ފްރާންސާއި ޖަރުމަނާ ގުޅޭ ބޯޑަރުގައި އޮންނަ މުލްހައުސް ސިޓީގައި ވަޅިން އެތައް ބަޔަކަށް ޙަމަލަ ދީފިއެވެ. ފްރާންސްގެ މެކްރޮން ރައީސް ވިދާޅުވަނީ މިއީ "އިސްލާމީ ޓެރަރިސްޓް ހަމަލައެއް" ކަމަށެވެ.
ހަމަލަ ދިން މީހާއަކީ އަލްޖީރިއާގެ ދަރިކޮޅުގެ އުމުރުން 37 އަހަރުގެ ފިރިހެނެއް ކަމަށް ފްރާންސް މީޑިއާއިން ބުނެއެވެ. އަދި އޭނާ ޙަމަލަ ދޭން ފެށީ ތަކުބީރު ކިޔަމުން ކަމަށްވެސް ރިޕޯޓު ކޮށްފައި ވެއެވެ.
އެތައް ބައެއްގެ ގަޔަށް ވަޅި ޖެހުމަށްފަހު އޭނާ ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ޙަމަލަ ދިން މީހުންގެ ތެރޭން އެކަކަކީ ފުލުހެކެވެ. އެމީހާގެ ހާލު ސީރިއަސް ކަމަށް ބުނެއެވެ.
ފާއިތުވި ހަފްތާތަކުގައި ޔޫރަޕްގެ މިހިސާބުގައި ސިލްސިލާ ހަމަލާތަކެއް ދީފައި ވެއެވެ.
ހުކުރު ދުވަހު ޖަރުމަނުގައި ސީރިއާގެ ރެފިއުޖީއަކު ވަނީ 30 އަހަރުގެ ސްޕެއިންގެ ފަތުރުވެރިއެއްގެ ކަރު ބުރިކޮށްލަން އުޅެފައެވެ. މި މީހާ ހަމަލަ ދިނީ ބާލިންގެ ހޮލޮކޯސްޓް މެމޯރިއަލްގައެވެ. އޭނާ ބުނީ ޖޫސް ދެކެ އޭނާ ފޫހިވާތީ އެމީހުން ނައްތާލަން ބޭނުންވަނީ ކަމަށެވެ. މިއީ ކިހާވަރެއްގެ ތެދު ވާހަކައެއްކަމެއް ސާފެއް ނުވެއެވެ.
އޭގެ އެތައް ދުވަހެއް ކުރިން ޖަރުމަނުގައި އަފްޣާނިސްތާނުގެ ރެފިއުޖީއަކު ވަނީ މުޒާހަރާއެއްގައި ތިބި ބަޔެއްގެ ތެރެއަށް ކާރު ވައްދާލައިގެން ހަމަލައެއް ދީފައެވެ.
މި ހަމަލާގައި އުމުރުން 37 އަހަރުގެ މަޔަކާއި އޭނާގެ ދެ އަހަރުގެ އަންހެން ދަރިފުޅު މަރުވެ، 26 މީހަކު ޒަޚަމްވެފައިވެއެވެ.