ހަނިމާދޫއަށް ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަޜޭޝަނުގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ، ނ. ވެލިދޫ / މޯނިންގސަން، ފާތިމަތު ޝާހާ ހަސަން (20އ) އާއި ކ. ގުރައިދޫ / ނަލަވާ، ހުސައިން ޝާވިން (22އ) އާއި ސ. ފޭދޫ / ރަތްވިލާގެ، މުޙައްމަދު ރިޟުވާނު އަބްދުއްސައްތާރު (22އ) އަދި ދ. ކުޑަހުވަދޫ / މާހިލް، އަރްސަމް އަލީ ވަހީދު (28އ) އެވެ.

ފުލުހުން ބުނީ ކުޅުދުއްފުށި ސިޓީ ޕޮލިހާއި ހަނިމާދޫ ޕޮލިސް އަދި އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހަނިމާދޫ އެއާޕޯޓުން އެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި މި ތަކެތީގެ ވަގުތީ ބަރުދަނަކީ 13.85 ގުރާމް ކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހަނިމާދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހަތަރު މީހުން ވެސް 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

މި މައްސަަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.