އެސްޓްރަޒެނެކާގެ ކޮވިޑް-19 ވެކްސިން ޖެހުން އަޔަރލޭންޑުންވެސް މެދުކަނޑާލައިފިއެވެ.

އަޔަރލޭންޑުން އެސްޓްރަޒެނެކާގެ ވެކްސިން ޖެހުން މެދުކަނޑާލީ، އެ ވެކްސިން ޖެހި ނޯރވޭގެ ބައެއް މީހުންނަށް ބްލަޑް ކްލޮޓްސް (ގަނޑުލޭކޮޅު އުފެދުމުގެ) ގެ މައްސަލަތައް ދިމާވިކަމަށް ރިޕޯޓްކުރުމާ ގުޅިގެންނެވެ.

އައިރިޝް ހެލްތު މިނިސްޓަރ ސްޓެފަން ޑޮނެލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެސްޓްރަޒެނެކާގެ ވެކްސިން ޖެހުން އަޔަރލޭންޑުން މެދުކަނޑާލީ، ނޯރވޭއިން ލިބުނު އިތުރު އައު މައުލޫމާތަކާ ގުޅިގެން ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

ނޯރވޭގައި އެސްޓްރަޒެނެކާގެ ވެކްސިން ދާދިފަހުން ޖެހި، 3 ސިއްހީ އެހީތެރިންނަށް ލޭބޭރުވުމާއި، ގަނޑުލޭކޮޅު އުފެދުންފަދަ ސިއްހީ ބޮޑެތި މައްސަލަތައް ދިމާވެ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާ ކަމަށް ނޯރވޭގެ ސިއްހީ ފަރާތްތަކުން ހޮނިހިރު ދުވަހު ހާމަކޮށްފައި ވެއެވެ.

ނޯރވޭގެ އިތުރުން، ޔޫރަޕްގެ އެހެން ބައެއް ގައުމުތަކުންވެސް، އެސްޓްރަޒެނެކާގެ ވެކްސިން ބޭނުންކުރުން ހުއްޓާލާފައި ވެއެވެ.

އޭގެތެރޭގައި، ޑެންމާކް، އައިސްލޭންޑްވެސް ހިމެނެއެވެ. އަދި އިޓަލީގެ ބައެއް ހިސާބުތަކުންވެސް އެ ވެކްސިން ޖެހުން ހުއްޓާލާފައި ވެއެވެ.

އެސްޓްރަޒެނެކާގެ ވެކްސިން ޖެހުން އަޔަރލޭންޑުން ހުއްޓާލީ، އެ ވެކްސިނާ ގުޅޭގޮތުން ޔޫރަޕްގެ ކަމާބެހޭ އިދާރާއިން އިތުރު މައުލޫމާތު ލިބެންދެން ވެކްސިން ޖެހުން ހުއްޓާލަން އަޔަރލޭންޑްގެ ނޭޝަނަލް އިމިއުނައިޒޭޝަން އެޑްވައިޒަރީ ކޮމިޓީން ރެކޮމެންޑް ކުރުމާ ގުޅިގެންނެވެ.

ޔޫރަޕްގެ ބައެއް ގައުމުތަކުން އެސްޓްރަޒެނެކާގެ ވެކްސިން ޖެހުން ހުއްޓާލުމާއި، އަދި ދުނިޔޭގެ ބައެއް ގައުމުތަކުން އެ ވެކްސިނާމެދު ކަންބޮޑުވުން ފާޅުކުރަމުން ގެންދާއިރު، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ބުނެފައިވަނީ، އެސްޓްރަޒެނެކާގެ ވެކްސިންގައި އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.

އަދި އެ ވެކްސިންނާއި، ބްލަޑް ކްލޮޓިންއާ އެއްވެސް ގުޅުމެއް ނެތްކަމަށްވެސް ބުނެފައި ވެއެވެ.

އަނެއްކޮޅުން، އެސްޓްރަޒެނެކާއިންވެސް އާދީއްތަދުވަހުވަނީ، އެ ކުންފުނިން ހެދި ވެކްސިން ޖަހާފައިވާ މީހުން ރިވިއުކުރުމުގެ ނަތީޖާ ހާމަކޮށްފައެވެ.

އެސްޓްރަޒެނެކާއިން ބުނެފައިވަނީ، އެ ކުންފުނިން ޑިވެލޮޕްކޮށްފައިވާ ވެކްސިން ޖަހައިގެން ބްލަޑް ކްލޮޓް އުފެދުމުގެ ރިސްކް އިތުރުވާންވީ އެއްވެސް ހެއްކެއް ފެނިފައި ނުވާކަމަށެވެ.

ރިވިއު ހެދުމަށް ޔޫރަޕާއި، ޔޫކޭގައި ވެކްސިން ޖަހާފައިވާ 17 މިލިއަން މީހުންގެ މައުލޫމާތު ބޭނުންކޮށްފައިވާ ކަމަށް ވެއެވެ.