ރޯދަ ހަދިޔާގެ ގޮތުގައި ދޭ މަސްދަޅު ނަގަން ދޫކުރާ ޓޯކަންގެ ޢަދަދު މިރޭ އިތުރު ކުރައްވާނެ ކަމަށް ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މިއަދު ހެނދުނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މި ޕޯސްޓުގައި ރޭ ވަރަށް އޮމާން، ފަސޭހަ އިންތިޒާމުތަކެއްގެ ތެރެއިން ރޯދަ ހަދިޔާ ދޫކުރުން ކުރިޔަށްގެންދެވުނު ކަމަށް ވެސް ވިދާޅުވެފައި ވެއެވެ. އިތުރަށް ރައްޔިތުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން، މިރޭ 18:00 ގައި ޓޯކަން ދޫކުރަން އަލުން ފައްޓާ އިރު އަންނަވި ބަދަލުތައް ގެނެވޭނެ ކަމަށް ވަޒީރު ކުރެއްވެވި ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
އެ ގޮތުން ކޮންމެ މަރުކަޒަކަށް ދޫކުރާ ޓޯކަންގެ ޢަދަދު ރެޔަށް ވުރެ އިތުރުކުރައްވާނެ ކަމަށާއި، މިހާރު ޓޯކަން ނަންގަވައިފައިވާ ފަރާތްތަކުގެ ތެރެއިން، ފަހުގެ ތާރީޚަކަށް ޓޯކަން ލިބިލައްވައިފައިވާ ފަރާތްތަކަށް ތާރީޚު އަވަސްކޮށް، ރީޝެޑިއުލްކުރުމުގެ ފުރުޞަތު ލިބިލައްވާނެ ކަމަށާއި، އަދި ޓޯކަން ނެގުން ފަދަ ކަމެއްގައި ޙައްލުކޮށްލަން ޖެހޭ ފަދަ ކަމެއް ކުރިމަތިވާ ފަރާތްތަކަށް އެއް ދިމާއަކުން އެ ކަމަށް އަޅައިލައި، އެ ކަން ޙައްލު ކުރެވޭނެ އިންތިޒާމު ވެސް ހަމަޖައްސަވައިދެއްވާނެ ކަމަށް ވަޒީރު ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ. މީގެ އިތުރުން މިރޭ ޓޯކަން ދޫކުރަން ފަށާއިރު، މިހާރު ޓޯކަން ލިބިފައިވާ ފަރާތްތަކަށް ހަމަ އެ ޓޯކަންއަށް މަސްދަޅު ކޭސް ލިބިލައްވާނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
ސަރުކާރުގެ އަމާޒަކީ ރޯދަމަހުގެ ކުރިން ހުރިހައި ފަރާތްތަކަށް ރޯދަ ހަދިޔާ ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށްވުމާއެކު، ހުރިހައި ގޭބިސީއަކަށް ލިބެންދެން މި މަސައްކަތް ކުރިޔަށްދާނެކަމުގެ ޔަޤީންކަން ވެސް ވަޒީރުކުރެއްވި ޓްވީޓްގައި ދެއްވައިފައި ވެއެވެ.
ރޯދަ ހަދިޔާއަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚާއްޞަ ވަޢުދުފުޅެއްގެ ގޮތުގައި މި ދިޔަ އަހަރުން ފެށިގެން، ދިވެހި އެންމެހައި ރައްޔިތުންނަށް ސަރުކާރުން ދެއްވަން ފެއްޓެވި ހަދިޔާއެކެވެ.
https://sarukaaru.gov.mv/articles/7311