ސްޓެލްކޯގެ މޮބައިލް އެޕަށް ޑިސްޓްރިބިއުޓެޑް ޑިނައަލް އޮފް ސަރވިސް (ޑީޑޮސް) ހަމަލާއެއް އަމާޒުވެއްޖެ ކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ.

ސްޓެލްކޯއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރަމަޟާން މަހާ ދިމާކޮށް ސަރުކާރުން ހިންގަމުންދާ މަސްދަޅު ބެހުމުގެ ޕްރޮގްރާމަށް އޮންލައިން ޓޯކަން ދޫކުރަން ފެށި ވަގުތާ ދިމާކޮށް، އެ ކުންފުނީގެ މޯބައިލް އެޕްލިކޭޝަނަށް ބޭރު ގައުމުތަކުން ޑިސްޓްރިބިއުޓެޑް ޑިނައަލް އޮފް ސަރވިސް (ޑީޑޮސް) ހަމަލާއެއް އަމާޒުވެފައިވާ ކަމަށެވެ.

އަދި މި ހަމަލާގެ ސަބަބުން ކުޑަ ވަގުތުކޮޅަކަށް އެޕްލިކޭޝަންގެ ހިދުމަތް މެދުކެނޑުނު ނަމަވެސް، އެ ހަމަލާތައް ކާމިޔާބުކަމާއެކު ހުއްޓުވައި، އެޕްލިކޭޝަންގެ ހިދުމަތް އަލުން ފޯރުކޮށްދީފައިވާ ކަމަށްވެސް އެކުންފުނިން ވިދާޅުވިއެވެ.

ސްޓެލްކޯ އިން ވަނީ މިކަމާ ގުޅިގެން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް މައާފަށް އެދިފައެވެ.