އިންޑިއާ އާއި ގަތަރުގެ ދެމެދުގެ ވިޔަފާރި މިހާރަށް ވުރެން ދެގުނަ އިތުރު ކުރުމަށް ދެ ޤައުމުން ނިންމައިފިއެވެ. އަދި ދެ ގައުމުގެ ގުޅުން ސްޓްރެޓެޖިކް ޕާޓްނަޝިޕަކަށް މަތިކުރުމަށް ވެސް ޤަތަރުގެ އަމީރާއި އިންޑިއާ ބޮޑު ވަޒީރު ބޭއްވެވި މަޝްވަރާތަކުން އެއްބަސްވެ ވަޑައިގެންފައި ވެއެވެ.
ގަތަރުގެ އަމީރު ޙަމަދު އާލަސާނީ އިންޑިއާއަށް ކުރެއވި ދަތުރުފުޅުގައި އަރިހު ވަޒީރުންނާއި އިސް އޮފިޝަލުންނާއި ވިޔަފާރިވެރިންގެ މަތީ ފެންވަރުގެ ވަފުދެއް ގެންދެވިއެވެ.
މިއަދު ނިއުދިއްލީގައި ދެ ޤައުމުގެ ޚާރިޖީ ވަޒީރުން ވަނީ، ދެ ޤައުމުގެ ގުޅުން ސްޓްރެޓެޖިކް ޕާޓްނާޝިޕަކަށް މަތިކުރާ ބައްދަލުވުމުގައި ސޮއިކުރައްވާފައެވެ.
ދެ ލީޑަރުންގެ މެދުގައި މަޝްވަރާ ކުރެވުނު މުހިންމު މައުޟޫއުތަކުގެ ތެރޭގައި ވިޔަފާރިއާއި އިންވެސްޓްމަންޓާއި ހަކަތައާ ބެހޭ ދައިރާތައް ހިމެނޭ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނެއެވެ.
އިންޑިއާ އާއި ގަތަރާ ދެމެދު މިހާރު އަހަރަކު ގާތްގަނޑަކަށް 14 ބިލިއަން ޑޮލަރުގެ ވިޔަފާރި ކުރެއެވެ.