ބޭރު ފައިސާ މާރުކުރުމުގެ ގާނޫނަށް ގެނައި ބަދަލުގެ ދަށުން މިހާރު ރެޒޯޓްތަކުން މާރުކުރަން ލާޒިމުކުރާ، ލިބޭ އާމްދަނީ %20 ގެ ކުރިއަށް އޮތް ދެ އަހަރެއްހައި ދުވަހުގެ ތެރޭގައި ކުޑަކޮށްދިނުމުގެ އިޝާރާތެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަހުމަދު މުނަވަރު ދެއްވައިފިއެވެ.
ކުރުނބާ މޯލްޑިވްސްގައި އިއްޔެ ބޭއްވި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ އަހަރީ އާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގަވަރުނަރު ވިދާޅުވީ މިފަދަ ބަދަލެއް އައުމަށް ދެ އަހަރު ނަގާފާނެ ކަމަށާއި، އެއީ ފުރުސަތު އޮތް ކަމެއް ކަމަށެވެ.
“މެންޑޭޓަރީ އެކްސްޗޭންޖް އަށް ބަލާއިރު %20 މާޖިން އަށް މަޖުބޫރު ކުރުމަކީ އެންމެ އެދެވޭ ކަމެއް ނޫން ކަމަށް ވެދާނެ. ދެ އަހަރު ދުވަހުގެ ތެރޭގައި ރިވިއުކޮށް، މައިކްރޯ ލެވެލްގައި ރިސާޗްކޮށް، ބަދަލުތައް ގެނެވިދާނެ” ގަވަނަރ މުނައްވަރު ވިދާޅުވި އެވެ.
ގަވަނަރު އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ދެ ތިން ކުއާޓަރުގައި އެ ޝަރުތު ކުޑަވުމުގެ ފުރުސަތު ކުޑަ ކަމަށެވެ. ނަމަވެސް ސިނާއަތުގެ ކުރިއެރުމާއި އާމްދަނީއަށް ބަލާއިރު ދެ އަހަރު ދުވަހުގެ ތެރޭގައި އެޑްޖަސްޓްމަންޓްތައް ގެނެވޭނެ އެވެ.
ފޮރިން އެކްސްޗޭންޖް ގާނޫނު ޑްރާފްޓް ކުރުމުގެ މަރުހަލާގައި މަޓީން ހުށަހެޅީ ރިސޯޓްތަކަށް ކޮންމެހެން ކުރަންޖެހޭ އެކްސްޗޭންޖް ރޭޓް %10-15 އާއި ދެމެދުގެ މިންވަރަކަށް ކަނޑައެޅުމަށެވެ. ނަމަވެސް ޤާނޫނު ފާސްވިއިރު އެ ރޭޓް ސަރުކާރުން ކަނޑައެޅީ %20 އަށެވެ.
ޖެނުއަރީ މަހު އަމަލުކުރަން ފެށި ބޭރު ފައިސާގެ ގާނޫނުގެ ދަށުން:
ރިސޯޓްތަކަށް ލިބޭ އާމްދަނީގެ %20 ނުވަތަ ގެސްޓަކަށް 500 ޑޮލަރު ބަދަލުކުރަން ޖެހެ އެވެ. ގެސްޓްހައުސްތަކާއި ސަފާރީ އުޅަނދުތަކާއި ހޮޓަލްތަކުން ފަތުރުވެރިއަކަށް 25 ޑޮލަރު ނުވަތަ ބޭރު ފައިސާގެ އާމްދަނީގެ %20 ބަދަލުކުރަން ޖެހެ އެވެ. މާލީ އިދާރާތައް ނުހިމަނައި، އޭގެ ކުރީ އަހަރު ހިދުމަތާއި މުދަލަށް މަދުވެގެން 15 މިލިއަން ޑޮލަރުގެ ބޭރު ފައިސާ ލިބުނު ފަރާތްތަކުން މަހުން މަހަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ %20 ބަދަލުކުރަން ޖެހެ އެވެ.