ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް-ސައޫދާއި، ސައޫދީ އަރަބިއްޔާގެ ވަލީއަހުދާއި ބޮޑުވަޒީރު، ހިޒް ރޯޔަލް ހައިނަސް މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައޫދަށް، ސައޫދީ އަރަބިއްޔާގެ ތައުސީސީ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ފޮނުއްވައިފިއެވެ.

ސައޫދީ އަރަބިއްޔާގެ ތައުސީސީ ދުވަހުގެ ތަހުނިޔާ ފޮނުއްވައި، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ "އެކްސް" އެކައުންޓްގައި ކުރެއްވި ޕޯސްޓެއްގައި އެ މަނިކުފާނު ވަނީ، ސައޫދީ އަރަބިއްޔާގެ ލީޑަރޝިޕާއި ރައްޔިތުންނަށް ވަރަށް އިހުލާސްތެރިކަމާއެކު ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ. އަދި ސައޫދީ އަރަބިއްޔާގެ ކުރިއެރުމާއި، ތަނަވަސްކަމާއި، ސަލާމަތާއި ހަމަޖެހުމަށް އެމަނިކުފާނު އެދިވަޑައިގެންފައިވެއެވެ.

ސައޫދީ އަރަބިއްޔާގެ ތައުސީސީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، ސައޫދީ އަރަބިއްޔާގެ ފުރަތަމަ ދައުލަތް އުފެދުނު ދުވަހާ ގުޅުވައިގެންނެވެ.

އެގޮތުން، ކޮންމެ އަހަރެއްގެވެސް ފެބްރުއަރީ މަހުގެ 22 ވަނަ ދުވަސް ފާހަގަކުރަނީ، ސައޫދީ އަރަބިއްޔާގެ ތައުސީސީ ދުވަހުގެ ގޮތުގައެވެ.