މިދިޔަ މަހު ރާއްޖޭގެ އިމްޕޯޓު ޑިއުޓީ ދަށްވުމާއި ރާއްޖެއާއި ޗައިނާއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ދެމެދު ގުޅުމެއް ނެތް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރީގެ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ރާއްޖެއާއި ޗައިނާއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ޢަމަލުކުރަން ފެށިފައިވަނީ މި އަހަރުގެ ޖަނަވަރީ މަހުގައެވެ. މި އެއްބަސްވުމުގެ ދަށުން، ރާއްޖެއިން ޗައިނާއަށް އެކްސްޕޯޓުކުރާ ކަނޑުމަހުގެ ބާވަތްތަކަށް ޑިއުޓީ މަޢާފުވެގެންދާނެއެވެ. އަދި ކަނޑައެޅިފައިވާ ވަކި ބާވަތްތަކެއްގެ މުދާ ޗައިނާއިން ރާއްޖެއަށް އިމްޕޯޓުކުރާއިރު، އެ މުދަލުން ޑިއުޓީ މަޢާފުވެގެންދާނެއެވެ.
މި އެއްބަސްވުމުގެ މަންފާއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މިފަދަ އެއްބަސްވުންތައް އެކުލަވާލުމާއި ތަންފީޛުކުރުމުގައި ރާއްޖެ ފަދަ ކުދި ޤައުމުތަކާއި ބޮޑެތި ޤައުމުތަކުގެ މެދުގައި ވިސްނުމުގެ ތަފާތުތަކެއް ހުންނާނެއެވެ. ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ޤައުމަކަށްވުމާއެކު، މިފަދަ އެއްބަސްވުންތަކުގެ އެންމެ ބޮޑު މަންފާ ލިބިގެންދާނީ ރައްޔިތުންނަށް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ސައީދު މިހެން ވިދާޅުވެފައި ވީނަމަވެސް، ޗައިނާއާއެކު ހެދި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް އަހަރަކު 20 މިލިޔަނެއްހައި ޑޮލަރުގެ ގެއްލުންވާނެ ކަމަށް އިންޑިޔާގެ އޮފިޝަލުންނާއި ހަވާލާދީ އިކްނޮމިކް ޓައިމްސްގައި ބުނެފައިވެއެވެ.