ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ އަނބިކަނބަލުން އަސްމާ އަލްއަސަދުއާ ދެކޮޅަށް ޔޫކޭ ފުލުހުން ޖިނާއީ ތަހްގީގެއް ފަށައިފިއެވެ.
އަސްމާ އަލްއަސަދާ ދެކޮޅަށް ފުލުހުން ޖިނާއީ ތަހްގީގެއް މިފެށީ، އަސްމާ އަޑީގައި ހުންނަވައި ހިތްވަދު ދެއްވައިގެން ސޫރިޔާގައި ޓެރަރިސްޓް ހަމަލާތަކެއް ދެވުނު ކަމަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެންނެވެ.
ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ އަނބިކަނބަލުން އަސްމާ އަލްއަސަދަކީ ސޫރިޔާގެ އިތުރުން ޔޫކޭގެ ރަށްވެހިކަންވެސް އޮންނަ ބޭފުޅެކެވެ.
އެހެންކަމުން، ފުލުހުން ތަހްގީގު ކުރަންފެށި މައްސަލާގައި އޭނާ ކުށްވެރިވެވަޑައި ގެންފިނަމަ ޔޫކޭގެ ރަށްވެހިކަން ގެއްލުމުގެ ފުރުސަތުވެސް އެބައޮތް ކަމަށް މީޑިއާއިން ބުނެއެވެ.
ޔޫކޭގެ މީޑިއާއަކަށް މައުލޫމާތު ދެމުން ލަންޑަންގެ ފުލުހުން ބުނެފައިވަނީ، ސޫރިޔާގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި ހިންގާފައިވާ، ފަސްޓްލޭޑީ އަސްމާއާ ގުޅޭ މައްސަލައެއް ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ ޖުލައިމަހުގެ ތެރޭގައި ކަމަށެވެ.
އެ މައްސަލައާ ގުޅޭ ކަންކަން ފުލުހުންގެ ވޯރ ކްރައިމް ޔުނިޓުން މިހާރު ބަލަމުންދާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
މިމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ބައިނަލްއަގްވާމީ އަދުލާގުޅޭ ލޯ ފާރމަކުންނެވެ.
ފުލުހުން މައްސަލަ ބަލަން ފެށުމާ ގުޅިގެން ލޯ ފާރމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހުށަހެޅިފައިވާ ހެކިތައް، ތުހުމަތުތަކަށް ބާރުދޭނަމަ މުހިންމީ އޭނާގެ ރަށްވެހިކަން ނިގުޅައިގަތުން ނޫން ކަމަށާއި، އޭނާގެ މައްޗަށް ޝަރީއަތް ހިންގި، އެ ކުށަށް އިންސާފުވެސް ލިބިދިނުން ކަމަށެވެ.
އަދި ޔޫކޭގެ ކޯޓެއްގައި ޝަރީއަތްކޮށް އިންސާފު ހޯދައި ދެވުމަކީ މުހިންމު ކަމެއް ކަމަށްވެސް ލޯ ފާރމުން ބުނެފައި ވެއެވެ.
އަސްމާ އަލްއަސަދަކީ މުއްސަނދި ވިޔަފާރިވެރިއެކެވެ. އޭނާ ގެންދަވަނީ، މީގެ 10 ވަރަކަށް އަހަރުކުރިން އަރަބް ސްޕްރިންގް ފެށުނުފަހުން، ސޫރިޔާ ސަރުކާރާ ދެކޮޅު ފަރާތްތައް ނެތިކޮށް ފޮހެލުމަށް ބައްޝާރުގެ ސަރުކާރުން ފަށާފައިވާ ކެމްޕެއިނަށް ވަރަށް ބޮޑަށް މަދަދު ދެއްވަމުންނެވެ.
ސޫރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި މިހާތަނަށް 500،000 އަށްވުރެ ގިނަމީހުން މަރުވެފައި ވާއިރު، ހަނގުރާމައިގެ ސަބަބުންނާއި، ގެދޮރު ހަލާކުވެ ސުންނާފަތި ވުމުގެ ސަބަބުން އެތައް މިލިއަން ބަޔަކު ރެފިއުޖީންގެ ގޮތުގައި ދުނިޔޭގެ އެކި ގައުމުތަކަށް ހިޖުރަކޮށްފައި ވެއެވެ.
ހަނގުރާމައިގެ ސަބަބުން ސޫރިޔާ މުޅިން ސުންނާފަތި ވެފައިވާއިރު، އެގައުމުގެ އެކި ސަރަހައްދުތައް މިހާރު ކޮންޓްރޯލް ކުރަނީ ސަރަހައްދީ އަދި ބައިނަލްއަގްވާމީ އެކި ގްރޫޕްތަކުންނެވެ.