ދިވެހިރާއްޖޭގެ ގައުމީ އަރުޝީފާއި، އަރުޝީފީ ދާއިރާ ތަރައްގީކުރުމަށް ސައޫދީ އެރެބިޔާއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމަކީ އަރުޝީފުކުރުމާއި އަރުޝީފީ ތަކެތި ރައްކާތެރިކޮށް ބެލެހެއްޓުމާއި މި ދާއިރާއިން މީހުން ތަމްރީނުކުރުމާއި، އަރކައިވްކުރުމުގެ ސަގާފަތާއި ޒަމާނީ ގޮތްތަކާއި ކޮންސެޕްޓްތަކާއި ޓެކްނޮލޮޖީތަކާ ބެހޭ ގޮތުން އާ އިލްމާއި ތަޖުރިބާ ހިއްސާކުރުމާއި ސްޕެޝަލިސްޓުން ތަމްރީނުކުރުމަށް ވެވުނު އެއްބަސްވުމެކެވެ.

މިދިޔަ އަންގާރަ ދުވަހު ސައޫދީ އެރެބިޔާގެ ވެރިރަށް ރިޔާޟްގައި، ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް އޮފް ނެޝަނަލް އަރކައިވްސް މުޙައްމަދު ޢާމިރު އަޙްމަދެވެ. ސައޫދީ އެރެބިޔާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ސެންޓަރ ފޮރ އަރކައިވްސް އެންޑް ރެކޯޑްގެ ޑިރެކްޓަރ ޖެނެރަލް ޑރ. ފައިޞަލް ޢަބްދުލްޢަޒީޒު އައްތަމީމީއެވެ. ޑރ. ފައިޞަލަކީ ދުނިޔޭގެ އަރކަވްކުރުމާ ބެހޭ މައި އިދާރާ އައިސީއޭގެ އަރަބި ރީޖަންގެ ގޮފި "އަރަބިކާ"ގެ ރައީސެވެ.

ގައުމީ އަރުޝީފުން މައުލޫމާތު ދިންގޮތުގައި މިއީ އިސްލާމީ ގައުމުތަކުގެ ގައުމީ އަރުޝީފުތަކުގެ އިސްވެރިންގެ މަހާސިންތާގައި ބައިވެރިވަޑައިގެންނެވުމަށްޓަކައި ، ޑިރެކްޓަރ ޖެނެރަލް އޮފް ނެޝަނަލް އަރކައިވްސް މުޙައްމަދު ޢާމިރު އަޙްމަދު މީގެ ކުރިން ރިޔާޟަށް ކުރެއްވި ދަތުރުފުޅުގައި މި ދެ އިދާރާގެ ދެމެދުގައި އުފެދުނު ގުޅުންތަކުގެ ތެރެއިން އުފެދުނު އެއްބަސްވުމެވެކެވެ.

މި އެއްބަސްވުމުގައި ސޮއިކުރެވުނީ މި މަހު 16 އިން 18 އަށް ސައޫދީ އެރެބިޔާގައި އައިސީއޭ އިން ބޭއްވި "އަރކައިވްސް އިން ދަ ޑިޖިޓަލް އޭޖް" ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށްޓަކައި މުޙައްމަދު ޢާމިރު ރިޔާޟަށް ކުރެއްވި ދަތުރުފުޅުގައެވެ.

މި ރަސްމިއްޔާތުގައި ސައޫދީ އެރެބިޔާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު އަޙްމަދު ސަރީރާއި ދުނިޔޭގެ އަރކައިވާ ބެހޭ މައި އިދާރާ ، އިންޓަރނޭޝަނަލް ކައުންސިލް އޮން އަރކައިވް (އައިސީއޭ)ގެ ސެކްރެޓެރީ ޖެނެރަލް ކާލޯސް ސެރާނޯ ބައިވެރިވެވަޑައިގެންނެވިއެވެ.