ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަަރ މުހައްމަދު މުއިއްޒު، ދ. ކުޑަހުވަދޫގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ގެދޮރުގެ މައްސަލައަށް އުންމީދީ ހައްލުތަކެއް ގެނެސްދެއްވާނެ ކަމުގައި އިޝާރާތްކުރައްވައިފިއެވެ.
ރައީސް މިފަދައިން އިޝާރާތްކުރައްވާފައިވަނީ ނިލަންދެއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެރަށަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ، ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ރަށުގެ އެކި ހިސާބުތަކުން އާންމުންނަށް ލިބިފައިވާ ގޯތިތަކުގައި ގެދޮރު އެޅުމުގައި ދަތިތަކާ ކުރިމަތިލާންޖެހިފައި ވާ އިރު، ކުޑަހުވަދޫގައި ހިންގަން ކަނޑައަޅުއްވާފައިވާ 500 ހައުސިންގް ޔުނިޓް މަޝްރޫއުގެ ތެރެއިން، ރައްޔިތުންގެ އަމިއްލަ ގޯތީގައި 3 ކޮޓަރީގެ ގެއެއް އަޅައިދިނުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އަދި އެމަނިކުފާނު ވަނީ ފްލެޓް އެޅިގެންދާނީ އަމިއްލަ ގޯތީގައި ގެ އަޅާން އެދޭ ވަކި މިންވަރެއް ހަމަވުމަށް ފަހު ބާކީ އޮތް އަދަދަކަށް ކަމުގައިވެސް ވިދާޅުވެފައެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ ކުޑަހުވަދޫއަކީ އާބާދީއާއި ތަރައްފީ އެއްފަސްކުރުމުގައި ލާމަސީލު، ކާމިޔާބީތަކެއް ހޯދާފައިވާ ރަށެއް ކަމަށާ އެހެން ނަމަވެސް، އާބާދީއާއި ތަރައްގީ އެއްފަސްކުރުމުގައި ކުދިކުދި މައްސަލަތަކެއް ފާހަގަކުރެއްވޭ ކަމަށާ، އެކަންކަމަށްވެސް ދާއިމީ އަވަސް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށެވެ.
އަދި ސަރަހައްދީ ތަރައްގީގެ ވިސްނުންފުޅުގައި އެންމެ މަތީ ފެންވަރަށް، އަރބަން ސެންޓަރުތަކެއްގެ ގޮތުގައި ކުޑަހުވަދޫވެސް ހިމެނޭނެހެން 7 ރަށެއް ތަރައްގީ ކުރައްވާން ވެވަޑައިގެންނެވި ވައުދުފުޅަށް އިޝާރާތްކުރައްވާ، ރައީސް ވަނީ، އެއީ ނަމެއްގައި ކުރެއްވި ކަމެއް ނޫން ކަމުގައި ވިދާޅުވެފައެވެ. ހިތްޕުޅުގެ އެންމެ ފުން މިނުން، އެ ކަމެއް ކުރެއްވުމުގެ އަޒުމާއި، ނިޔަތާއި، އެކަމެއް ކުރެއްވޭނެ ކަމުގެ ފުރިހަމަ ޔަގީންކަމާއެކުގައި ނޫނީ ރައްޔިތުންނާ މުހާތަބު ނުކުރައްވާނެ ކަމުގައިވެސް ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
ކުޑަހުވަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ، ރައީސް ދެއްކެވި ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ އުމްރާނީ އަދި މާއްދީ ތަރައްގީއާއެކު ފިކުރީ ތަރައްގީ ހާސިލު ކުރުމަށް މުހިންމު އިލްތިމާސެެއް ކުރައްވަމުންނެވެ.