އަހަރެން މާލެއަށް މި އައީ ބަރާބަރު އަށް އަހަރު ފަހުންނެވެ. އެހާ ގިނަ ދުވަސް ވެފައި އާދެވުމުން ޝަމްސިއްޔާގެ ޚަބަރު ބަލައިލާނަމޭ ހިތާ އެގޭ ދޮށަށް ހިނގައްޖައީމެވެ. ޝަމްސިއްޔާ އަދި އޮފީހުން ނާންނާނެއޭ ހިތަށް އެރީ ދޮރުގެ ރަނގަބީލު ޖެހިފަހުންނެވެ.

މިހާރު ގޭގައި އުޅޭނީ ކާކު ހެއްޔެވެ. މުނާ ހެއްޔެވެ؟ މަރިޔަމް ހެއްޔެވެ؟

މަރިޔަމް މިހާރު ވަރަށް ބޮޑުވެދާނެއެވެ. އޭނާއަށް އަނެއްކާ އަހަރެން އެނގޭނެ ބާވައެވެ؟ ނޭނގިއްޖެއްޔާ ހަދާނީ ކިހިނެއް ހެއްޔެވެ؟ އަމިއްލައަށް ތައާރަފު ވާނީ ހެއްޔެވެ؟ ތަޢާރަފުވާނީ ކީކޭ ކިޔާފައި ހެއްޔެވެ؟ މިއީ ބައްޕައޭ ބުނަން ކެރޭނެ ހެއްޔެވެ؟

ދޮރު ހުޅުވިއްޖެއެވެ. ދޮރުމަތީގައި ހުރީ ފަނަރަ ވަރަކަށް އަހަރުގެ ޒުވާން އަންހެން ކުއްޖެކެވެ. އޭނާ އަހަރެންގެ ބޮލުން ފެށިގެން ފައިތިލަޔާ ހަމަޔަށް ކަޅި ހިންގައިލިއެވެ. އަހަންނަށް އެކުއްޖާ ރަނގަޅަށް އެނގިއްޖެއެވެ. އެއީ މަރިޔަމްއެެވެ. އިސްކޫލުގެ ޔުނިފޯމުގައި ހުރީމާ، އެއުޅެނީ ސްކޫލަށް ދާންހެން ހީވެއެވެ.

"އަހަރެން މިއީ ކާކުކަން އެނގޭތަ؟" އަހަރެން ހިނިތުން ވެލެވޭތޯ މަސައްކަތް ކުރީމެވެ.

"ލައްބަ. އެތެރެއަށް ދުރުވޭ." އޭނާ ކުޑަކޮށް ހިނިތުންވެލައިފައި ހަލުވި ކަމާއެކު ގޭތެރެއަށް ވަންނަން ހިނގައިގެންފިއެވެ. އަހަރެންގެ މެއަށް ދިޔައީ ބާރުވެގެންނެވެ. މިއީ އަހަރެން އުއްމީދުކޮށްގެން ހުރި ވަރަށްވުރެ ފިނި އިސްތިޤުބާލެކެވެ. ޝަމްސިއްޔާ ނަމަ އެންމެ ރަނގަޅެވެ. އެކަމަކު ދަރިންނަށްވެސް ޝަމްސިއްޔާގެ އަޅާނުލުމާއި ފަރުވާ ކުޑަކަން ވާރުތަވީ ހެއްޔެވެ؟ އަހަރެންގެ ދަރިން އަހަންނާމެދު އެހައި އަޅާލުންކުޑަކުރަނީ ހެއްޔެވެ؟

އިށީންނަން ދެއްކި ގޮނޑީގައި އަހަރެން އިށީނދެއްޖައީމެވެ. އޭނާ ފަންކާ ޖަހައިލައިފައި ގޮސް ތަންކޮޅެއް ދުރުގައި ހުއްޓި ހުރެއްޖެއެވެ.

"ގެންނާނީ ކޯއްޗެއްތޯ؟ ސައި ނޫނީ ފިނި…" އޭނާ އަހައިލިއެވެ.

"ނޫނޭ- އެއްވެސް އެއްޗެއް ގެންނާނެ ކަމެއްނެތް- ބައްޕަގެ ކައިރީގައި މިތާނގައި އިށީނދޭ."

"މަޑުކޮށްލައްވާ. އަޅުގަނޑު ސައިކުރާ އުދާފައި އަންނާނަން. މަންމަ އަންނަ ވަގުތުވެސް ޖެހިއްޖެ." އޭނާ ބަދިގެއާ ދިމާއަށް ހިނގައްޖެއެވެ. އޭނާ ލައިގެންހުރީ ހުދުކުލައިގެ ހެދުމެކެވެ. ހުދުކުލައިގެ ދިގު ހަރުވާޅެކެވެ. އަރައިގެން ހުރީ ހުދު ކުލައިގެ ބޫޓަކަށެވެ. އެކަމަކު އެއިން އެއްވެސް އެއްޗަކުން ދިރުމުގެ އަސަރެއް ފެންނާކަށް ނެތެވެ. މުޅިންވެސް ފިނި ކަމެވެ. ގަނޑުފެނެވެ.

ގެ ވަނީ ވަރަށް ފުރިހަމައަށް ޒީނަތްތެރި ކޮށްފައެވެ. ދަމައިފައިވާ ދޮރުފޮތި ތަކުގައި ހުރީ ޝަމްސިއްޔާއަށް އެންމެ ރީތި ކުލައެވެ. މަޑު ފިޔާތޮށި ކުލައެވެ. އެއީ އަބަދުވެސް އަހަރުމެން ދެމީހުންގެ މެދުގައި އަރައިރުން އުފެދޭ މައްސަލައެކެވެ. ދެ މީހުންނަށް ރީތި ވަނީ ދެ ކުލައެކެވެ. ދެން ޖެހޭނީ ދަމާނޭ ކުލައެއް ނޭނގިގެން ޒުވާބު ކުރާށެެވެ. އެކަމަކު މިހާރު އެ ކަމެއް ނޯންނާނެއެވެ. ޒުވާބު ކުރާނޭ މީހަކު ނެތެވެ.

ކަނާތް ފަރާތު ފާރުގައި ފޮޓޯއެއް އެލުވައިފައި އޮތެވެ. އެއީ އާއިލާގެ ގުރޫޕު ފޮޓޯއެކެވެ. އަހަރެމެން ދެމަފިރިންނާއި، ދެ ދަރިންގެ ވަރަށް ރީތި ފޮޓޯއެކެވެ.

މަރިޔަމް އަތުވެއްޖެއެވެ.

"މުނާ ކޮބާ؟" އަހަރެން އަހައިލީމެވެ.

"އެ ފަރާތުގައި. ކުޅެނީ."

"އިށީނދޭ." އަހަރެން ބުނެލީމެވެ.

އޭނާ އިށީނދެއްޖެއެވެ.

"ކޮން ކުލާހެއްގައި އުޅެނީ؟"

"ދިހައެއްގައި."

"މުނާ އުޅެނީ ކޮން ކުލާހެއްގައި؟"

"ހަތަރެއްގައި."

އޭނާ އިސް ޖަހައިލިއެވެ. އޭނާ ލަދުން އިސްޖަހައިލި ނަމަ އޭނާގެ މައްޗަށް އަހަރެންގެ ހިތުގައި އޮތް ލޯބި އިތުރު ވީހެވެ. އެކަމަކު އޭނާ އިންގޮތުން އަހަރެންނާ ދިމާއަށް ބަލަން ބޭނުންނުވަނީކަން އެނގެއެވެ. ފެންނަނީ މުޅިން ބީރައްޓެއްސެއްގެ ގޮތުގައެވެ. އަހަރެން ވަރަށް ދެރަވިއެވެ.

އަހަރެމެން އުޅެމުން އައީ ވަރަށް އާދައިގެ ގެއެއްގައެވެ. އަހަރެންގެ މައިން ބަފައިންގެ ކައިރީގައެވެ. ދެރަ ކެއުން ކައިގެން، ދެރަ އަންނައުނު އަނދެގެންނެވެ. މިހާރު މިއޮތީ ވައި ބަދަލުވެފައެވެ. މިއީ ވަރަށް ޒީނަތްތެރި، ބޮޑު ގެއެކެވެ. މިހާރު ޝަމްސިއްޔާ ބޭނުން ފެންވަރެއްގައި ދިރިއުޅުން ވޭތު ކުރެވިދާނެއެވެ. އެއްވެސް ކަމެއް ކުރަން ހުރަސް އަޅާނޭ މީހަކު ނެތެވެ. އޭނާ ގެއިން ނުކުމެގެން އައީ އަހަންނާ އަރައިރުން ވެފައެވެ. އޭނާ އަކީ ވަރަށް ގޮތް ދޫނުކުރާ މީހެކެވެ.

އަހަރެން މަރިޔަމް ގެ ލޮލުން އެއްވެސް ކަހަލަ ގާތް ކަމެއް ފެނޭތޯ ބަލައިލީމެވެ. އެކަމަކު އެލޮލުން އެއްވެސް ކަހަލަ އަސަރެއް ފެންނާކަށް ނެތެވެ. އަހަރެން އަހައިލީމެވެ. "ބައްޕަގެ މަތިން ދުވަހަކުވެސް ހަނދާންވިތަ؟"

"ހަނދާންވޭ. އެކަމަކު އަޅުގަނޑުމެން ދަނާލުގައި ތިބޭއިރު ކަންކަމާ ވިސްނާނެ ވަގުތެއް ނުލިބޭ."

"ދަނާލުގައޭ؟"

"މަންމަ ބުނީ އާ މާހައުލު ތަކުގައި އުޅެން ދަސްކުރަން ވާނެއޭ. އާ މާހައުލެއް ދަސްކުރަން ފަށަން އެންމެ ރަނގަޅު ތަނަކީ ދަނާލޭ. އަޅުގަނޑުމެން ގެއަށް އަންނަނީ ބަންދު ދުވަސް ދުވަހު."

"ދަރިފުޅުގެ މަންމަ، ބައްޕައާ ބެހޭ އެއްވެސް ވާހަކައެއް ބުނެއެއް ނުދޭތަ؟"

"މަންމަ ބުނީ ކުރިއަށް ދާން ބޭނުމިއްޔާ އަބަދުވެސް ވިސްނަންވާނީ މުސްތަޤުބަލަށޭ. މާޒީގެ ކަންތަކާ ފިކުރު ކުރާނެ ކަމެއްނެތޭ."

އަހަންނަށް ދޭތެރެ ދޭތެރެއިން ޝަމްސިއްޔާގެ ޚަބަރު ލިބެއެވެ. އެހެންވީމާ މަރިޔަމްގެ ވާހަކަ އިވިފައި ޙައިރާނެއް ނުވިއެވެ.

އެވަގުތު ގޭތެރެއިން ވަރަށް ރީތި ކުޑަ ކުއްޖަކު ނުކުމެއްޖެއެވެ. އެ ކުއްޖާ އަހަންނާ ދިމާޔަށް ބަލަން ފަށައިފިއެވެ. އަހަރެން އިޝާރާތުން ކައިރިއަށް އަންނާށޭ ބުނެފީމެވެ. އެކުއްޖާ އަހަންނާ ދިމާއަށް ބަލަމުން މަޑުމަޑުން ހިނގާފައިގޮސް ދޮރު ފޮތިގަނޑުގެ ނިވަލަށް ވަދެ ފިލައިފިއެވެ. ގޮވީމާވެސް ނުނިކުތެވެ.

ހިމޭން ކަމާއެކު ކުޑަ ވަގުތުކޮޅެއް ވޭތުވެގެން ހިނގައްޖެއެވެ. ފަންކާ ޖަހައިފައި ހުރި އިރުވެސް އަހަރެން ދާހިއްލައި ފޯވެއްޖެއެވެ.

މަރިޔަމް އެކުއްޖާއަށް ގޮވައިލިއެވެ. "މުނާ ނިކަން މިކޮޅަށް އައިސްބަލަ."

އެ ކުއްޖާ އަންނަ ފިކުރެއް ނުކުރިއެވެ.

އަހަރެން ސިގިރެޓެއް ރޯކޮށްފީމެވެ. ވަރަށް ބާރަށް ދަމައިލުމަށްފަހު ޖައްވުގެ ތެރެއަށް ދުން ދޫކޮށްލައިފީމެވެ.

މަރިޔަމް ކުއްލިއަކަށް ތެދުވެއްޖެއެވެ. "އަޅުގަނޑު އަޅިކެނޑި ހިފައިގެން އަންނާނަން." އޭނާ ނިދާ ކޮޓަރިއާ ދިމާއަށް ހިނގައްޖެއެވެ. އޭނާގެ ފަހަތުން ކުޑަ މަންޖެވެސް ހިނގައްޖެއެވެ.

ކޮޓަރި ތެރެއިން މުނާގެ އަޑު އިވުނެވެ. "އެއީ ކާކު؟"

"އެއީ ބައްޕަ. ދެންމެ އެ އައީ. ގޮސް ވާހަކަ ނުދެއްކީ ކީއްވެގެން؟"

މަރިޔަމް އަޅިކެނޑި ހިފައިގެން އަތުވެއްޖެއެވެ. އޭރުވެސް މުނާއެއް ނާދެއެވެ.

މަރިޔަމް ގޮވައިލިއެވެ. "މުނާ ނުކުމެބަލަ."

ޝަމްސިއްޔާ ކޮންމެ ގޮތަކަށް ކަންތައް ބެހެއްޓިޔަސް ދަރިން އަހަންނާ މެދު ފަރުވާ ބަހައްޓާނެ ކަމަށް އުއްމީދު ކުރީމެވެ. އެކަމަކު އެ އުއްމީދުވެސް ދިޔައީ ފެނަށެވެ.

މުނާ މަޑުމަޑުން ހިނގައިފައި އަހަރެންގެ ކައިރިއަށް އަތުވެއްޖެއެވެ. އަހަރެން އޭނާގެ ބޮލުގައި ފިރުމައިލައިފައި، ކޮލުގައި ކޮށްޓައިލީމެވެ.

މުނާ އަހައިލިއެވެ. "ބައްޕަ އަށް ނުދުރުވެވެނީ ވަރަށް ދުރުގައި އުޅުއްވާތީތޯ؟"

"އާނ. ދަރިފުޅާ."

އަހަރެން މުނާގެ ގައިގައި ފިރުމަން ފަށައިފީމެވެ. ތަޖުރިބާ ނުކުރެވޭތާ ވަރަށް ގިނަ ދުވަސް ވެފައިވާ، އުފާވެރި އިޙްސާސް ތަކެއް އެ ވަގުތު ކުރެވުނެވެ.

ދެވަނަ ފަހަރު ސިގިރެޓް ދަމައިލައިފައި އަހަރެން އަހައިލީމެވެ. "ދަރިފުޅާ މުނާ. މިގޭގައި ސިގިރެޓް ބޮނީ ކާކު؟"

"ބޭބެ." މުނާ އެއްވެސް ޖެހިލުމެއްނެތި ޖަވާބު ދިނެވެ.

އަހަރެންގެ ގަޔަށް ސައިތަށި ބަންޑުން ނުވީ ކިރިޔާއެވެ.

"ކޮން ބޭބެ އެއް؟"

"ބޭބެ. އެ ބޭބެ މަސައްކަތްކުރަނީ މަންމަގެ އޮފީހުގައި. އެ ބޭބެ ގެ އަތުގައި ވަރަށް ރީތި ކާރެއްވެސް އޮވޭ. ވަރަށް ބޮޑު. އެކާރުގައި އަޅުގަނޑުމެން ގޮވައިގެން ދުއްވަންވެސް ދުރުވޭ. މާދަމާ އެބޭބެ އަޅުގަނޑުމެން ގޮވައިގެން ތުލުސްދޫއަށް ދުރުވާނެ.""އެހެންތަ؟"

"ލައްބަ. ބައްޕަވެސް ދުރުވަންވީ ނޫންތޯ؟" މުނާ މިހެން ބުނީމާ އަހަރެން އޭނާގެ ބޮލުގައި ފިރުމައިލީމެވެ.

"ނޫނޭ ދަރިފުޅާ. ބައްޕަ މިއުޅެނީ ވަރަށް އަވަދިނެތި. މާދަމާ ފުރަންވެސް ޖެހޭނެ."

އަނެއްކާވެސް ހިމޭންވެއްޖެއެވެ.

އަހަރެން މަރިޔަމްއާ ސުވާލު ކޮށްލީމެވެ. "ބައްޕަ މިއައީ ދަރިފުޅުމެން ބަލައި. ނުދާނަންތަ؟"

އެހެން ދުވަހަކުން ދާނަން. މާދަމާ ތުލުސްދޫއަށް ދާން މަންމަ ޤަބޫލުވީވެސް ވަރަށް އުނދަގުލުން. ބޭބެވެސް ދުރުވާނެ."

އަހަރެން ޝަމްސިއްޔާގެ އިންތިޒާރުގައި ހުންނަތާ އަށް އަހަރު ވެއްޖެއެވެ. ވަރިނުކޮށް މިހާ ދުވަސްވީވެސް އޭނާގެ އިޝާރާތެއްވޭތޯއެވެ. މިފަހަރު އަހަރެން އައީ އޭނާ ވަރިކުރަން ޚިޔާލުކޮށްގެންނެވެ. އެހެންނަމަވެސް މިދިމާވި ގޮތުން އެވާހަކަ އިހަށް ނުދައްކަން އަހަރެން ކަނޑައަޅައިފީމެވެ.

ކުއްލިއަކަށް މުނާ ގޮވައިލިއެވެ. "މަންމަ އަތުވެއްޖެ." އޭނާ ދޮރާދިމާއަށް ދުއްވައިގެންފިއެވެ.

ޝަމްސިއްޔާ އޭނާގެ އަތުގައި ހުރި ކޮތަޅުތައް ގޮނޑިމަތީގައި ބަހައްޓައިފައި އަހަންނާ ދިމާއަށް ބަލައިލިއެވެ.

"ކޮންއިރަކު އައީ؟" ހަމަ މަރިޔަމްގެ ރާގެވެ. އެފިނި ކަމެވެ.

"މީގެ އެއް ގަޑިއިރުކުރިން."

އޮފީހުގެ މަސައްކަތް ތަކުގައި ދޭތެރެ ދޭތެރެއިން މާލެ އާދެވެއެވެ. އެހެން ނަމަވެސް އަހަރެން ގަސްތުގައި ޝަމްސިއްޔާއާއި ބައްދަލު ނުކުރަނީއެވެ. އޭނާ ގޮތް ދޫނުކުރާއިރު އަހަރެން ވަކި ދޫކުރަންވީ ކީއްވެގެން ހެއްޔެވެ؟ އެއްދުވަހަކު ބާޒާރުންވެސް ފެނުނެވެ. ވާހަކަ ދައްކައިލާ ހިތްވެސް ވިއެވެ. އެހެން ނަމަވެސް އަމިއްލަ ނަފުސުގެ މައްޗަށް ބާރު ފޯރުވީމެވެ. މަންމަ މަރުވީމާ އެންމެ ދުވަހަކަށް ނަމަވެސް އައިސްދޭށޭ ލިޔެފައި މެސެޖެއްވެސް ފޮނުވީމެވެ. ޝަމްސިއްޔާގެ ޚަބަރެއް ނުވިއެވެ. މާޒީގެވާހަކަ ދައްކަން ޖެހިދާނެތީ ނައީ ކަމަށް ވެދާނެއެވެ. އައިނަމަ ވާހަކަ ދައްކަން ޖެހޭނެއެވެ. ވިސްނަން ޖެހޭނެއެވެ. ދިރިއުޅުމާމެދު ކޮންމެވެސް ގޮތެއް ނިންމަން ޖެހޭނެއެވެ. ދައްތަ ބުންޏެވެ. "ޖަލީލު ދެން އޭނާގެ ޚިޔާލު ނުކުރޭ. އޭނާއެއް ނާންނާނެ."

"ކުދިންނަށް ޖަލީލު އެނގުނުތަ؟"

"އާނ. މަރިޔަމަށް އެނގުނު." އަހަރެން ބުނެލީމެވެ. "މީގެ ދުވަސްކޮޅެއް ކުރިން ބޮޑުދައިތަގެ ސިޓީއެއްލިބުނު. ޝަމްސިއްޔާ ކުދިން ދަނާލަކަށް ލައިފިޔޭ އޮތް."

"އަހަރެން ކަންތައްކުރީ ރަނގަޅަށް. އަހަރެން މިދަނީ ދިރިއުޅުމާ ހަނގުރާމަ ކުރަމުން. ޖަލީލަށް އެކަން ރަނގަޅު ނުވާނެކަން އަހަންނަށް އެނގޭ."

"މުނާގެ ބޭބެޔާއި، ތުލުސްދޫ ދަތުރަކީވެސް ތިޔަބުނާ ހަނގުރާމައިގެ ބައެއްތަ؟" އަހަންނަށް ބޭއިޚްތިޔާރުގައި ބުނެލެވުނެވެ.

އޭނާ އަހަންނާ ދިމާއަށް ރުޅިވެރި ނަޒަރަކުން ބަލައިލިއެވެ.

ވާހަކަ އެ ހިސާބުން ނިމުނީއެވެ. އިތުރަށް ކުރިއަކަށް ނުދިޔައެވެ. އަހަންނަށް ޝަމްސިއްޔާގެ ހުވަފެނުގެ ގަނޑުވަރާ ކުޅެވުނީއެވެ.

ދައްތަބުނީ ރަނގަޅަށެވެ. އިންތިޒާރުގެ ބޭނުމެއް ނެތެވެ.

އަހަރެން ތެދުވެއްޖައީމެވެ.

"ކައިގެން ދާން މަޑުކޮށްލަންވީއެއްނު؟"

އަހަރެންގެ ހިތަށް އެރިއެވެ. އަހަރެން އައީ މިގޭގައި ރޭގަނޑުގެ ހަތަރު ދަން ވޭތުކޮށްލާށެވެ.

"ނޫނޭ. އަހަރެން ކޮންމެހެން ދާންޖެހޭ ތަނެއް އެބައޮތް."

އަހަރެން ދަރިންނާ ސަލާން ކޮށްލައިފައި ޒަޚަމްވެފައި އޮތް ހިތަކާއިގެން އެގެއިން ނުކުމެއްޖައީމެވެ. މީގެ ފަހުން ދުވަހަކުވެސް ޝަމްސިއްޔާގެ ހުވަފެނުގެ ގަނޑުވަރަށް އިސް އުފުލައި ބަލައިވެސް ނުލާން ޢަޒުމު ކަނޑައަޅައިގެންނެވެ.