދަށުގައެވެ. އެކަމަކުވެސް އެހެނެއް ނުވިއެވެ.

އެއަށްފަހު، ޒަޔަނިސްޓު އަންހެން ބޮޑު ވަޒީރު ގޯލްޑާ މާޔަރވެސް އެ ވިސްނުން ގެންގުޅުނެވެ.

އެއަށްފަހު، ޒަމާނީ ތާރީޚުގައި އެންމެ ދިގު މަރުގެ ސަކަރާތެއްގައި މަރުވި، ޔަހޫދީ ޒަޔަނިސްޓު ޖައްލާދު ނަޖިސް އެރިއެލް ޝެރޯން ވެސް އެޚިޔާލު ގެންގުޅުނެވެ.

ޣައްޒާ ރައްޔިތުން ތިބީ ކެތްތެރިކަން މަތީގައެވެ. އަދިވެސް ތިބީ އެހެންނެވެ. އެއީ މުސީބާތަށް ކެތްކުރުމުގެ އިލާހީ ނިޒާމެއް އެތެރޭގައި ބިނާކޮށް ޚަލްޤު ކުރައްވާފައިވާ ޚާއްސަ ބަޔެކެވެ.

ރިއަލް އެސްޓޭޓް ބްރޯކަރަކަށް ހެދިގެން ޑޮލަރު ބޮޑިހިފައިގެން އައިސް ޣައްޒާ މީހުންނާއެކު ހަދާނެ ޑީލެއް ނޯންނާނެ ކަން އެމީހުން ވަނީ ބުނެފައެވެ. އަދި އަމަލުން ސާބިތުކޮށްދީފައެވެ.

ބްރޯކަރު ޓްރަމްޕާއި ކޮންޓްރެކްޓަރު ނަތަންޔާހޫއަށްވެސް ޖެހޭނީ މީގެ ކުރީގެ މީހުންނަށް ޖެހުނު ހާލެވެ.

އެފަދަ މީސްމީހުން ދިގުމުއްދަތުގެ މަރު ބައްޔެއްގައި އުޅުނުކަމަށް ތާރީޚު ހެކި ދެއެވެ.