އެމެރިކާއިން ކޮވިޑް-19 އަށް ވެކްސިން ދިން މީހުންގެ އަދަދު އެއް މިލިއަން ފަހަނައަޅައި ހިނގައްޖެއެވެ.

ވެކްސިން ދިން މީޙުންގެ އަދަދު މިލިއަނަކަށް އަރައިގެން ދިޔައިރު، އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ސަރުކާރުން މިހާރުވަނީ، މުޅި އެމެރިކާގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް އިތުރަށް ފުޅާކުރުމުގެ ޕްލޭނެއް އެކަށައަޅާފައެވެ.

އެމެރިކާގެ ސެންޓަރސް ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން – ސީޑީސީން ބުނީ، މިހާތަނަށް 101 މިލިއަނަށް ވުރެ ގިނަމީހުންނަށް ވެކްސިން ޖަހައިފި ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ އެއް ޑޯޒް ޖެހި މީހުންނާއި، ދެ ޑޯޒް ޖެހި މީހުންނެވެ.

ދެ ޑޯޒް ވެކްސިން ޖެހި މީހުންގެ އަދަދު 35 މިލިއަނަށްވުރެ ގިނައެވެ. މިއީ، މުޅި އެމެރިކާގެ އާބާދީގެ %10.5 އެވެ.

މުޅި ދުނިޔެއަށް ބަލާއިރުވެސް ކޮވިޑް ބަލި އެންމެ ގިނަ މީހުންނަށް ޖެހިފައިވާ ކަމަށް ރެކޯޑު ކުރެވިފައި ވަނީވެސް އަދި ބަލީގައި އެންމެ ގިނަ މީހުން މަރުވެފައިވަނީވެސް އެމެރިކާއިންނެވެ.

އެމެރިކާއިން އެކަނިވެސް 29.3 މިލިއަން މީހުންނަށް ބަލި ޖެހިފައި ވާއިރު، 532،000 މީހުން ބަލީގައި މަރުވެފައި ވެއެވެ.

މުޅި އެމެރިކާއަށް ބަލާއިރު، އަލަށް ބަލިޖެހޭ މީހުންގެ އަދަދު މަދުވާން ފަށާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ޚިލާފަށް، ޖެނުއަރީމަހުގެ 20 ވަނަ ދުވަހު ރައީސްކަމާ ހަވާލުވެވަޑައި ގެންނެވި ޖޯ ބައިޑެން ވައުދުވެވަޑައި ގެންފައިވަނީ، އޭނާގެ ވެރިކަމުގައި ބަލި ފެތުރުން ހުއްޓުވަން ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވާނޭ ކަމަށެވެ.

އަދި ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި 100 މިލިއަން މީހުންނަށް ވެކްސިން ދެއްވުމަށްވެސް ބައިޑެން ވައުދުވެވަޑައި ގެންނެވިއެވެ. ބައިޑެންގެ ވެރިކަމަށް 100 ދުވަސްވެސް ނުވަނީ އެ އަމާޒަށް މިވަނީ ވާސިލްވެފައެވެ.

ރައީސް ޖޯ ބައިޑެން ބުރާސްފަތި ދުވަހު ވިދާޅުވީ، މެއިމަހުގެ 1 ގެ ކުރިން އެމެރިކާގެ ބޮޑެތި ހުރިހާ އެންމެނަށް ވެކްސިން ދެވޭނޭ ކަމަށެވެ.

އަދި ޖުލައިމަހުގެ 4 ވަނަ ދުވަހު އެމެރިކާގައި ފާހަގަކުރާ މިނިވަން ދުވަސް އަންނަން ވާއިރަށް މިހާރު އަޅާފައި ހުރި ފިޔަވަޅުތަކަށް ލުއިދެވި، އާންމު ހާލަތަށް ކަންކަން ގެނެވޭނޭ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ބައިޑެން ވިދާޅުވިއެވެ.

ވެކްސިން ދިނުމުގެ ޕްރޮގްރާމް ހަލުވިވެ، އަދި އަލަށް ބަލިޖެހޭ މީހުންގެ އަދަދުތައް ތިރިވި ނަމަވެސް، ބަލިމަޑުކަން އަނެއްކާވެސް ބާރަށް ފެތުރިގެންފާނެކަމަށް ބަލައި، ގައިދުރުކަން ގާއިމްކުރުމަށާއި، އާންމު ސިއްހަތުގެ ރައްކާތެރިކަމުގެ ގައިޑްލައިނަށް އަމަލުކުރުމަށް، އެމެރިކާގެ ސިއްހީ ތަޖުރިބާކާރުންވަނީ އާންމުންނަށް އިލްތިމާސް ކޮށްފައެވެ.