އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ މެންޗެސްޓަރ ސިޓީން ލަނޑެއް ޖަހައި ލީޑް ނަގާފައި ވަނިކޮށް ފަހަތުން އަރައި އެއްވަރުކޮށް ލީޑްސް ޔުނައިޓެޑުން އެއްވަރުކޮށް މުހިއްމު ޕޮއިންޓެއް ހޯދައިފިއެވެ.

ލީޑްސްގެ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ތިރީސް މިނެޓުގައި މެޗް ކޮންޓްރޯލްކޮށް ކުޅެމުންގޮސް މެންޗެސްޓަރ ސިޓީން ލީޑް ނެގީ މެޗުގެ 17 މިނެޓުގައި ރަހީމް ސްޓަރލިންއެވެ. އޭނާ މިލަނޑު ކާމިޔާބު ކުރީ ލީޑްސްގެ އޭރިޔާގެ ތެރެއިން އަރިމަތީ ކަނާ ދާދި ކައިރިން ލިބުނު ބޯޅައެއް ލީޑްސްގެ ދެޑިފެންޑަރުން ވިއްދާފައި ހުއްޓައި ތިރިތިރިން ގޯލުގެ އަރިމަތީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.

މެންޗެސްޓަރ ސިޓީން ލީޑް ނެގުމާއެކު ލީޑްސްއިން ކުޅުން ރަނގަޅުކޮށް ހަމަލާތައް އުފައްދަން މަސައްކަތް ކުރިއެވެ. ނަތީޖާއަކަށް ވެގެންދިޔައީ މެން.ސިޓީގެ ޑިފެންޑަރު މެންޑީއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ލީޑްސްއިން ނުރައްކާތެރި ހަމަލާއެއް އުފެއްދުމެވެ. ލީޑްސްގެ ޑަލަސް ފޮނުވާލި މިހަމަލާގެ ހުރަހަކަށްވީ މެން.ސިޓީގެ ކީޕަރު އެންޑަސަންއެވެ.

ދެޓީމުގެ ފަރާތުންވެސް ބަލާހިތްވާފަދަ އެޓޭކިންގ ފުޓްބޯޅައެއް ފެނުނު މިމެޗުގައި މެން.ސިޓީއަށް އުނދަގޫތައް ކުރިމަތިވީ ލީޑްސްއިން އިންގްލެންޑުގެ ޒުވާން ވިންގަރ އިއާން ޕޮވެޑާ ކުޅެން އެރުވި ހިސާބުންނެވެ. ޕޮވެޑާގެ ހަލުވި ދުވެލީގެ ސަބަބުން އޭނާ ހުއްޓުވުމަށް މެން.ސިޓީ ޑިފެންޑަރު މެންޑީއަށް ގިނަ ހުރަސްތަކެއް ކުރިމަތި ވެގެންދިޔައެވެ. ފާހަގަ ކޮށްލެވޭ ކަމަކީ ޕޮވެޑާއަކީ މެން.ސިޓީގެ އެކަޑަމީން ތަމްރީންވެ 2019 ވަނަ އަހަރާ ހަމައަށް މެން.ސިޓީގައި ހުރި ކުޅުންތެރިޔަކަށް ވުމެވެ. ލީޑްސްއިން އޭނާ ގަތީ 2019 ވަނަ އަހަރުއެވެ.

ފުޓްބޯޅައިގެ ދުނިޔޭގައި އެންމެ ރީތި ފުޓްބޯޅައެއް ކުޅުވާ ދެކޯޗުންގެ ގޮތުގައި މަޝްހޫރުކަން ހޯދާފައިވާ ޕެޕް ގާޑިއޯލާ އާއި މާސެލޯ ބިއެލްސާގެ ކުރިމަތިލުމެއްގެ ގޮތުގައި ގިނަބަޔަކު ފާހަގަކުރި މިމެޗުގައި ބިއެލްސާގެ ލިޑްސްއިން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 56 ވަނަ މިނެޓުގައި ސްޕެއިން ގައުމީ ޓީމުގެ ފޯވާޑް ރޮޑްރިގޯ މޮރޭނޯއެވެ.

މިލަނޑާއެކު ދެޓީމުގެ ކުޅުން އަވަސްވެ ގިނަ ހަމަލާތަކެއް ދެޓީމުގެ ގޯލަށްވެސް އަމާޒުވަމުން ދިޔައެވެ. އެކަމަކު ލީޑް ނަގާނެ އެންމެ ރަގަޅު ފުރުސަތެއް ލިބުނީ މެޗް ނިމެން ދަނިކޮށް ލީޑްސްގެ ފޯވާޑް ބެންފޯޑަށެވެ. ހުހަށްހުރެ ގޯލަށް ފޮނުވާލަން ލިބުނު މިބޯޅައަށް ހުރަސްއެޅީ މެން.ސިޓީގެ ކީޕަރު އެންޑަސަންއެވެ.

މިއީ ގާޑިއޯލާ އާއި ބިއެލްސާ މިހާތަނަށް ކުރިމަތިލި ހަތަރުވަނަ ފަހަރެވެ. މީގެ ތެރެއިން 2 ފަހަރު ގާޑިއޯލާ ކުރި ހޯދާފައިވާއިރު އަނެއް ދެމެޗް ނިމުނީ އެއްވަރު ވެގެންނެވެ. ޕްރިމިއަރ ލީގުގައި މިސީޒަނުގައި މިހާތަނަށް މެން.ސިޓީން 3 މެޗް ކުޅުނުއިރު މޮޅުވެވިފައި ވަނީ އެއްމެޗުންނެވެ. އަދި އެއްމެޗުން ވަނީ ބަލިވެފައެވެ. ލީޑްސްއިން މިހާތަނަށް 4 މެޗް ކުޅެފައިވާއިރު ބަލިވެފައި ވަނީ ފުރަތަމަ މެޗުގައި އެންމެފަހުގެ ޗެމްޕިއަން ލިވަޕޫލް އަތުން އެކަންޏެވެ. ލީގުގައި ލީސްޑްސް އޮތީ 7 ޕޮއިންޓާއެކު 5 ވަނައިގައެވެ.

ޕްރިމިއަރ ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ޗެލްސީ ވަނީ 0-4 އިން ކްރިސްޓަލް ޕެލަސް އަތުން މޮޅުވެފައެވެ. އަދި އެވަޓަން ވަނީ ބްރައިޓަން އަތުން 4-2 އިން މޮޅުވެފައެވެ. ލީގުގައި މާދަމާ ރޭ އާސެނަލް އާއި ޝެފީލްޑް ޔުނައިޓެޑް ، މެން.ޔުނައިޓެޑާއި ޓޮޓެންހަމް އަދި ލިވަޕޫލް އާއި އެސްޓަންވިލާ ބައްދަލު ކުރާ މެޗް ފާހަގަ ކޮށްލެއެވެ.