މ. މުލަކު މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ އެންމެ ފަހުގެ އަދާހަމަ އެ މަސައްކަތް ކުރަމުންދާ ކުންފުނި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ހާމަކޮށްފިއެވެ.

މި މައުލޫމާތު އާރްޑީސީން ހާމަކޮށްފައިވަނީ އެކުންފުނިން އެކްސްގައި ކުރި ޕޯސްޓެއްގައެވެ،

އެގޮތުން އާރްޑީސީން ހާމަކުރި އެ މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމައަށް ބަލާއިރު، އެ ރަށު ކަނބާ ހިނގުމުގައި މަގު ކޮނުމާއި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތް ވަނީ ކުރެވިފައެވެ.

މީގެ އިތުރުން އެރަށުގެ ހުސޭނީ މަގުގައި ސްޓޯރމް ވޯޓަރ ޓޭންކް މަތިގަނޑު ރަނގަޅު ކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި އާރްޑީސީން ބުނީ މި މަޝްރޫއުގެ ދަށުން ކޮނެގެން ކުރަންޖެހޭ މައިގަނޑު މަސައްކަތްތައްވެސް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން:

  • ސްޓޯމްވޯޓަރ މެނޭޖްމަންޓް ސިސްޓަމެއް ހެދުން
  • މަގުތަކުގައި ނިޝާންތައް ކުރެހުން
  • ނިޝާން ބޯޑުތައް ބެހެއްޓުން
  • ސްޕީޑް ބްރޭކަރ ބެހެއްޓުން
  • އަދި މަގު ބައްތި ހަރުކުރުމާއި އެއަށް ބޭނުންވާ ކަރަންޓު ކޭބަލްވެސް އެޅުމަށް ހަމަޖެހިފައިވެއެވެ.

އާރްޑީސީން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން މުލަކުގައި 6.077 ކިލޯ މީޓަރުގެ 6 މަގެއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވިގެންދާނެއެވެ. މި މަސައްކަތް ސަރުކާރުން އެކުންފުންޏާ ހަވާލުކުރީ 2021 ވަނަ އަހަރުއެެވެ.