ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ ފަދައިން، މި ހިނގާ 2025 ވަނަ އަހަރު ނިމުމުގެ ކުރިން ދ. ކުޑަހުވަދޫއިން ޑޮލަރު އޭ.ޓީ.އެމްގެ ހިދުމަތް ލިބޭނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
އެ މަނިކުފާނު މިފަދައިން ޔަގީންކަން ދެއްވާފައި ވަނީ، ނިލަންދެއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެރަށަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ، ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވަނީ ކުޑަހުވަދޫގައި ހިންގާ ބީ.އެމް.އެލް ބްރާންޗްގެ އައު އިމާރާތުގެ ބިންގާ މިއަދު އަޅާފައިވާއިރު، އެކަމުގެ ސަބަބުން ހިދުމަތް އިތުރަށް ރަނގަޅުވާނެ ކަމަށްވެސް ވިދާޅުވެފައެވެ.
މީގެއިތުރުން ކުޑަހުވަދޫގެ ތަރައްގީއަށްޓަކައި އަދުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ. ރައްޔިތުންނާ ގާތަށް ބޭންކުގެ ހިދުމަތްތައް ގެންދެވުމުގެ ސިޔާސަތު ހަގީގަތަކަށް ހެއްދެވުމުގައި ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)ގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ސަރުކާރަށް ލިބެމުން ދާ ކަމުގައިވެސް ރައީސް ފާހަގަ ކުރެއްވިއެވެ.
އަދި ކުޑަހުވަދޫގެ އުމްރާނީ ތަރައްގީއަށް އަލިއަޅުވައިލައްވާ ވާހަކަފުޅުކުރިއަށް ގެންދަވަމުން ރައީސް ވިދާޅުވީ، ބަނދަރުގެ މަޝްރޫއަކީ އެންމެ މުހިންމު އެއް މަޝްރޫއު ކަމުގައެވެ. ބަނދަރުގެ ޖާގަ ބޮޑުވެގެން ދިއުމަކީ މަސްވެރިންނާއި ވިޔަފާރިވެރިންގެ އިތުރުން އާންމު ރައްޔިތުންނަށްވެސް މުހިންމު، ދެކޮޅުޖެހެނިވި މަޝްރޫއެއް ކަމުގައި ރައީސްވިދާޅުވިއެވެ.
ހަމައެއާއެކު މި މަސައްކަތްތައް ދާދި އަވަހަށް ފައްޓަވައި، މަޝްރޫއު ނިންމަވައިދެއްވާނީ ރައްޔިތުން އުންމީދުކުރައްވާ ފެންވަރުގައި ކަމުގައިވެސް އެ މަނިކުފާނު ވިދާޅުވިއެވެ.