މަސްކޭސް ހުސްނުވާނެ ކަމުގެ ޔަޤީންކަން، މާލޭގައި ދިރިއުޅުއްވާ ރައްޔިތުންނަށް ވަޒީރު އާދަމް ޝަރީފު ޢުމަރު ދެއްވައިފިއެވެ. މި ޔަޤީންކަން ވަޒީރު ދެއްވީ "ދުވެލި ނިއުސް"ގެ ރިޕޯޓަރ ޒާނާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދެއްވާ މަސްކޭސް މާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ބެއްސުވުމުގެ ކަންކަން، މި މަހުގެ 20 ވަނަ ދުވަހުގެ ރޭ ފެށިގެން ދިޔަ އިރު، ރައްޔިތުންނަށް އުފުލަން ޖެހުނު ތަކުލީފުތައް ކުޑަކުރުމަށް ޓަކައި ހަރުދަނާ އުޞޫލްތަކެއް ކަނޑައަޅުއްވައި ރޭގައި ވަނީ ފަސޭހަ އިންތިޒާމްތަކެއްގެ ތެރޭން މަސްކޭސް ލިބޭނެ ގޮތް ހަމަޖައްސަވައި ދެއްވައިފައެވެ.
ދުވެލި ނިއުސްއަށް ވަޒީރު ދެއްވި މެސެޖުގައި މި މަހުގެ 20 ވީ ބުރާސްފަތި ދުވަހުގޭ މަސްދަޅު ކޭސް ބެހުމުގެ ކަންކަން ކުރިއަށް ދިޔަ ގޮތް ރައީސުލްޖުމްހޫރިއްޔާ ވަރަށް ގާތުން ބެއްލެވި ކަމަށާ، ގިނަ ލޮކޭޝަންތަކަކުން މަސްކޭސް ލިބޭނެ ގޮތް ހަމަޖެހިގެން މި ދިޔައީ، ރައީސުލްޖުމްހޫރިއްޔާ އެ ގޮތަށް ހަމަޖައްސަވައި ދެއްވީމާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއެކު، ރޭ މަސްކޭސް ބެހުމުގެ ކަންތައްތައް ކުރިއަށް ގެންދެވުނީ ވަރަށް ފަސޭހަކަމާ، އޮމާންކަމާއެކުގައި ކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް ޓެކްނޮލޮޖީގެ ތެރޭން ކަންތައް ކުރަމުންދާ އިރު ކުދި މައްސަލަތައް ހުންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންނަމަވެސް ރައްޔިތުންނަށް ވަޒީރު ދެއްވި ޔަޤީންކަމަކީ މަސްދަޅު ހުސްނުވާނެ ކަމެވެ. މަސްކޭސް ހުސްނުވާނެ ކަމެކެވެ.
https://sarukaaru.gov.mv/articles/7319