ފްރާންސާއި ޖަރުމަނާއި، އިޓަލީންވެސް އެސްޓްރަޒެނެކާގެ ކޮވިޑް-19 ވެކްސިން ބޭނުން ކުރުން މެދުކަނޑާލައިފިއެވެ.

ފްރާންސާއި، ޖަރުމަނާއި، އިޓަލީން މިފިޔަވަޅު އެޅީ، އެސްޓްރަޒެނެކާ ވެކްސިންގެ ސައިޑް އިފެކްޓްސްގެ ގިނަ މައްސަލަތަކެއް ޔޫރަޕްގެ ގައުމުތަކުން ރިޕޯޓްކުރަމުން ދިއުމާ ގުޅިގެންނެވެ.

ފަރަންސޭސި ރައީސް އިމެނުއެލް މެކްރޯން ހޯމަދުވަހު ވިދާޅުވީ، ޔޫރަޕިއަން މެޑިސިންސް އޭޖެންސީން ވަކި ގޮތެއް ނިންމަންދެން އެގައުމުން އެސްޓްރަޒެނެކާގެ ވެކްސިން ދެން ނުދޭނޭ ކަމަށެވެ.

ސްޕެއިންގެ ބޮޑުވަޒީރާއެކު ހުންނަވައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ފްރާންސްގެ ރައީސް ވިދާޅުވީ، ވެކްސިން ޖެހުން މެދުކަނޑާލީ ރައްކާތެރި ފިޔަވަޅެއްގެގޮތުން ކަމަށެވެ.

އަދި ޔޫރަޕިއަން މެޑިސިންސް އޭޖެންސީން ކުރިއަށްގެންދާ އެސެސްމަންޓް ނިމި، ވަރަށް އަވަހަށް އަލުން އެސްޓްރަޒެނެކާ ވެކްސިން ޖަހަން ފެށޭނެކަމަށް އުންމީދު ކުރައްވާ ކަމަށްވެސް މެކްރޯން ވިދާޅުވިއެވެ.

ޖަރުމަނު ސަރުކާރުގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވީ، އެގައުމުން އެސްޓްރަޒެނެކާގެ ވެކްސިން ޖެހުން މެދުކަނޑާލީ، ވެކްސިންތަކާބެހޭ އެންމެ އިސް އިދާރާގެ އެންގުމަށް ކަމަށެވެ.

ޖަރުމަނުގެ ހެލްތު މިނިސްޓަރ ޖެންސް ސްޕާން ވިދާޅުވީ، އެސްޓްރަޒެނެކާގެ ވެކްސިން ޖެހުން ހުއްޓާލަން ނިންމި ނިންމުމަކީ ސިޔާސީ ނިންމުމެއް ނޫން ކަމަށެވެ.

އެސްޓްރަޒެނެކާގެ ވެކްސިން ޖަހައިގެން ބްލަޑް ކްލޮޓްވުމުގެ މައްސަލަ ދިމާވުމުގެ ރިސްކް ކުޑަ ނަމަވެސް، އެއީ، ނުވާނެ ކަމެއްކަމަށް ނުދެންނެވޭނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އިޓަލީގައި އެސްޓްރަޒެނެކާ ވެކްސިން ބޭނުން ކުރުން ހުއްޓާލަން ނިންމާފައިވަނީ، އިޓަލީގެ ބޮޑުވަޒީރު މާރިއޯ ޑްރެގީއާއި، ހެލްތު މިނިސްޓަރ ރޮބާޓޯ ސްޕަރެންޒާއާ ދެމެދު ބޭއްވުނު މަޝްވަރާތަކަށް ފަހުގައެވެ.

އެސްޓްރަޒެނެކާގެ ވެކްސިން ބޭނުން ކުރުން ހުއްޓާލުމުގެ ކުރިން އިޓަލީގެ ހެލްތު މިނިސްޓަރވަނީ، ޖަރުމަނު، ފްރާންސް އަދި ސްޕެއިންގެ ހެލްތު މިނިސްޓަރުންނާ މަޝްވަރާ ކުރައްވާފައެވެ.

ވެކްސިން ޖެހި ބައެއްމީހުންގެ ހަށިގަނޑުން ލޭބޭރުވުމާއި، ގަނޑުލޭކޮޅު އުފެދުންފަދަ ސީރިއަސް ސައިޑް އިފެކްޓްސް، ޑެންމާކާއި، ނޯރވޭއިން ރިޕޯޓް ކުރުމާ ގުޅިގެން ޔޫރަޕްގެ ބައެއް ގައުމުތަކުން މިހާރުވަނީ އެސްޓްރަޒެނެކާގެ ވެކްސިން ބޭނުން ކުރުން ވަގުތީގޮތުން ހުއްޓާލާފައެވެ. ބައެއް ގައުމުތަކުންވަނީ، އެ ވެކްސިންގެ ވަކި ބެޗްތަކެއް އެއްކޮށް މަނާކޮށްފައެވެ.

އެސްޓްރަޒެނެކާގެ ވެކްސިން ނުވަތަ އެ ވެކްސިންގެ ވަކި ބެޗެއް ބޭނުންކުރުން މަނާކުރި ގައުމުތަކުގެ ތެރޭގައި، ޑެންމާކް، ނޯރވޭގެ އިތުރުން، އޮސްޓްރިއާ، އައިސްލޭންޑް، ރޫމޭނިއާ، ބަލްގޭރިއާ، އަޔަރލޭންޑް، ނެދަރލޭންޑްސް ހިމެނެއެވެ.

ޔޫރަޕުން މިލިސްޓަށް އެންމެފަހުން އިތުރުވެފައި މިވަނީ ފްރާންސް، ޖަރުމަނު އަދި އިޓަލީއެވެ.

ޔޫރަޕުން ބޭރުން އެސްޓްރަޒެނެކާގެ ވެކްސިނާ ދެކޮޅަށް މިހާތަނަށް ފިޔަވަޅު އެޅި ގައުމުތަކަކީ، ތައިލެންޑް، ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯ އަދި އިންޑޮނޭޝިޔާއެވެ.

މިގައުމުތަކުގެ އިތުރުންވެސް، ދުނިޔޭގެ ގިނަ ގައުމުތަކުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެކަމަކު، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއާއި، ޔޫރަޕިއަން މެޑިސިންސް އޭޖެންސީއާއި އެސްޓްރަޒެނެކާ ކުންފުނިންވެސް ބުނަމުން ގެންދަނީ ވެކްސިންގައި އެއްވެސް ގޯހެއް ނެތް ކަމަށެވެ.