ހުރިހާ މަންސައެއްގައިވެސް ދޫ ރައްކާތެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ.

އެ މަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ، ނިލަންދެއަތޮޅު ދެކުނުބުރީގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހިމެނިގެން، އެއަތޮޅު ކުޑަހުވަދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންނަށްޓަކައި ކުރައްވަމުންގެންދަވާ މަސައްކަތްތަކާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ފަތުރަމުންދާ ދޮގު ވާހަކަތަކަށް އިޝާރާތްކުރައްވަމުންނެވެ.

މީގެއިތުރުން ރޭގެ ޖަލްސާގައި އެމަނިކުފާނު ވަނީ ދިވެހި މުޖުތަމައު އިސްލާހު ކުރުމުގައި އެކަކު އަނެކަކަށް އެހީތެރިވެދިނުމަށްވެސް އިލްތިމާސްކުރައްވާފަައެވެ.

އަދި ދޮގު ހަބަރު ފެތުރުމުގެ ނުބައިކަމާއި، ދޮގު ހަބަރު ރައްދުވެއްޖެ މީހާގެ އަމަލުތައް ބަހައްޓަންވީ ގޮތާމެދު، ކީރިތި ގުރުއާނާއި ހަދީތްފުޅުން ހެކި ދައްކަވައި އެމަނިކުފާނުވަނީ ވާހަކަފުޅު ދައްކަވާފައެވެ. ހަމައެއާއކު މީހަކު ދައްކާހާ ވާހަކައެއް ބަލައިލުމެއް ނެތި ގަބޫލުކުރުމާމެދު އިސްލާމް ދީން އަންގަވާ ގޮތަށް އިޝާރާތްކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، ތިމާ ވާން ޖެހޭނީ ތިމާއަށް އިވޭ ވާހަކަތައް ކަނުލައި އަޑުއަހައި، އެކަމުގެ ތެދު ދޮގު ބަލާ މީހަކަށް ކަމުގައެވެ.

މީގެއިތުރުން މުސްލިމުން އުޅެންވާގޮތް، ކީރިތި ގުރުއާނާއި ސުންނަތުން ސާބިތުވާކަން ހަނދުމަފުޅުކޮށްއަރުވަމުން އެ މަނިކުފާނު ވަނީ، ދޮގުހެދުމާއި، ޣީބަ ބުނުމާއި، ނެތިމޮށުމާއި، މީހުންގެ އަބުރަށް އަރައިގަތުން ފަދަ ވިހަ އާދަތައް މި އިސްލާމީ މުޖުތަމައުގައި ފެތުރިފައިވާކަން ފާހަގަކުރައްވާފައެވެ.

އަދި މި ރަމަޟާންމަހު، އަމިއްލަ ނަފުސުތައް މިކަމުން ތާހިރުކުރުމަށް އަޒުމު ކަނޑައެޅުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ. ރައީސް ވަނީ ގައުމީ ތަރައްގީއަކީ، ފިކުރީ ތަރައްގީ އާއި ހިތާއި ސިކުނޑީގެ އަދި ނަފުސުގެ ތަރައްގީކަމުގައި، އެމަނިކުފާނު ވިދާޅުވާ ވިދާޅުވުން، ރޭގެ ޖަލްސާގައިވެސް ވަނީ ތަކުރާރުކުރައްވާފައެވެ.