އަލްއަޚް ނަޡީމް ނިޡާމް
اَلْحَمْدُ لِلَّهِ.
ރަސޫލާ صَلَّى اللهُ عَلَيهِ وَسَلَّمَ ގެ މައްޗަށް ޤުރުއާނުން އެންމެ ފުރަތަމަ ބާވައިލެއްވުނު މިންވަރެއް ބާވައިލެއްވުނީ ރަމަޟާން މަހެއްގެ ލައިލަތުލް ޤަދްރި ވިލޭރޭގައެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ.
﴿إِنَّا أَنزَلْنَاهُ فِي لَيْلَةِ الْقَدْرِ﴾ [1]
މާނައީ: “ހަމަކަށަވަރުން ތިމަންއިލާހު އެ (ޤުރުއާން) ބާވައިލެއްވީ ލައިލަތުލް ޤަދްރި ވިލޭރޭގައެވެ.”
އަދިވެސް ވަޙީކުރެއްވިއެވެ.
﴿إِنَّا أَنزَلْنَاهُ فِي لَيْلَةٍ مُّبَارَكَةٍ ۚ إِنَّا كُنَّا مُنذِرِينَ [3] فِيهَا يُفْرَقُ كُلُّ أَمْرٍ حَكِيمٍ [4]﴾ [2]
މާނައީ: “ހަމަކަށަވަރުން، ތިމަންއިލާހު އެ (ޤުރުއާން) ބާވައިލެއްވީ ބަރަކާތްތެރި ވެގެންވާ ރެޔެއްގައެވެ. ހަމަކަށަވަރުން، އިންޛާރު ކުރައްވާ އިލާހަކު ކަމުގައި ތިމަންއިލާހު ވޮޑިގެން ވަމެވެ. އެ ރޭ، ކަނޑައެޅިގެންވާ ކޮންމެކަމެއް ބަޔާންކުރައްވަތެވެ.”
އަދިވެސް ވަޙީކުރެއްވިއެވެ.
﴿شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَىٰ وَالْفُرْقَانِ﴾ [3]
މާނައީ: “ރަމަޟާންމަހަކީ، އެމަހެއްގައި ޤުރުއާން ބާވާލެއްވުން މައްސަރެވެ. އެޤުރުއާން ބާވާލެއްވުނީ މީސްތަކުންނަށްވާ ތެދުމަގެއްކަމުގައެވެ. އަދި ހިދާޔަތާއި ޙައްޤާއި ބާޠިލް ވަކިކޮށްދެނިވި ހެކިތަކެއްގެ ގޮތުގައެވެ.”
އެންމެ ފުރަތަމަ ޤުރުއާން ބާވައިލެއްވުނު އިރު ރަސޫލާ صَلَّى اللهُ عَلَيهِ وَسَلَّمَ ގެ ޢުމުރުފުޅަކީ ސާޅީސް އަހަރެވެ. ޢިލްމުގެ އަހުލުންގެ މެދުގައި އެންމެ މަޝްހޫރު ޤައުލަކީ މިއީއެވެ. އިބްނު ޢައްބާސް رَضِيَ اللهُ عَنْهُمَا، ޢަޠާއު، ސަޢީދު ބުން އަލްމުސައްޔިބު އަދި މިނޫންވެސް ބޭކަލުންގެ ކިބައިން މިގޮތަށް ރިވާވެގެން ވެއެވެ. މި ޢުމުރަކީ (އިންސާނާގެ) ހެޔޮވިސްނުމާއި ބުއްދިއާ އަދި ކަންކަން ދެނެގަތުން އެންމެ ފުރިހަމަ ވާނެ ޢުމުރެވެ.
الله ތަޢާލާގެ ޙަޟްރަތުން ޤުރުއާނާއިގެން ނަބިއްޔާ صَلَّى اللهُ عَلَيهِ وَسَلَّمَ ގެ އަރިހަށް ފައިބައިވަޑައިގެންނެވީ ޖިބްރީލް އެވެ. އެއީ މާތްވެގެންވާ އިލާހާއި ކުއްތަންވެގެންވާ މަލާއިކަތެކެވެ. ޤުރުއާނާއި ބެހޭގޮތުން اللهُ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.
﴿وَإِنَّهُ لَتَنزِيلُ رَبِّ الْعَالَمِينَ [192] نَزَلَ بِهِ الرُّوحُ الْأَمِينُ [193] عَلَىٰ قَلْبِكَ لِتَكُونَ مِنَ الْمُنذِرِينَ [194] بِلِسَانٍ عَرَبِيٍّ مُّبِينٍ [195]﴾ [4]
މާނައީ: “ހަމަކަށަވަރުން އެ (ޤުރުއާން) އަކީ ޢާލަމްތަކުގެ ވެރިއިލާހުގެ ޙަޟްރަތުން ބާވައިލެއްވުނު އެއްޗެކެވެ. އެ (ޤުރުއާން) އާއިގެން ފައިބައިވަޑައިގެންވީ އައްރޫޙުލް އަމީން (ޖިބްރީލް عَلَيهِ السَّلَام) އެވެ. (އެ ޤުރުއާން) ކަލޭގެފާނުގެ ހިތްޕުޅަށް ބާވައިލެއްވުނީ (މީސްތަކުންނަށް) އިންޛާރު ކުރައްވާ ބޭކަލެއްކަމުގައި ވުމަށެވެ. (އެ ޤުރުއާން) ބާވައިލެއްވުނީ ބަޔާންވެ ސާފުވެގެންވާ ޢަރަބި ބަހުންނެވެ.”
https://dhisalafiyyah.net/article/40619